ގަތަރުގައި މިހާރު ހިނގަމުންދާ ފީފާ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އެފްގައި މިރޭ ކްރޮއޭޝިޔާއާއި ބެލްޖިއަމް ވާދަކުރި މެޗު 0-0 އިން އެއްވަރުވުމުން ބެލްޖިއަމް މުބާރާތުން ކަޓައިފިއެވެ.

ފިފާ ރޭންކިންގްގެ ދެވަނަ ޓީމު ބެލްޖިއަމް މިމުބާރާތުން ކެޓީ މި ގްރޫޕްގައި ކުޅުނު އަނެއް މެޗުން މޮރޮކޯ 2-1 އިން ކެނެޑާ ބަލިކުރުމާއެކުއެވެ. މުބާރާތުގައި ކުޅުނު ތިން މެޗުގެ ތެރެއިން ބެލްޖިއަމްއަށް މޮޅުވެވުނީ އެންމެ މެޗަކުންނެވެ. އަދި އެޓީމަށް މުޅި މުބާރާތުގައި ވެސް ޖެހިފައިވަނީ އެންމެ ގޯލެކެވެ. އަނެއް މެޗުން ބަލިވި އިރު މިރޭގެ މެޗުން އެއްވަރުވެ ބެލްޖިއަމް އަށް ލިބުނީ ޖުމްލަ 4 ޕޮއިންޓެވެ.

ބެލްޖިއަމް ކްރޮއޭޝިޔާ މެޗުގައި ވަރުގަދަ ކުޅުމެއް ފެނިގެން ދިޔަ އިރު ދެ ޓީމަށް ވެސް މާގިނަ ހަމަލާތަކެއް އުފެއްދިފައެއް ނުވެއެވެ. މިގޮތުން ދެ ޓީމަށް ވެސް ގޯލަށް ނުރައްކާ ވާ ގޮތަށް ފޮނުވާލެވިފައިވަނީ އެންމެ ހަތަރު ޝޮޓެވެ.

މިރޭގެ ނަތީޖާއެކު ކްރޮއޭޝިޔާ މިވަނީ ދެވަނަ ބުރަށް ދަތުރުކޮށްފައެވެ. އެހެން ނަމަވެސް މިދިޔަ ވޯލްޑްކަޕްގެ ރަނަރަޕް ޓީމު ދެވަނަ ބުރަށް ދިޔައީ މި ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައެވެ. އެޓީމުން ދެވަނަ ބުރުގައި ކުޅެން ޖެހޭނީ ގްރޫޕް އީގެ އެއްވަނަ ޓީމާއެވެ. މި ވަގުތު އެއްވަނައިގައި އޮތީ ސްޕެއިނެވެ.