ވ. އާރަށުގެ މައްސަލާގައި ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ ޝަރީއަތުގެ އަޑުއެހުންތައް މިއަދު ނިންމާލިފިއެވެ.

އާރަށު މައްސަލައިގައި ޔާމީންގެ މައްޗަށް އުފުލައިފައި ވަނީ ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާއެވެ. މި މައްސަލައިގައި ދެން ދައުވާ ލިބޭ ކުރީގެ ފެލިދޫ ދާއިރާގެ މެންބަރު، ޔޫސުފް ނައީމްގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާއެވެ.

ކްރިމިނަލް ކޯޓުގައި މިއަދު އޮތީ މި މައްސަލައިގެ ހުލާސާ ބަޔާން އިއްވުމެވެ. ހުލާސާ ބަޔާން އިއްވާ ނިންމާލިކަން ހާމަކުރައްވާ މިއަދުގެ ޝަރީއަތުގައި ގާޒީ އަހުމަދު ޝަކީލު ވިދާޅުވީ މި މައްސަލައިގެ އަޑުއެހުންތައް ނިމުނީ ކަމަށާއި ދެން އޮންނާނީ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގައި ބަޔާންކުރާ ގޮތަށް ހުކުމް ކުރުން ކަމަށެވެ.

ހުކުމް ކުރުން އޮންނާނެ ތާރީހެއް އިއުލާނު ނުކުރެއްވި ނަމަވެސް 30 ދުވަހުގެ ތެރޭގައި ހުކުމް ކުރާ މަޖިލީސް ބާއްވާނެ ކަމަށް ވިދާޅުވިއެވެ.

ގާޒީ ޝަކީލު ވިދާޅުވީ ޝަރީއަތަށް މައްސަލަ ހުށަހެޅުނީ ނޮވެމްބަރު 24، 2021 ވަނަ ދުވަހު ކަމަށެވެ. އަދި މި މައްސަލާގައި ގާތްގަނޑަކަށް 60 ގަޑިއިރުގެ އަޑުއެހުން ކުރިއަށް ގެންގޮސްފައިވާ ކަމަށް ގާޒީ ވިދާޅުވިއެވެ.

މިއަދުގެ އަޑުއެހުމުގައި ދައުލަތުން ވަނީ ޔާމީންގެ މައްޗަށް ކޮށްފައިވާ ދައުވާތައް ސާބިތު ވާނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ހެކިބަހާލައިގެން ކަމަށް ބުނެފައެވެ.

ރައީސް ޔާމީންގެ ވަކީލުން ވަނީ އަދީބާއި ޒިޔަތަކީ ދެ ފާސިގުން ކަމަށާއި އެހެންކަމުން އެ ދެ މީހުންގެ ހެކިބަސް ބަލައިގަތުމަކީ އިސްލާމީ ޝަރީއަތުގައި ހުއްދަވެގެން ވާނެ ކަމެއް ނޫން ކަމަށް ބުނެފައެވެ. އަދި މީގެ ކުރިން ޔާމީންގެ މައްޗަށް ކުރި ދައުވާގައި ސުޕްރީމް ކޯޓު މަރުހަލާއިން އެމަނިކުފާނު މިނިވަންވެ ވަޑައިގަން އިރު އެކޯޓުން އަދީބާއި ޒިޔަތުގެ ހެކިބަސް ބަލައި ނުގަންނަން ވެސް ނިންމި ކަމަށް ވަކީލުން ފާހަގަކުރިއެވެ.

އެ މައްސަލާގެ ހުލާސާ ބަޔާން އިއްވަން މިއަދުގެ ޝަރިއަތް ކުރިއަށް ގެންދާއިރު ދައުލަތުގެ ވަކީލުން ވަނީ އަދީބުގެ ހެކިބަހަށް ބާރު ލިބެނީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކުރިން އަދީބާއި ޔާމީނާއި ދެމެދު ފޯނުން ދެކެވުނު ވާހަކަތަކުގެ ކޯލް ރެކޯޑިން އިން ކަން ފާހަގަ ކޮށްފައެވެ. އަދި އާރަށް ކުއްޔަށް ދިނީ އަދީބު ހަދާފައިވާ އުސޫލުގެ ދަށުން ކަމަށް ވެސް މިއަދުގެ ޝަރީއަތުގައި ދައުލަތުގެ ވަކީލު ފާހަގަކުރިއެވެ.

އާރަށް ފިޝަރީޒް މިނިސްޓްރީގެ ބެލުމުގެ ދަށުގައި އޮއްވައި 2015 ވަނަ އަހަރު ޓޫރިޒަމް މިނިސްޓްރީގެ ދަށަށް ރަށް ބަދަލުކޮށް އޯގަސްޓު 13، 2015 ގައި ޔޫސުފް ނައީމްގެ ހިއްސާ އޮންނަ ޓޫޖީ ޕްރައިވެޓް ލިމިޓެޑް އެމްއެމްޕީއާރްސީ މެދުވެރިކޮށް އެރަށް ދޫކުރީ ޔާމީނުގެ ނުފޫޒު ބޭނުން ކުރައްވައިގެން ކަމަށް ދައުލަތުން ބުނެއެވެ.

އެ ރަށް ޓޫޖީ ޕްރައިވެޓް ލިމިޓެޑަށް ދީފައި ވަނީ ސެޕްޓެމްބަރު 9، 2015 ގައެވެ. އޭގެ އެއް ދުވަސް ކުރިން ސެޕްޓެމްބަރު 8، 2015 ގައި ޓޫޖީގެ 99 ޕަސަންޓް ހިއްސާ ވިއްކާލައި އޭގެ މުލާގާތުގައި ސެޕްޓެމްބަރު 9 ވަނަ ދުވަހު 1 މިލިއަން ޑޮލަރުގެ ޗެކެއް ޔޫސުފް ނައީމަށް ހިއްސާ ގަތް ފަރާތުން ދީފައިވާ ކަމަށް ދައުލަތުން ބުނެފައި ވެއެވެ. އަދި 13 ސެޕްޓެމްބަރުގައި އެ ޗެކްގެ ފައިސާ ޔޫސުފް ނައީމްގެ އެކައުންޓަށް ޖަމާވި ކަމަށާއި އޭގެ ދެ ދުވަސް ފަހުން 15 ސެޕްޓެމްބަރުގައި ޔޫސުފް ނައީމްގެ އެކައުންޓުން އެ ފައިސާ ނަގައި ރައީސް ޔާމީނުގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށާއި އެ ފައިސާ އެހެން ފައިސާއާ އެއްކުރައްވައިގެން ޔާމީން ވަނީ މަނީ ލޯންޑާ ކުރައްވާފައި ކަމަށް ދައުލަތުން ބުނެފައި ވެއެވެ.