އިންޑިއާ އާއި ޗައިނާ ހިއްސާ ކުރާ ސަރައްދީ އިން ނުވަތަ ލައިން އޮފް ކޮންޓްރޯލްގައި އެމެރިކާ އާ ގުޅިގެން އިންޑިއާއިން މިހާތަނަށް ބާއްވާ އެންމެ ބޮޑު އަސްކަރީ ހަރަކާތް ނުހިންގަން ޗައިނާއިން ބުނުމުން އިންޑިއާއިން ރައްރު ދީފިއެވެ.

އިންޑިއާއިން ބުނީ 1993 އާއި އަދި 1996 ގައި ޗައިނާ އާ އެކު ހަދާފައިވާ އެއްބަސްވުން ތަކާއި މިހާރު ކުރިއަށް ގެންދަން އުޅޭ އަސްކަރީ ހަރަކާތާ ގުޅުމެއް ނެތް ކަމަށެވެ.

ނަމަވެސް ޗައިނާއިން އެ އެއްބަސްވުންތަކުގެ ވާހަކަ ދައްކާތީ އިންޑިއާއިން ބުނީ، ޗައިނާއިންވެސް އެތައް ފަހަރަކު އެ އެއްބަސްވުންތަކާ ހިލާފުވެފައި ވާ ކަމަށެވެ.

ނިއުދިއްލީގައި ހުންނަ އިންޑިއާގެ ފޮރިން މިނިސްޓްރިގެ ތަރުޖަމާން އަރިންދަމް ބާޗީ ވިދާޅުވީ، އިންޑިއާ އާއި އެމެރިކާ ގުޅިގެން ލައިން އޮފް ކޮންޓްރޯލް ގެ އައުލީގައި އަސްކަރީ ހަރަކާތް ގެންދިއުމާ ދެކޮޅަށް ޗައިނާ އަކީ ވީޓޯ ކުރާން ހުއްދަ ދީފައި އޮތް ފަރާތެއް ނޫން ކަމަށާއި 3 ވަނަ ފަރާތަކަށް އެ ހަރަކާތުގެ ތެރެއަށް ނުވަދެވޭނެ ކަމަށެވެ.

"އިންޑިއާއިން ބޭނުންވާ ބަޔަކާ އެކު ތަމްރީނުތައް ކުރިއަށް ގެންދާނަން، އަދި ވީޓޯ ކުރުމުގެ ބާރު 3 ވަނަ ގައުމަކަށް ނުދެން"

އިންޑިއާ އާއި ޗައިނާ އަކީ، ލައިން އޮފް ކޮންޓްރޯލް ނުވަތަ ދެގައުމު ހިއްސާ ކުރާ އިމުގެ މައްސަލައިގައި 2020 އިން ފެށިގެން ކުރިމަތިލުންތައް ހިންގަމުން އަންނަ ދެގައުމެވެ. މާސިންގާ ބޮޑެތި ހަނގުރާމަތައް ނުކުރި ނަމަވެސް ދެފަރާތުގެ ދެމެދުގައި ބޮޑުބަޑިއާއި އާދައިގެ ހަތިޔާރުން ހަނގުރާމަ ކުރެއެވެ. އަދި ދެފަރާތުން އެތައް ބަޔަކު މަރުވެފައި ވެސް ވެއެވެ. މި ހަމަނުޖެހުން އެންމެ ބޮޑަށް ހިނގަމުން ދަނީ ވިޔަފާރީގެ މަގުތައް ވެސް އޮންނަ ދެގައުމު ހިއްސާ ކުރާ އިމުގައި ކަޝްމީރާ ކައިރީގައި އޮންނަ ލަދާކުގައެވެ. މިއީ ފިނި ފަރުބަދަ މަތީ ސަރަހައްދެކެވެ.

މިހާރު ތަމްރީންތައް ފަށާފައި ވާ އައުލީ އަކީ ޗައިނާގެ ޓިބެޓާ 100 ކިލޯމީޓަރު ދުރުގައި އޮންނަ ތަނެކެވެ. އިންޑިއާ އާއި ޗައިނާ އެއްބަސްވެ އެކުލަވާލި 1993 ގެ އެގްރީމަންޓުގައި ބުނަނީ ލައިން އޮފް ކޮންޓްރޯލްގައި ސުލްހަ އާއި އަމާންކަން ގާއިމު ކުރަން ދެގައުމު އެކުގައި މަސައްކަތް ކުރާނެ ކަމަށެވެ. 1996 ގެ އެއްބަސްވުމުގައި ބުނަނީ، ލައިން އޮފް ކޮންޓްރޯލްގައި ސުލްހަ ދަމަހައްޓަން އެއްފަރާތުން އަނެއް ފަރާތަށް އިތުބާރު އުފެއްދުމަށް ކުރަން ޖެހޭ ކަަންކަން ކުރާނެ ކަމަށެވެ.

މިއީ އަހަރު ނިމުމުގެ ކުރިން، އެމެރިކާއާއި، މަލަބާރު، ޖަޕާން އަދި އޮސްޓްރޭލިއާގެ އިތުރުން އޭޝިއާގެ 3 ގައުމު ހިމެނޭ ގޮތުން ބާއްވަން އިންޑިއާއިން ބުނީ ވަރުގަދަ އަސްކަރީ ތަމްރީނެވެ.

މި ތަމްތީނުތަކުގައި އިންޑިއާގެ ހަނގުރާމަ މަތީ މަނަވަރުތަކާއި، ސަބްމެރީން އާއި ފައިޓާ ޖެޓްތަކާއި، މަތިންދާ ބޯޓާއި ހެލިކޮޕްޓަރުތައް ބޭނުން ކުރާ ކަމަށް ހަބަރުތައް ބުނެއެވެ. މި އުޅަނދުތަކުގެ އެހީގައި އެއްގަމާއި ވަޔާއި ކަނޑުގެ ބާރު ދައްކާލާނެއެވެ.

މި ތަމްރީންތައް ނިމޭނީ މިމަހުގެ 18 ގައި ކަމަށް ހަބަރުތައް ބުނެއެވެ.