ގަތަރު 2022 ގައި މިއަދު ކުޅުނު ދެވަނަ މެޗުގައި ގާނާއާ ސައުތްކޮރެއާ ކުޅުނު މެޗު 3-2 އިން ގާނާ ކާމިޔާބުކޮށްފިއެވެ. މިއީ މުބާރާތުގައި ގާނާއިން މޮޅުވި ފުރަތަމަ މެޗެވެ.

ގްރޫޕް އެޗްގެ މިމެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ގާނާއިންނެވެ. މި ލަނޑު މެޗުގެ 24 ވަނަ މިނެޓްގައި އެޓީމަށް ކާމިޔާބުކޮށް ދިނީ މުހައްމަދު މުހައްމަދު ސަލިސޫއެވެ.

ފުރަތަމަ ލަނޑު ޖެހީ ސަލިސޫ/ފޮޓޯ: ފީފާ

މިމެޗުގެ ދެން ވެސް ލަނޑު ޖެހީ ގާނާއިންނެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ޒުވާން ފޯވަޑް މުހައްމަދު ކުޑޫސްއެވެ. އޭނާ މިލަނޑު ޖެހީ މެޗުގެ 34 ވަނަ މިނެޓްގައެވެ. މެޗުގެ ފުރަތަމަ ހާފް ނިމިގެން ދިޔައީ 2-0 އަކުން ގާނާ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފްގައި ސައުތްކޮރެއާއިން ވަނީ ކުޅުން ރަނގަޅުކޮށް ފުލު ފުލުގައި ދެ ލަނޑު ޖަހާފައެވެ. މިދެ ލަނޑު ވެސް އެޓީމަށް ކާމިޔާބުކޮށް ދިނީ ޗޯ ގިއު ސަންގެވެ.

މިއަށް ފަހު ސައުތް ކޮރެއާއިން ތިން ވަނަ ލަނޑެއް ނަގަން ކުރަމުން ދިޔަ މަސައްކަތް ފެނަށް ދުއްވާލީ މެޗުުގައި ކުޑޫސް ޖެހި ދެވަނަ ލަނޑުންނެވެ.

ސައުތްކޮރެއާއިން މެޗުގެ ނަތީޖާ ހަމަހަމަ ކުރަން ގިނަ ހަމަލާތައް އުފެއްދި ނަމަވެސް ގާނާގެ ޑިފެންޑަރުން ވަނީ ހުށިޔާރު ކުޅުމެއް ދައްކާ 3-2 ގެ ސްކޯއިން މެޗު ނިންމާލާފައިއެވެ.

މި މުބާރާތުގެ ފުރަތަމަ މެޗުގައި ޕޯޗުގަލް އަތުން 3-2 އަކުން ބަލިވި ގާނާ މިވަނީ ތިން ޕޮއިންޓް ހޯދައިގެން ގްރޫޕް އެޗްގެ އެއްވަނައަށް އަރާފައެވެ. ސައުތް ކޮރެއާ އޮތީ އެއް ޕޮއިންޓާއެކު ގްރޫޕްގެ ފުލުގައެވެ.