ވަގު ޑޮލަރުން މުއާމަލާތްކުރި މައްސަލައަކާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށް، ބަންދުކޮށްފިއެވެ.

ކްރިމިނަލް ކޯޓުން އާންމުކުރި ކޯޓު އަމުރުތަކުގައިވާ ގޮތުން، މަކަރާއި ހީލަތް ހެދުމާއި ފޯޖަރީގެ ތުހުމަތުކުރެވޭ ތިން މީހަކު ހައްޔަރުކޮށް ބަންދުކުރުމަށް ކޯޓުން ވަނީ އިއްޔެ ނިންމައިފައެވެ.

އެ މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ 21 އަހަރާއި 23 އަހަރުގެ ދިވެހި ދެ ފިރިހެނުންނާއި 24 އަހަރުގެ ދިވެހި އަންހެނެކެވެ.

އިސްގާޒީ އަހްމަދު ޝަކީލް ސޮއިކުރައްވާފައިވާ ކޯޓު އަމުރުތަކުގައިވާ ގޮތުން، އޭގެ ތެރެއިން 21 އަހަރުގެ ދިވެހި ފިރިހެން މީހާ އަށް 30 ދުވަހުގެ ބަންދެއް ޖަހާފައިވާއިރު، ދެންތިބި ދެ މީހުންނަށް ޖަހާފައި ވަނީ 40 ދުވަހުގެ ބަންދެކެވެ.

އެ މީހުން ބަންދުކޮށްފައި ވަނީ ދޫކޮށްލައިފި ނަމަ، މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބުނެއެވެ. އެ މީހުން ހައްޔަރުކުރުމަށް ވަކި ވަކިން އާންމުކުރި އަމުރުތަކުގައިވާ ގޮތުން، އެ މައްސަލައިގައި ތިން މީހުންގެ މައްޗަށް ވެސް ތުހުމަތުކުރެވޭ ވަރަށް ހެކި ވަނީ ލިބިފައެވެ.