ޔޫރަޕް އަދި ބޯލްކަންގައި ހިމެނޭ ގައުމުތަކަށް ތެލާއި ގޭސް ފޯރުކޮށްދޭ އެންމެ ބޮޑު ގައުމު، ރަޝިއާގެ ތެޔޮ ދެން ގަންނާނެ އެންމެ މަތީ އަގަކީ ފީފާއަކަށް 60 ޑޮލަރު ކަމަށް އީޔޫއިން ކަނޑައަޅައިފިއެވެ.

އީޔޫގެ މެންބަރުންގެ ގޮތުގައި ހިމެނޭ 27 ގައުމުން މިކަމަށް އެއްބަސްވެ ނިންމި ނިންމުމާއެކު ރަޝިއާއަށް 2 ބިލިއަން ޑޮލަރުގެ ގެއްލުމެއް ވާނެއެވެ.

ފީފާއަކަށް 60 ޑޮލަރަކީ ކަނޑުމަގުން ޔޫރަޕަށް އެތެރެ ކުރާ ރަޝިއާގެ ތެލަށް ދޭނެ އެންމެ މަތީ އަގު ނަމަވެސް ފީފާއަކަށް 30-40 ޑޮލަަރާ ދޭތެރޭ ހިފަހައްޓަން އީޔޫއިން މަޝްވަރާ ކުރިއެވެ. އެ ރޭޓުގައި ނޫން ގޮތަކަށް ރަޝިއާގެ ތެޔޮ ނުގަންނާން އީޔޫ ނިންމި ނަމަ، ރަޝިއާއަށް ލިބޭ ގެއްލުން 5 ބިލިއަން ޑޮލަރަށް ވުރެ މަތިވާނެއެވެ. ނަމަވެސް މިހާރު ގަންނަން ނިންމި ރޭޓުންވެސް ބޮޑު ގެއްލުމެއް ވާ އިރު ބާޒާރުގައި ސާފުނުކުރާ ތެޔޮ ފީފާއެއް އިއްޔެވެސް ހުރީ 82 ޑޮލަރުގައެވެ.

ރަޝިއާގެ ތެޔޮ ގަތުމުގައި، ފިކްސްޑް ރޭޓެއް ކަނޑައަޅަން އީޔޫއިން މަޝްވަރާ ކުރަމުން ދިޔަ އިރު ރަޝިއާއިން ބުނެފައި ވަނީ، ތެޔޮ ގަންނަ އަގު ކަނޑައަޅައިފިނަމަ، ނުވަތަ ކެޕް ކޮށްފި ނަމަ އެ ކަނޑައަޅާ ރޭޓުގައި ތެޔޮ ނުވިއްކާނެ ކަމަށެވެ.

އީޔޫގެ މި ނިންމުމަށް އެމެރިކާއިން މަރުހަބާ ކިޔާފައި ވާ އިރު، ރަޝިއާއިން އަދި އެއްޗެއް ނުބުނެއެވެ.

މި ނިންމާއެކު އީޔޫއިން ބުނީ، މިއީ ޔޫކްރައިން އާ ދެކޮޅަށް ރަޝިއާއިން ކުރަމުން ދާ ހަނގުރާމައަށް ހަރަދު ކުރަން ރަޝިއާއިން ތެޔޮ ވިއްކައިގެން ހޯދާ ފައިސާ ބޮޑުތަނުން މަދުވާނެ ކަމެއް ކަމަށެވެ. އަދި ބޭނުމަކީވެސް އެއީ ކަމަށާއި ރަޝިއާއަށް ފިލާވަޅެއް ދޭން ޖެހޭ ކަމަށެވެ.

ޔޫކްރައިން ހަނގުރާމަ 9 މަސް ފަހަނައަޅާ ގޮސްފައި ވާ އިރު، ޔޫކްރައިންގެ ސިފައިންގެ 13،000 އަށް ވުރެ ގިނަ މީހުން މަރުވެފައި ވާ ކަމަށް އެގައުމުގެ އިދާރާތަކުން ބުނެއެވެ. އަދި ރަޝިއާ ސިފައިންގެ ތެރެއިން 50،000 އެއްހާ މީހުން މަރުވެފައި ވާކަމަށް ތަފާސްހިސާބު އެއްކުރާ ފަރާތްތަކުން ބުނެއެވެ. ހަނގުރާމައިގައި ދެފަރާތަށް ލިބެމުންދާ ގެއްލުންތަކުގެ ސާފު މައުލޫމާތު ނުލިބުނަސް، ޔޫކްރައިންގެ އުމްރާނީ ތަރައްގީގެ އެތައް ބިނާއެއް ވަނީ ބިމާ ހަމަކޮށްލާފައެވެ. އެތައް ޝަހަރެއް ފަޅުވެ، ޔޫކްރައިންގެ ބިމުގެ 15 ޕަސެންޓް ރަޝިއާއިން ވަނީ ހިފާފައެވެ. އެއީ ހާސަން، ލުހާންސްކް، ޒެޕްރޯޒިއާގެ އިތުރުން ޑޮނެސްކް އެވެ. މީގެ ތެރެއިން ހާސަން، މިހާރުވަނީ ޔޫކްރައިން ސިފައިން އަނބުރާ އަތުލާފައެވެ. އަދި ޑޮނެސްކް އާއި ޒެޕްރޯޒިއާގެ އިތުރުން ލުހާންސްގެ ދެބައިކުޅަ އެއްބައި ސަރަހައްދުވެސް އަތުލެވިފައި ވާ ކަމަށް ޔޫކްރައިންގެ އޮފިޝަލުން ވިދާޅުވެއެވެ.

ހަނގުރާމައިގެ މިހާލަތުގައި، ރަޝިއާގެ ރައީސް، ވްލްޑިމިއާ ޕުޓިން އާ މަޝްވަރާ ކުރައްވަން ބޭނުންވާކަން އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ ހާމަ ކުރައްވާފައެވެ. ނަމަވެސް ކުރައްވާ ޝަރުތަކީ ޔޫކްރައިން އިން ފޭބުން ކަމަށާއި ރަޝިއާއިން ބުނެފައި ވަނީ މަޝްވަރާ އަށް ދާން ޔޫކްރައިން އިން ނުފައިބާނެ ކަމަށާއި މަޝްވަރާ އަށް ދެވޭނީ ރަޝިއާއިން ހިފި 4 ސަރަހައްދަކީ ރަޝިއާގެ ތަންތަން ކަމަށް ބަލައިގަތުމުން ކަމަށެވެ.