ގައުމުން ބޭރުގައި މަސައްކަތް ކުރާ މީހުން، އެމީހުންގެ އަމިއްލަ ގައުމަށް ލާރި ފޮނުވައިގެން މިހާތަނަށް 1 ގައުމަކަށް ރެކޯޑް އަދަދެއްގެ ފައިސާ ފޮނުވުނު ގައުމަކީ އިންޑިއާއެވެ.

ދުނިޔޭގެ އެތަން މިތާނގައި އިންޑިއާގެ މީހުން އެކިއެކި ވަޒީފާތަކުގައި އުޅޭ އިރު، އެމީހުންނަށް ލިބޭ މުސާރައާއި އިނާޔަތްތައް ގައުމަށް ފޮނުވައެވެ. ދުނިޔޭގެ އެހެން ބައެއް ގައުމުތަކުގެ ރައްޔިތުންވެސް މިގޮތަށް މިކަން ކުރި ނަމަވެސް އިންޑިއާގެ ރައްޔިތުން އަމިއްލަ ގައުމަށް 100 ބިލިއަން ޑޮލަރު ފޮނުވައިގެން މިއަހަރު ވަނީ ރެކޯޑް ހަދާފައެވެ.

ވޯލްޑްބޭންކުން ބުނީ، މިއީ އާންމުކޮށް ވަކިވަކި ގައުމަކަށް ގާއިމު ކުރެވޭ ރެކޯޑެއް ނޫން ކަމަށާއި ނަމަވެސް އިންޑިއާއިން މިއަހަރު އެހާ ފައިސާ ގައުމަށް ވެއްދި އިރު މިއީ މިދިޔަ އަހަރަށް ވުރެ 5 ޕަސެންޓް އިތުރު އަދަދެއް ކަމަށްވެސް އެ ބޭންކުން ބުނެއެވެ.

އިންޑިއާގެ ޖީޑީޕީގެ 3 ޕަސެންޓަކީ އެކި ގައުމުތަކުގައި މަސައްކަތް ކުރާ އިންޑިއާ މީހުން ގައުމަށް ފޮނުވާ ފައިސާ ކަމަށް ވާއިރު މިއަހަރުގެ އަދަދު ބޮޑުވީ، ރަނގަޅު އާމްދަނީ ލިބޭ ގައުމުތަކުގެ ރަނގަޅު ވަޒީފާތަކަށް އިންޑިއާގެ ގިނަ ބަޔަކު ދިޔުމާއި، އެމެރިކާއާއި އިނގިރޭސިވިލާތް ފަދަ ގައުމުތަކުގައި މުސާރައިގެ އޮނިގަނޑު ރަނގަޅުވުމުން ކަމަށް ބުނެއެވެ. އަދި މިހާރު އިންޑިިއާގެ މީހުން ރަނގަޅު ވަޒީފާ ހޯދުމަށް އެންމެ ގިނައިން ދަނީ ޔޫކޭއާއި އެމެރިކާއާއި ސިންގަޕޫރަށް ކަމަށްވެސް ރެކޯޑްތަކުން ދައްކައެވެ.

އިންޑިއާ ފިޔަވައި ގައުމަށް، އެގައުމެއްގެ ރައްޔިތުންގެ ފަރާތުން އެންމެ ގިނަ ލާރި ވައްދާ ގައުމުތަކަކީ، މެކްސިކޯއާއި ޗައިނާ އާއި މިސްރާއި ފިލިޕީންސެވެ.

ރާއްޖެ ހިމެނޭހެން އެކި ގައުމުތަކުގައި އިންޑިއާގެ އެތައްބަޔަކު ވަޒީފާ އަދާކުރާ އިރު، ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކުގެ ތެރެއިން ނޭޕާލް އަށް ވެސް ވަނީ ރައްޔިތުންގެ ފަރާތުން ގައުމަށް ލިބޭ ފައިސާގެ މިންވަރު އިތުރު ވެފައެވެ. ނަމަވެސް އޭޝިއާގެ އެހެން ގައުމުތަކަށް، އެގައުމެއްގެ ރައްޔިތުންގެ ފަރާތުން ލިބޭ ފައިސާގެ އަދަދު ވަނީ 10 ޕަސެންޓަށް ވެއްޓިފައެވެ.

ވޯލްޑްބޭންކުން ބުނީ، އެންމެ ފަގީރު ގައުމުތަކާއި މެދު ފަންތީގެ ގައުމުތަކަށް، މިހިނގާ 2022 ވަނަ އަހަރު 256 ބިލިއަން ޑޮލަރު، ރައްޔިތުންގެ ފަރާތުން ލިބިފައި ވާ ކަމަށެވެ. ނަމަވެސް އަންނަ އަހަރު، ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގަށް އަންނަ ބަދަލުގެ ސަބަބުން، އެބައެއްގެ ގައުމަށް އެބަޔަކަށް ފޮނުވޭނެ މިންވަރު ދަށްވާނެ ކަމަށް އަންދާޒަ ކުރެއެވެ.