ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ވެރިކަން ލިބިވަޑައިގަތުމުން ފުރަތަމަ މަސައްކަތް ކުރެއްވީ ގުޅިގެން ކަމަށާއި، ނަމަވެސް އެމަނިކުފާނު ފަހުން މަސައްކަތްކުރެއްވީ ބާރުތައް ޖަމާކުރައްވަން ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
"އާސްކް ސްޕީކާ"ގެ އެހެން ޕްރޮގްރާމްތަކެކޭ ވެސް އެއްފަދައިން، ހަ ވަނަ އަށް ޕްރޮގްރާމްގައި ވެސް ނަޝީދު ވަނީ އާންމުން ކުރިމަތިކުރި އެކި ސުވާލުތަކަށް ޖަވާބު ދެއްވައިފައެވެ.
އާންމުންގެ ތެރެއިން މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ، އެމަނިކުފާނު އަބަދު ވެސް މަސައްކަތް ކުރެއްވީ އަދި ބޭނުންފުޅުވީ ޑިމޮކްރަސީގެ އުސޫލުތައް އަށަގަންނަވައި ދިވެހިންނަށް ތަނަވަސްކަން ލިބޭނެ ފަދަ ގޮތަކަށް ވެރިކަން ކުރިއަށް ގެންދިއުމަށް ކަމަށެވެ. ނަމަވެސް މިއަދު ވެރިކަން ގޮސްފައިވާ ހިސާބާ މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ. ވަކިން ހާއްސަކޮށް ނަޝީދު ފާހަގަކުރެއްވީ ދައުލަތުގެ ރިޒާވް މަދުވެގެން ދިއުމާއި ދަރަނީގެ މައްސަލަތަކެވެ.
އެއަށްފަހު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ގުޅޭ ގޮތުން ނަޝީދު ވިދާޅުވީ، ވެރިކަމަށް ވަޑައިގަތުމަށް ފަހު އެމަނިކުފާނާ ގުޅިގެން ރައީސް މަސައްކަތްކުރެއްވީ ވަރަށް ގުޅިގެން ކަމަށެވެ. ނަމަވެސް އޭގެ ފަހުން ރައީސް މަސައްކަތްކުރައްވަމުން ގެންދެވީ ބާރުތައް ޖަމާކުރުމަށް ކަމަށް ވިދާޅުވިއެވެ.
"ވެރިކަމަށް ވަޑައިގެންފަ 2019 އާ ހަމައަށް އަޅުގަނޑާ ވަރަށް ގުޅިގެން މަސައްކަތްކުރެއްވީ، ދެން އެހެން ނަމަވެސް އޭގެ ފަހުން ވެރިކަމުގެ ތޮބީއަތެއް ވެސްމެ އެއީ. މަސައްކަތްކުރެއްވުނީ ބޮޑަށް ބާރު ޖަމާކުރުމަށް. ޕަވާ ކޮންސޮލިޑޭޓް ކުރުމަށް." ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ، ރައީސް ބާރުތައް ޖަމާކުރައްވަން މަސައްކަތް ކުރެއްވިކަން ބޮޑަށް ހާމަވީ މިދިޔަ މޭ މަހު ބޭއްވި އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ކަމަށާއި، ނަމަވެސް އެ މަސައްކަތްޕުޅަކީ ރައީސަށް ފަސޭހަ މަސައްކަތްޕުޅެއްނޫންކަން އެތެރޭގެ އިންތިހާބަށް ފަހު ސާފުވެގެން ހިނގައްޖެ ކަމަށެވެ.
މީގެ ކުރިން ވެސް ސަރުކާރުގެ ބައެއް ސިޔާސަތުތަކާ މެދު ހިތްހަމަޖެހިވަޑައިނުގެން ނަޝީދު ވާހަކަފުޅު ދެއްކެވި ނަމަވެސް، މިއީ މިހާ ސީދާ ގޮތެއްގައި ނަޝީދު ރައީސަށް އަމާޒުކުރައްވައި ފާޑުވިދާޅުވި ފުރަތަމަ ފަހަރެވެ.
ޞޯލިހުއާއި ނަޝީދުވެސް ދިޔައީ ހަމަ އެއްދިމާލަކަށް އެއީ ވެރިކަމުގަ ބަގުޑިބައްދަންވެގެން އިންޑިއާގެ އަޅުވެތިކަމަށް ގައުމު ފުރޮޅާލުން. މިކަން ހަމަ ނަޝީދަށާ އޭނާގެ ޕަޕެޓުންނަށް ރަގަޅު. ގޯސްވި ހިސާބަކީ ނަޝީދު އެދޭގޮތަށް ބަރުލަމާނީ ނިޒާމު (ގަދަބާރުން) ގެނެއްސަ އޭނާއަށް ބޮޑުވަޒީރު ކަން ދީފަ ޞޯލިޙު ރައީސްކަމުގައި ރަމްޒީ ގޮތެއްގައި ހުންނަން ގަބޫލުނުވި ހިސާބު.