ގަތަރުގައި ހިނގަމުންދާ ވޯލްޑްކަޕްގެ ގްރޫޕް އެފްގެ އެއްވަނަ ހޯދައިގެން މޮރޮކޯ ދެވަނަ ބުރަށް ދަތުރުކޮށްފިއެވެ. މިއީ 1986 ވަނަ އަހަރުގެ ފަހުން އެޓީމުން ގްރޫޕް ސްޓޭޖް ކަނޑަތުކޮށް ގަދަ 16 އަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ.
މޮރޮކޯއަށް ގަދަ 16 އާއި މުބާރާތުގެ އެއް ވަނަ ކަށަވަރުވީ މިރޭ 2-1 އިން ކެނެޑާގެ މައްޗަށް ކުރި ހޯދުމުންނެވެ. މިއާއެކު މުބާރާތުގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ އެއް މެޗުން އެއްވަރުވެގެން އެޓީމަށް ވަނީ 7 ޕޮއިންޓް ލިބިފައެވެ. 2018 ވަނަ އަހަރުގެ ވޯލްޑްކަޕްގެ ފައިނަލާ ހިސާބަށް ދަތުރުކުރި ކޮރެއޭޝިޔާއާ އެ މުބާރާތުގެ ސެމީއާއި ހިސާބަށް ދިޔަ ބެލްޖިއަމް އޮތް ގްރޫޕެއްގެ އެއްވަނަ މޮރޮކޯ ނެގުމަކީ އެގައުމުގެ ފުޓްބޯޅަ އަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެކެވެ.
ކެނެޑާއާ ދެކޮޅަށް ކުޅުނު މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ވެސް މޮރޮކޯއިންނެވެ. މިގޮތުން، މެޗުގެ 4 ވަނަ މިނެޓްގައި މޮރޮކޯގެ ހަކީ ޒިއެޗް ޖެހި މިލަނޑަކީ ކެނެޑާގެ ކީޕަރު އަތުން ހެދުނު ގޯހަކުން ވަތް ލަނޑެކެވެ.
މެޗުގެ 23 ވަނަ މިނެޓްގައި މޮރޮކޯއިން އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާ ކުރިއެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ޔޫސުފް އެން ނަސްރީއެވެ. އެހެން ނަމަވެސް ފުރަތަމަ ހާފް ނިނުމެނީސް ސްކޯ 2-1 އަކަށް ބަދަލުވިއެވެ. އެއީ މޮރޮކޯގެ ޑިފެންޑަރެއްގެ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. މިއީ މިމުބާރާތުގައި ޖެހި 100 ވަނަ ލަނޑު ވެސްމެއެވެ.
މެޗުގެ ދެވަނަ ހާފްގައި މުޅިހެން ކުޅުނީ ކެނެޑާއިންނެވެ. އެހެން ނަމަވެސް އެޓީމަށް އިތުރު ލަނޑެއް ނުޖެހުނު އިރު މިމެޗު ނިމުނީ 2-1 އިން މޮރޮކޯ މޮޅުވެގެންނެވެ.
ދެވަނަ ބުރުގައި މޮރޮކޯއިން ކުޅެން ޖެހޭނީ ގްރޫޕް އީގެ ދެވަނަ ޓީމާއެވެ. އެ ގްރޫޕްގެ ދެވަނަ ޓީމު އެނގިގެންދާނީ ދަންވަރު ކުޅޭ މެޗުތައް ނިމުމުންނެވެ.