ގަތަރުގައި ހިނގަމުންދާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ އަކީ ވެސް ބޮޑު ރެއެކެވެ. ގްރޫޕް ސްޓޭޖްގެ އެންމެ ފަހު މެޗުތައް މިހާރު ކުޅެމުންދާ އިރު މިއަދުގެ ނަތީޖާތަކުން ގްރޫޕް އީ އަދި އެފްގެ ފުރަތަމަ ޓީމާއި ދެވަނަ ޓީމު އެނގިގެންދާނެއެވެ.
މިރޭ 8 ޖަހާ އިރު ގްރޫޕް އެފްގެ ފަހު ތަޅާލުންގަނޑު
ގްރޫޕް އެފްގައި ހިމެނޭ ޓީމުތަކުގެ ތެރެއިން ތިން ޓީމަކަށް ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު އެބައޮތެވެ. މިގޮތުން، ކުޅުނު ދެ މެޗުގެ ތެރެއިން އެއް މެޗުން މޮޅުވެ އެއް މެޗުން އެއްވަރުވެގެން މޮރޮކޯ އަދި ކްރޮއޭޝިޔާ އޮތީ ހަތަރު ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނަ އަދި ދެވަނައިގައެވެ. މުބާރާތުގައި ކުޅުނު ދެ ފުރަތަމަ މެޗުން މޮޅުވެ ދެވަނަ މެޗުން ބަލިވި ބެލްޖިއަމް އޮތީ ތާވަލުގެ ދެވަނައިގައެވެ.
މޮރޮކޯއިން މިރޭ ވާދަ ކުރާނީ ކުޅުނު ދެ މެޗުން ދަށްވެ މުބާރާތުން ކަޓާފައިވާ ކެނެޑާއާއެވެ. މިމެޗުން މޮޅުވެގެން މޮރޮކޯއަށް ދެވަނަ ބުރަށް ދެވޭނެ އިރު އެއްވަރުވެއްޖެނަމަ މޮރޮކޯ މުބާރާތުން ކެޓުމާއި ނުކެޓުން ނިންމާނީ ގްރޫޕްގައި ކުޅޭ އަނެއް މެޗުގެ ނަތީޖާއިންނެވެ.
މި ގްރޫޕްގައި ކުޅޭ އެންމެ ވަރުގަދަ މެޗަށް ކްރޮއޭޝިޔާއާއި ބެލްޖިއަމް މިރޭ ނިކުންނަ އިރު މިމެޗުން މޮޅުވުން ދެ ޓީމަށް ވެސް މުހިންމުވާނެއެވެ. އެންމެ ފަހުން ކުޅުނު މެޗުގައި ފަހަތުން އަރާ ހަތަރު ލަނޑު ޖަހައިގެން ކެނެޑާ ބަލިކުރި ކްރޮއޭޝިޔާއަށް މި މެޗުން އެއްވަރުވެގެން ވެސް އެޓީމަށް ކުރިއަށް ދިއުމުގެ ފުރުސަތު އެބައޮތެވެ. އެހެން ނަމަވެސް ބެލްޖިއަމް ދެވަނަ ބުރުގެ ޗާންސް ބޮޑީ ކްރޮއޭޝިއާ ބަލިކުރުމުންނެވެ. މިމެޗުން އެއްވަރު ވެގެން ބެލްޖިއަމްއަށް ކުރިއަށް ދެވެން އޮތީ ކެނެޑާ އަތުން މޮރޮކޯ ބަލިވެއްޖެނަމައެވެ.
ދަންވަރު 12 ޖަހާ އިރު ގްރޫޕް އީގެ ގަދަ ދެ ޓީމު ހޮވާ މެޗުތައް
މިމުބާރާތުގެ އެންމެ އުނދަގޫ ގްރޫޕް ކަަމަށް ބުނި ގްރޫޕް އީގެ އެންމެ ފަހު މެޗުތަކަށް ދާ އިރު ތާވަލުގެ ފުލުގައި އޮންނާނީ ޖާމަނީއޭ ބުނިނަމަ ގަބޫލެއް ވެސް ނުކުރެވެވޭނެއެވެ. އެހެން ނަމަވެސް ގްރޫޕްގައި ހިމެނޭ އެހެން ޓީމުތަކުން ކުޅުނު ދެ މެޗުގެ ތެރޭގައި އެއް މެޗުން މޮޅުވެފައިވާ އިރު ހަތަރު ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނައިގައި އޮތީ ސްޕެއިނެއެވެ. ދެވަނައިގައި ޖަޕާނު އޮތް އިރު އެންމެ ފަހުން ކުޅުނު މެޗުގައި ޖަޕާނު ބަލިކުރި ކޮސްޓާރީކާ އޮތީ ތިން ޕޮއިންޓާއެކު ތިން ވަނައިގައެވެ.
މިރޭ ކޮސްޓާރީކާއިން ޖާމަނީއާ ދެކޮޅަށް ނިކުންނަ އިރު ޖަޕާނު ސިއްސުވާލި ގޮތަށް ޖާމަނީ އަށް ހަދާ އެމެޗުން މޮޅުވެގެން ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު ކޮސްޓާރީކާއަށް އެބައޮތެވެ. ޖާމަނީއަށް މިމެޗުން މޮޅުވުން ނޫން ގޮތެއް ނެތެވެ. އެއްވަރު ވިޔަސް ކަޓާނެއެވެ.
ޖަޕާނުން ނިކުންނާނީ މުބާރާތުގައި މިހާތަނަށް 8 ލަނޑު ޖަހާފައިވާ ސްޕެއިންއާ ދެކޮޅަށެވެ. ދެ ޓީމަށް ވެސް ފުރުސަތު ބޮޑީ މި މެޗުން މޮޅުވެގެން ކަމަށްވާ އިރު އެއްވަރުވެގެން ވެސް ސްޕެއިންއަށް ކުރިއަށް ދެވޭނެއެވެ. ސްޕެއިންއާ ދެކޮޅަށް ކުޅޭ މެޗުން އެއްވަރުވެގެން ޖަޕާނަށް ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު އޮންނާނީ އަނެއް މެޗުގެ ނަތީޖާއަށް ބަލާފައެވެ.
އިއްޔެގެ ނަތީޖާތައް
ރޭ ކުޅުނު މެޗުތަކަށް ފަހު ދެވަނަ ބުރުގެ ދެ މެޗެއްގައި ވާދަ ކުރާނެ ޓީމުތައް މިވަނީ ކަނޑައެޅިފައެވެ. މިގޮތުން ގްރޫޕް ޑީގެ އެއްވަނަ ޓީމު ފްރާންސް ވާދަކުރާނީ ގްރޫޕް ސީގެ ދެވަނަ ޓީމު ޕޮލެންޑާއެވެ. އަދި ގްރޫޕް ސީގެ އެއްވަނަ ޓީމު އާޖެންޓީނާ ދެވަނަ ބުރުގައި ވާދަކުރާނީ ގްރޫޕް ޑީގެ ދެވަަނަ ޓީމު އޮސްޓްރޭލިޔާއާއެވެ.
ޑެންމާކް، ޓިއުނީޝިއާ، ސައުދީ އަދި މެކްސިކޯ ވަނީ މުބާރާތުން ކަޓާފައެވެ.