ގަތަރުގައި ހިނގަމުންދާ ފީފާ ފުޓްބޯޅަ މުބަރާތުގައި ޓިއުނީޝިއާއިން އެންމެ ފަހުގެ ޗެމްޕިއަން ފްރާންސް 1-0 އިން ބަލިކޮށްފިއެވެ.
ޓިއުނީޝިއާއިން ފްރާންސްގެ މައްޗަށް ކުރި ހޯދީ ގްރޫޕް ޑީ ގައި މި ދެޓީމުން ވެސް ކުޅުނު ފަހު މެޗުގައެވެ. މިމެޗުން މޮޅުވި ނަމަވެސް ގްރޫޕްގައި ދެން ކުޅުނު މެޗުން ޑެންމާކް އަތުން އޮސްޓްރޭލިޔާއިން މޮޅުވުމުން ޓިއުނީޝިއާ ވަނީ މުބާރާތުން ކަޓާފައެވެ.
އެހެން ނަމަވެސް މިއީ ޓިއުނީޝިއާގެ އެތަށް ސަޕޯޓަރުންނަށް އުފާވެރިކަން ގެނެސްދިން ކާމިޔާބީއެކެވެ.
މިމެޗުގެ ކުރިން ދެވަނަ ބުރަށް ކޮލިފައިވެފައި އޮތް ފްރާންސްއިން ވަނީ އެޓީމުގެ ފުރަތަމަ 11 އަށް ގިނަ ބަދަލުތަކެއް ގެނެސްފައެވެ. އެހެން ކަމުން މުބާރާތުގައި މީގެ ކުރިން އެޓީމުގެ ފަރާތުން ފެނުނު ކުޅުން މިރޭ ނުފެންނަ އިރު މިކަމުގެ ފައިދާ ނަގާ މެޗުގައި ޖެހި ހަމައެކަނި ގޯލު ޓިއުނީޝިއާއިން ޖެހީ މެޗުގެ ދެވަނަ ހާފްގައެވެ.
މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ކެޕްޓަން އަދި ތަޖުރިބާކާރު ފޯވަޑް ކަޒްރީއެވެ. މިއީ މުބާރާތުގައި ޓިއުނީޝިއާއިން ޖެހި ފުރަތަމަ ލަނޑުވެސްމެއެވެ.
މެޗު ނިމެން ދަނިކޮށް ފްރާންސްއިން ވަނީ ލަނޑެއް ޖަހާ ނަތީޖާ އެއްވަރުކޮށްފައެވެ. އެހެން ނަމަވެސް މެޗުގެ ވީޑިއޯ އެސިސްޓަންޓް ރެފްރީ ވަނީ މިއީ އޮފްސައިޑް ލަނޑެއް ކަމަށް ބަލާ އެލަނޑު ކެންސަލްކޮށްފައެވެ.
1-0 އިން މިމެޗު ނިމުނު އިރު މިއީ ޓިއުނީޝިއާއަށް ލިބުނު ތާރީހީ މޮޅެކެވެ. މުބާރާތުގައި ކުޅުނު ތިން މެޗުގެ ތެރެއިން އެއް މެޗުން މޮޅުވެ، އެއް މެޗުން އެއްވަރުވެ އަދި އެއް މެޗުން ދަށްވި ޓިއުނީޝިއާއަށް ވަނީ ހަތަރު ޕޮއިންޓް ހޯދިފައެވެ.
ގްރޫޕް ސްޓޭޖްގެ ތިން މެޗު ވެސް ކާމިޔާބުކޮށްގެން ދެވަނަ ބުރަށް ދެވެން އޮތް ތިން ޓީމުގެ ތެރޭގައި ހިމެނޭ ފްރާންސް ދެވަނަ ބުރަށް ދިޔައީ ދެ މެޗުން މޮޅުވެ އެއް މެޗުން ބަލިވެ 6 ޕޮއިންޓް ހޯދައިގެންނެވެ.
އެޓީމުން ދެވަނަ ބުރުގައި ކުޅެން ޖެހޭނީ ގްރޫޕް ސީގެ ދެވަނަ ޓީމާއެވެ.