މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރިޔާސީ އިންތިހާބުގެ ޕްރައިމަރީއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެމްއެންޕީން ބުނީ، ޕްރައިމަރީއަށް ކުރިމަތިލެވޭނީ އެ ޕާޓީގެ މެންބަރުންނަށް ކަމަށް ވާއިރު މެންބަރިންގެ ދަފްތަރު ގޮތުގައި ބަލާނީ ޕާޓީގެ އިދާރާއިން ބަލަހައްޓާ ދަފްތަރު ކަމަށެވެ.
އެ ގޮތުން ޕަރައިމަރީއަށް ކުރިމަތިލާ މީހުން މޯލްޑިވްސް ނެޝަނަލް ޕާޓީގެ ރިޔާސީ އިންތިހާބުގެ ޕްރައިމަރީއަށް ކުރިމަތިލުމަށް އެދޭ ފޯމާއި، ފޯމުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް މި މަހުގެ 14 ވަނަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން އެ ޕާޓީގެ އޮފީސް، މއ. ކެލާވީ ފަސްޓް ފްލޯއަށް ވަޑައިގެން ފޯމް ހުށަހެޅުމަށް އެމްއެންޕީން ބުނެއެވެ. އީމެއިލް ކުރަން ބޭނުންވާ މީހުންނަށް އީމެއިލް ކުރުމުގެ ފުރުސަތު ވެސް އެބަ އޮތް ކަމަށާއި ފޯމާއި ފޯމާ އެކު ހުށަހަޅަން ޖެހޭ ލިޔުންތައް މި އީމެއިލަށް ފޮނުވުމަށް އެމްއެންޕީން ބުނެއެވެ.
އެމްއެންޕީގެ ރިޔާސީ ޕްރައިމަރީއަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތައް:
- އެމްއެންޕީގެ މެންބަރެއް ކަމުގައި ވުން
- އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަމަށް ޝަރީޢަތަށް ސާބިތުވެފައިވާ މީހެއް ކަމުގައިނުވުން
- އުމުރުން 18 އަހަރު ފުރިފައިވާ މީހެއް ކަމުގައިވުން
- އިންސާނީ ހައްގަކަށް އަރައިގަނެފައިވާ ކަމަށް ޝަރީއަތަށް ސާބިތުވެފައިވާ މީހެއް ކަމުގައިނުވުން
- ކުޑަކުއްޖަކާ މެދު ބަދުއަހްލާގީ އަމަލެއް ހިނގި ކަމަށް ޝަރީއަތަށް ސާބިތުވެފައިވާ މީހެއް ކަމުގައިނުވުން
- ޕާޓީގެ ސުލޫކީ ގަވާއިދާ ހިލާފްވުމުގެ ސަބަބުން ސުލޫކީ ކޮމިޓީން ނުވަތަ އިސްތިއުނާފް ކޮމިޓީން އެއްވެސް ފިޔަވަޅެއް އަޅާފައިވާ ނަމަ، އެފިޔަވަޅެއް ތަންފީޒުކޮށް ނިމުނުތާ އެއް އަހަރު ވެފައިވުން
މި ކަމާ ގުޅީގެން އިތުރު މައުލޫމާތު ސާފުކިުރަން ބޭނުންވާ ނަމަ އެމްއެންޕީގެ ނަންބަރު 9708080 އާއި ގުޅައިގެން ކުރިއަށް ގެންދިއުމަށް އެ ޕާޓީން ބުނެއެވެ.