ގަތަރުގައި ހިނގަމުންދާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ ފަށާނީ ގްރޫޕް ސްޓޭޖްގެ އެންމެ ފަހު ރައުންޑްގެ މެޗުތަކެވެ. މިމެޗުތަކުން ދެވަނަ ބުރަށްދާނެ ޓީމުތައް ކަށަވަރުވާނެ އިރު އެއް ގްރޫޕެއްގެ ފަހު ދެ މެޗު ކުޅޭނީ އެއް ވަގުތެއްގައެވެ. އެއީ އެއް މެޗުގެ ނަތީޖާއިން އަނެއް މެޗަށް އަސަރު ކުރާނެތީއެވެ.

ގްރޫޕް އޭގެ ދެމެޗު މިރޭ އަށެއް ޖަހާ އިރު

ގްރޫޕްގައި އޭގައި އޮތް ތިން ޓީމަށް ވެސް މުބާރާތުގައި ކުރިއަށް ދިއުމަށް ފުރުސަތު އެބައޮތެވެ. މިގޮތުން ފަހު މެޗަށް ދާ އިރު އެކުއަޑޯ އަދި ނެދެލޭންޑްސްއިން ވަނީ ކުރިން ކުޅުނު ދެ މެޗުން 4 ޕޮއިންޓް ހޯދާފައެވެ. އަނެއްކޮޅުން، އެންމެ ފަހުން ގަތަރު ބަލިކުރި ސެނެގާލް އޮތީ ތިން ވަނައިގައި ތިން ޕޮއިންޓް ހޯދައިގެންނެވެ.

އޭނާ ވެލެންސިޔާ ވަނީ މުބާރާތުގައި ތިން ލަނޑު ޖަހާފައި/ފޮޓޯ: ފީފާ ޓުވިޓާ

ސެނެގާލްއިން މިރޭ އެކުއަޑޯއާ ކުޅޭ މެޗުން ކޮންމެހެން ވެސް މޮޅުވާން ޖެހޭ އިރު އެމެޗުން ޕޮއިންޓެއް ހޯދައިގެން ވެސް އެކުއަޑޯއަށް ދެވަނަ ބުރަށް ދެވޭނެއެވެ. އެހެން ނަމަވެސް ގްރޫޕްގެ އެއް ވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް ދާން ބޭނުން ނަމަވެސް އެކުއަޑޯއަށް ޖެހޭނީ ސެނެގާލް ބަލިކުރާށެވެ.

މުބާރާތުން ކެޓާފައިވާ ގަތަރާއި ދެކޮޅަށް ނިކުންނަ ނެދަލޭންޑްސް ވެސް ބޭނުންވަނީ އެމެޗުން މޮޅުވެގެން ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް ދާންށެވެ.

ގްރޫޕް ބީގެ ދެމެޗު ދަންވަރު 12 ޖަހާ އިރު

ގްރޫޕް ބީގައި ހިމެނޭ އެމެރިކާ، އީރާނު އަދި އިންގްލޭންޑަށް އަނެއް ބުރަށް ދިއުމުގެ ފުރުސަތު އޮތް އިރު ވޭލްސްއަށް ވެސް ހަނި ފުރުސަތެއް އެބައޮތެވެ.

ވޭލްސްއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެގެން އިންގްލޭންޑަށް ދެވަނަ ބުރު ޔަގީންވާނެއެވެ. އެ މެޗުން އެއްވަރު ވެގެން ވެސް އިންގްލޭންޑަށް ދެވަނަ ބުރަށް ދެވޭނެއެވެ. ދެވަނަ ބުރަށް ދާން ވޭލްސް ޖެހޭނީ އިންގްލޭންޑް ބަލިކުރާށެވެ. އަދި ގްރޫޕްގައި ކުޅޭ އަނެއް މެޗުގައި އީރާނާ އެމެރިކާއިން އެއްވަރު ވެއްޖެނަމަ ކޮންމެ ސްކޯއަކުން އިންގްލޭންޑް ބަލިކުރިއަސް ވޭލްސްއަށް ކުރިއަށް ދެވޭނެއެވެ. އެހެން ނަމަވެސް އަނެއް މެޗުން ކޮންމެވެސް އެޓީމެއް މޮޅުވާނަމަ ވޭލްސް ޖެހޭނީ 4 ގޯލުގެ ފަރަގުން އިންގްލޭންޑް ބަލިކުރާށެވެ.

އީރާނުގެ ކުޅުންތެރިން އުފާ ފާޅުކުރަނީ/ފޮޓޯ: ފީފާ ޓުވިޓާ

އީރާނާ އެމެރިކާއަށް ބަލާ އިރު ވޭލްސް ބަލިކޮށް ތިން ޕޮއިންޓް ހޯދައިގެން އީރާނު އޮތީ ތާވަލުގެ ދެވަނައިގައެވެ. އެމެރިކާ އަދި މިމުބާރާތުގައި އެއްވެސް މެޗަކުން މޮޅުވެފައި ނުވާ އިރު މިރޭ އީރާނު ބަލިކޮށްގެން ނޫން ގޮތަކަށް އެމެރިކާއަށް ކުރިއަށް ދެވޭ ކަށް ނެތެވެ. އީރާނުން ކުރިއަށް ދިއުމަށް ޕޮއިންޓެއް ވެސް ފުދޭނެއެވެ.