ކަޅު ބާޒާރުގައި ޑޮލަރު ވިއްކަމުންދާ ބިދޭސީންނާ ދެކޮޅަށް އިމިގްރޭޝަނުން އޮޕަރޭޝަނެއް ފަށައި، ހަތް ބިދޭސިއަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މިއަދު ނެރުނު ބަޔާނެއްގައި އިމިގްރޭޝަނުން ބުނީ، ކަޅު ބާޒާރުގައި ޑޮލަރު ވިއްކަމުންދާ ބިދޭސީންނާ ގުޅޭ ގޮތުން އާންމުން ފާޅުކުރަމުންދާ ކަންބޮޑުވުންތަކާ ގުޅިގެން އެ އިދާރާ އިން ހިންގި އޮޕަރޭޝަނުގައި ހަތް ބިދޭސިއަކު މިދިޔަ ހޮނިހިރު ދުވަހު އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

މިގޮތުން މި ހަތް މީހުން އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ބީއެމްއެލްގެ ޑޮލަރު އޭޓީއެމް ކައިރީގައި ގަވައިދާ ހިލާފަށް ޑޮލަރު ގަނެ ވިއްކަމުންދާ ކަން ފާހަގަކުރެވި، އެ މީހުން ދެނެގަތުމަށް ރިސްކު އިންޓެލިޖެންސް އެންޑް ލީގަލް އެފެއާޒް ޑިވިޝަނާއި އެންފޯސްމަންޓް އެންޑް ކޮމްޕްލަޔަންސް ޑިވިޝަން ގުޅިގެން ހިންގި އޮޕަރޭޝަނުގެ ދަށުން ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

މި ހަތް މީހުންނަކީ ފުޅާ ދާއިރާއެއްގައި ކަޅު ބާޒާރުގައި ޑޮލަރުގެ ވިޔަފާރިކުރާ މީހުން ކަމަށާއި، މި މީހުންގެ ތެރޭގައި ސައްހަ ވިޒާއެއް ނެތި އުޅޭ ބިދޭސީންނާއި، ދޫކޮށްފައިވާ ހުއްދައިގެ ބޭރުން މަސައްކަތްކުރާ ބިދޭސީން ހިމެނޭ ކަމަށް އިމިގްރޭޝަނުން މައުލޫމާތު ދެއެވެ.

އިމިގްރޭޝަނުން ބުނީ، ކުރިއަށް އޮތް ތަނުގައި ވެސް މިފަދަ އޮޕަރޭޝަންތައް ހިންގާނެ ކަމަށާއި، ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދައި ފުރުވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.