ވިނަރެސް ފްލެޓް ލިބުން މީހުންގެ ވަގުތީ ލިސްޓާ ގުޅިގެން ޝަކުވާ ހުށަހެޅުމުގެ މުއްދަތު އިތުރު ކޮށްފިއެވެ.

އެޗްޑީސީއިން ބުނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހުޅުމާލޭގައި ތަރައްގީކޮށްފައިވާ ވިނަރެސް ހައުސިން މަޝްރޫއިން އެޕާޓްމަންޓް ގަތުމަށް ހުޅުވާލެވުނު ފުރުސަތުގައި ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ވަގުތީ ލިސްޓް މިހާރު އިއުލާން ކޮށްފައިވާ ކަމަށެވެ.

ފޯމު ހުށަހެޅުމަށް ޖުލައި 17 ގައި ހުޅުވާލިއިރު ފޯމު ހުށަހަޅާފައިވާ 1413 ފަރާތަށް ވަގުތީ ލިސްޓާއި ގުޅިގެން ޝަކުވާ ހުށަހަޅަން ހުޅުވާލެވުނު ފުރުސަތު އިތުރުކޮށްފައިވާ ކަމަށާއި ޝަކުވާއާއި އެކަމާއި ގުޅޭ ގޮތުން އެއްވެސް ލިޔެކިޔުމެއް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން ޑިސެންބަރު 11 ވަނަ ދުވަހުގެ ކުރިން އެ ކޯޕަރޭޝަނުގެ މައިހުޅުމާލެ ހައުސިން ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށް އެޗްޑީސީއިން ބުނެއެވެ.

ވަގުތީ ލިސްޓު އިއުލާނު ކުރިއިރުގައި ފޯމް ލީ 1413 މީހުންގެ ތެރެއިން ލިސްޓުގައި ހިމެނެނީ 723 މީހުންނެވެ. އެ ލިސްޓުގައި ހިމެނޭ ޝަރުތު ހަމަވާ ފަރާތްތަކުގެ މާލީ ގާބިލްކަން ބެލުމާއި ގުޅޭގޮތުން އެޗްޑީސީއިން އެ ފަރާތްތަކަށް މައުލޫމާތު ހިއްސާކުރާނެ ކަމަށާއި މައި- އެޕްލިކަންޓް އަދި ކޯ-އެޕްލިކަންޓްގެ ގޮތުގައި އެއް ފޯމަށް ވުރެން ގިނަ ފޯމުގައި ބައިވެރިވެފައިވާ ފަރާތްތަކަށް ކުރިއަށް ދެވޭނީ އެންމެ ފޯމަކާއި އެކު ކަމަށް އެޗްޑީސީއިން ބުނެއެވެ.

ވިނަރެސްގާ 10 ޓަވަރު ހިމެނޭއިރު ޖުމުލަ 1،344 އެޕާޓްމެންޓް ހިމެނެއެވެ. އެ އެޕާޓްމަންޓްތަކުގެ އަގު އުޅެނީ 2.5 މިލިއަނާއި ތިން މިލިއަނާ ދެމެދުގައެވެ.