ފަލަސްތީނު ރައްޔިތުންނަށް ލިބެންޖެހޭ ހައްގުތައް ހޯދައިދިނުމުގައި ދިވެހިރާއްޖެ ފަލަސްތީނާއެކު އޮންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންނާއެކު އެއްބައިވަންތަކަން ހާމަކުރުމުގެ ބައިނަލްއަގްވާމީ ދުވަހުގެ މުނާސަބަތުގައި އެމަނިކުފާނު ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްއަށް ފޮނުއްވި މެސެޖުގައެވެ.

ރައީސްގެ މެސެޖުގައި އެމަނިކުފާނު ވަނީ ދުވަހުގެ މުނާސަބަތުގައި ފަލަސްތީނުގެ ރައްޔިތުންނާ، ފަލަސްތީނުގެ ސަރުކާރު، އަމިއްލަ އިހްތިޔާރުގެ ހައްގު ހާސިލުކުރުމަށް ކުރާ މަސައްކަތުގައި، ދިވެހި ރައްޔިތުންނާއި، ދިވެހި ސަރުކާރު އަބަދުވެސް އެއްބާރުލުން ދޭނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

މީގެ އިތުރުން ފަލަސްތީނުގެ މައްސަލައިގައި ސުލްހަ ގާއިމުކުރުމަށްޓަކައި ބައިނަލްއަގްވާމީ ގޮތުން ގަބޫލުކުރެވޭ ދެދައުލަތުގެ ދެމެދު އޮންނަންޖެހޭނެ ހައްލަކީ، ދެމެހެއްޓެނިވި އަދި ދިގު މުއްދަތުގެ ހައްލެއްކަމަށް ގަބޫލުފުޅުކުރައްވާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވަނީ އެކަމަށްޓަކައި، 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ފަލަސްޠީނުގެ ވެރިރަށެއްގެ ގޮތުގައި ކަނޑައަޅައި، ފަލަސްއީނަކީ ސިޔާދަތީ އަދި މިނިވަން ދައުލަތެއްގެ ގޮތުގައި ގާއިމުކުރުމަށް ގޮވާލައްވާފައެވެ. އަދި އެމަނިކުފާނު ވަނީ ބައިނަލްއަގްވާމީ ގޮތުން ގަބޫލުކުރެވޭ އިންތިޒާމާއި ހިލާފަށް އެކަން އެއްފަރާތްކޮށް އަޅާ ފިޔަވަޅުތަކަކީ ޣައިރު ގާނޫނީ ފިޔަވަޅުތަކެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ.

ރައީސްގެ މެސެޖް ނިންމަވާލައްވަމުން އެމަނިކުފާނު ވިދާޅުވީ، ފަލަސްތީނުގެ ރައްޔިތުންގެ ހާލަތާއި ހައްގުތަކަކީ ބައިނަލްއަގްވާމީ ގޮތުން އިސްކަންދޭ ކަމެއްގެ ގޮތުގައި ރާއްޖެއިން ދެކޭކަމަށެވެ.

އެމަނިކުފާނު ވަނީ އެކަމުގެ އަލީގައި، ރާއްޖެއިން ބައިނަލްއަގްވާމީ މުޖުތަމައުގެ މެންބަރެއްގެ ހައިސިއްޔަތުން، ފަލަސްއީނަށް ފުރިހަމަ ދައުލަތެއްގެ ދަރަޖަ ހޯދުމަށް ވަރަށް ބޮޑަށް ވަކާލާތުކޮށް، ފަލަސްއީނުގެ ރައްޔިތުންގެ އަސާސީ ހައްގުތައް ފުރިހަމައަށް ލިބިގަތުމާއި، ހިމާޔަތްކުރުމުގައި ބައިނަލްއަގްވާމީ މުޖުތަމައަށް އަދާކުރަންޖެހޭ މަސްއޫލިއްޔަތު ހަނދާންކޮށްދެމުން ގެންދާނެކަން ފާހަގަކުރައްވާފައެވެ.