ވެރިކަމުގެ އެންމެ ފަހު އަހަރު، ރާއްޖޭގެ ވެރިކަމުގެ ނިޒާމް ރިޔާސީ ނިޒާމުން ބަރުލަމާނީ އަށް ބަދަލުކުރުމާ މެދު ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓަކަށް ދިއުމަށް އެއްބަސްވެފައިވާ ކަމަށާއި، އެ ވައުދު ފުއްދުމަށް ފަހުގައި ނޫނީ ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީން ޕްރައިމަރީގެ ވާހަކަ ދެއްކުން ރަނގަޅުނޫން ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ކޮންމެ އަހަރަކު ދެ ފަހަރު ރައްޔިތުންގެ މަޖިލީހުން ބާއްވާ "އާސްކް ސްޕީކާ" ޕްރޮގްރާމުގެ ހަވަނަ ޕްރޮގްރާމްގައި މިއަދު ވެސް ނަޝީދު ވަނީ އާންމުން ކުރިމަތިކުރި އެކި ސުވާލުތަކަށް ޖަވާބު ދެއްވައިފައެވެ.

އާންމުންގެ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެމްޑީޕީގެ ވެސް ރައީސްކަން ކުރައްވާ ނަޝީދު ވިދާޅުވީ، އަންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައަޅަން ބާއްވާ ޕްރައިމަރީއަކަށް ދިއުމުގެ ކުރިން، މިދިޔަ އިންތިހާބުގެ ދުވަސްވަރު އެމްޑީޕީން ވީ އެންމެ ބޮޑު އެއް ވައުދަކީ ވެރިކަމުގެ ނިޒާމް ބަރުލަމާނީ އަށް ބަދަލުކުރުމުގެ ވައުދު ކަމަށެވެ. މި ވެރިކަމުގައި އެމްޑީޕީން ވި ވައުދުނާމާ ދައްކަވައި އެމަނިކުފާނު ވިދާޅުވި ގޮތުގައި ވެރިކަމުގެ ނިޒާމް ބަރުލަމާނީ އަށް ބަދަލުކުރުމުން:

  • ސަރުކާރުގެ މަތިބަރުކަން ބޮޑުތަނުން ކުޑަވެގެން ދާނެ
  • ދައުލަތުގެ ހަރަދު އިންތިހާ އަށް ކުޑަވެގެން ދާނެއެވެ
  • ރައްޔިތުންނާ ގާތުން ހިދުމަތް ފޯރުކޮށްދިނުމަށް މަގުފަހިވެގެން ދާނެ

ނަޝީދު ވިދާޅުވި ގޮތުގައި، ވެރިކަމުގެ ނިޒާމް ކަނޑައެޅުމަށްޓަކައި ފެންނަ ނުފެންނަ ވޯޓެއް ނަގާނެ ކަމަށް ވަރަށް ސާފުކޮށް އެމްޑީޕީން 2018 ވަނަ އަހަރުގެ މެނިފެސްޓޯގައި ބަޔާންކޮށްފައި ވެއެވެ. އަދި ގުޅިފައިވާ ކޯލިޝަންގައި ތިބި ޕާޓީތަކުން ވެސް އެކަމަށް އެއްބަސްވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި އެމްޑީޕީ ރިޔާސީ ޕްރައިމަރީއެއްގެ ވާހަކަ ދައްކައިގެން ނުވާނެ މި ފެންނަ ނުފެންނަ ޥޯޓު ނުނަގައެއް. މިއީ އަޅުގަނޑުމެން ރައްޔިތުންނަށް ވެފައި އޮތް އެންމެ ބޮޑު ވައުދު."

"މި ވައުދު ފުއްދުމަށް ފަހުގަ ނޫނީ އަޅުގަނޑު ދެކޭ ގޮތުގައި އަޅުގަނޑުމެން ޕްރައިމަރީ އާ ދިމާލަކަށް މިސްރާބު ޖެހުމަކީ ރަނގަޅު ކަމެއްނޫން." ނަޝީދު ވިދާޅުވިއެވެ.

ހަމަ އެއާއެކު، ރާއްޖޭގައި މިވަގުތު މާލީ ކަންކަން ވަރަށް ދަށްވެފައިވާ ކަމަށް ވިދާޅުވެ، ނަޝީދު ވިދާޅުވީ، ދައުލަތުގެ ރިޒާވް އިންތިހާ އަށް ދަށްވެފައިވާއިރު، ބޭހާއި ކާނާ އާއި ކޮންމެހެން ބޭނުންވާ އިމްޕޯޓުތަކަށް އަޅާ ބެލީމާ، ދަރަނި އަދާކުރުމަށް ކުރަންޖެހޭ ހަރަދު އިންތިހާ އަށް ބޮޑުވެފައިވާ ކަމަށެވެ.

"އެހެންވީމާ އަޅުގަނޑު ރިޔާސީ އިންތިހާބަކަށް ދުއްވައިގަތުމުގެ ކުރީގައި އަޅުގަނޑުގެ ނަޒަރުގައި މި ދެންނެވި ދެ ނުކުތާ އަށް އަޅުގަނޑުމެން އެންމެން ވަރަށް ބޮޑަށް އެބަ ވިސްނަން ޖެހޭ." ނަޝީދު ވިދާޅުވިއެވެ.