ކަޅު ބާޒާރުގައި ޑޮލަރު ވިއްކަމުންދާ މައްސަލައިގައި އަތުލައިގަތް ހަތް ބިދޭސީން ޑީޕޯޓުކޮށްލަން ނިންމައިފިއެވެ.

ފުލުހުންނާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އިމިގްރޭޝަނުން ވަނީ ކަޅު ބާޒާރުގައި ޑޮލަރު ވިއްކަމުންދާ މައްސަލައެއްގައި މިދިޔަ ހޮނިހިރު ދުވަހު ހަތް ބިދޭސިއަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު މިރޭ 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ ހަތް ބިދޭސީން ރާއްޖެ އަށް ނާދެވޭ ގޮތަށް ޑީޕޯޓުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އިއްޔެ ނެރުނު ބަޔާނެއްގައި އިމިގްރޭޝަނުން ބުނީ، ކަޅު ބާޒާރުގައި ޑޮލަރު ވިއްކަމުންދާ މައްސަލައިގައި ހަތް ބިދޭސިއަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ބީއެމްއެލްގެ ޑޮލަރު އޭޓީއެމް ކައިރީގައި ގަވައިދާ ހިލާފަށް ޑޮލަރު ގަނެ ވިއްކަމުންދާ ކަން ފާހަގަކުރެވި، އެ މީހުން ދެނެގަތުމަށް ހިންގި އޮޕަރޭޝަނުގެ ދަށުން ކަމަށެވެ.

އެ ހަތް މީހުންނަކީ ފުޅާ ދާއިރާއެއްގައި ކަޅު ބާޒާރުގައި ޑޮލަރުގެ ވިޔަފާރިކުރާ މީހުން ކަމާއި، އެ މީހުންގެ ތެރޭގައި ސައްހަ ވިޒާއެއް ނެތި އުޅޭ ބިދޭސީންނާއި، ދޫކޮށްފައިވާ ހުއްދައިގެ ބޭރުން މަސައްކަތްކުރާ ބިދޭސީން ހިމެނޭ ކަން އިމިގްރޭޝަނުން ފާހަގަކުރިއެވެ.

އަދި ކުރިއަށް އޮތް ތަނުގައި ވެސް މިފަދަ އޮޕަރޭޝަންތައް ހިންގާނެ ކަމަށާއި، ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދައި ފުރުވާލުމުގެ މަސައްކަތް ކުރަމުންދާނެ ކަމަށް، އެ އިދާރާ އިން ބުންޏެވެ.