ގަތަރުގައި ހިނގަމުންދާ ފީފާ ވޯލްޑްކަޕްގެ ދެވަނަ ބުރަށް ދިޔަ ދެވަނަ ޓީމަކަށް ބްރެޒިލް ވެއްޖެއެވެ. ބްރެޒިލް ދެވަނަ ބުރަށް ދިޔައީ މިރޭ ގްރޫޕް ޖީގައި ސުވިޓްޒަލޭންޑާ ކުޅުނު މެޗު 1-0 އަކުން ކާމިޔާބުކޮށްގެންނެވެ.

ބްރެޒިލް އަކީ މިމުބާރާތުގައި މިހާތަނަށް ކުޅުނު ދެމެޗުން މޮޅުވި ދެ ވަނަ ޓީމެވެ. އަނެއް ޓީމަކީ ފްރާންސެވެ. އަދި ފްރާންސަކީ ދެވަނަ ބުރު ކަށަވަރު ކުރި ފުރަތަމަ ޓީމުވެސް މެއެވެ.

ސުވިޓްޒަލޭންޑާ ދެކޮޅަށް ކުޅުނު މެޗުގައި ބްރެޒިލްއިން ހަމަލާތަކެއް އުފެއްދި އިރު އެޓީމަށް ކުރިމަތިލާން ޖެހުނީ ވަރުގަދަ ޑިފެންސަކާއެވެ. މެޗުގެ ފުރަތަމަ ހާފް 0-0 އިން ނިމުނު އިރު ދެވަނަ ހާފް ފެށުނު ތަނާ ހެން ބްރެޒިލްއިން ލަނޑެއް ޖެހިއެވެ. އެހެން ނަމަވެސް ވިނީސިއަސް ޖޫނިއާ ޖެހި މިލަނޑަކީ އޮފްސިައޑް ލަނޑެއް ކަމަށް ވީއޭއާރުން ނިންމިއެވެ.

މެޗުގައި ދެން ވެސް ލަނޑެއް ޖަހާ ލީޑު ނެގީ ބްރެޒިލުންނެވެ. މެޗުގެ 83 ވަނަ މިނެޓްގައި މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ކެސެމީރޯއެވެ. މިއީ އޭނާ ބްރެޒިލަށް މިހާތަނަށް ޖަހާ ދިން ތިން ވަނަ ލަނޑެވެ.

ބްރެޒިލްގެ ކުޅުންތެރިން ސަޕޯޓަރުންގެ ކުރިމަތީގައި އުފާ ފާޅުކުރަނީ/ފޮޓޯ: ފީފާ

މި ލަނޑާއެކު 1-0 ގެ ނަތިޖާއިން ބްރެޒިލްއިން ސުވިޓްޒަލޭންޑްގެ މައްޗަށް ކުރި ހޯދި އިރު އެޓީމުން މިވަނީ ގްރޫޕް ސްޓޭޖްގައި ބާކީ މެޗެއް އޮއްވާ ދެވަނަ ބުރަށް ދަތުރުކޮށްފައެވެ.

މިރޭ ބްރެޒިލް އަތުން ބަލިވި ސުވިޓްޒަލޭންޑް ތިން ޕޮއިންޓާއެކު ތާވަލުގެ ދެވަނައިގައި އޮތް އިރު އެޓީމަށް ގްރޫޕްގެ ފަހު މެޗުގައި ސާބިއާގެ އަތުން ތިން ޕޮއިންޓް ހޯދައިގެން ކުރިއަށް ދެވޭނެއެވެ.