ކުރިން ނަގަމުން އައި ޖީއެސްޓީ 6 ޕަސެންޓާއި ޓީޖީއެސްޓީ 12 ޕަސެންޓް ބޮޑު ކުރި ވަގުތު ބާޒާރު ކޮތަޅުން 2 ރުފިޔާ ނަގާ ބިލްވެސް ފާސްކޮށްފިއެވެ.
އަންނަ ޖެނުއަރީން ފެށިގެން ޓެކްސް ބޮޑުވާއިރު، ބާޒާރު ކޮތަޅަށް ޗާޖް ކުރާ 2 ރުފިޔާވެސް އަންނަ ޖެނުއަރީން ފެށިގެން ނަގަން ފަށާނެއެވެ.
މިއަދު މަޖިލީހުން ފާސްކުރި ބިލުގައި ވާ ގޮތުން އެ ގާނޫނަށް އަމަލު ކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި 2 ރުފިޔާ ނަގަން ފަށަން ޖެހެއެވެ. ބިލު ގާނޫނަކަށް ވެ އަމަލު ކުރަން ފަށާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެ ގާނޫނު ތަސްދީގު ކުރެއްވުމުންނެވެ.
ކުރިން ނެގި ޖީއެސްޓީ 6 ޕަސެންޓުން 8 ޕަސެންޓަށް އަދި ޓިޖީއެސްޓީ 14 ޕަސެންޓުން 16 ޕަސެންޓަށް ބޮޑު ކުރަން ފާސްކޮށް، ރައީސް ތަސްދީގު ކުރައްވާފައި ވާއިރު މިހާރުވެސް ގިނަ ވިޔަފާރިތަކުން ތަކެތީގެ އަގު ބޮޑުކޮށްފިއެވެ. އާންމުކޮށް ގޭގޭގައި ބޭނުން ކުރާ ސާމާނާއި، ކެއުން ބުއިމަށް ބޭނުންވާ ބާވަތްތަކުން 3 ރުފިޔާ އާއި 4 ރުފިޔާ އާ ދެމެދުގެ އަދަދެއް މިހާރު ވެސް ބޮޑު ކޮށްފައި ވާ އިރު، ބިލުގައި ވާ ގޮތުން ޖެނުއަރީގައި ޓެކްސް ބޮޑުވާއިރު މިހާރު ބޮޑުކުރި އަދަދު ވިޔަފާރިތަކުން އިތުރަށް ބޮޑު ކުރާނެ ކަމަށް ބެލެވެއެވެ.
ބާޒާރު ކޮތަޅު ނުވަތަ ޕްލާސްޓިކް ކޮތަޅުން 2 ރުފިޔާ ނަގަން ފާސްކުރި އިރު، 3 ހާލަތެއް އިސްތިސްނާ ކޮށްފައި ވެއެވެ. އެއީ ބަންދު ނުކޮށް ހުންނަ ތާޒާ މަސް އަޅާ ކޮތަޅާއި، ޑިއުޓީ ފްރީން ތަކެތި ގަންނަ އިރު ދޭ ކޮތަޅާއި، ކުނީގެ ހިދުމަތް ދޭ ތަންތަނުން ވިއްކާ ކޮތަޅެވެ. އެނޫން ކޮންމެ ހާލަތެއްގައި ކޮތަޅުން 2 ރުފިޔާ ނެގުމުން މިހާރު ބާޒާރުގައި ވިއްކާ ކޮތަޅު 4 ރުފިޔާއަށް އުފުލޭނެއެވެ. ބިލް ގެ ވާހަކަ ދައްކަން ފެށި އިރު ބައެއް ފިހާރަތަކުން ވަކި ކޮތަޅު ވިއްކަމުން ދިޔައީ 2 ރުފިޔާއަށެވެ.
މި އަންނަ ބަދަލާއެކު ގޭބިސީ އަކުން ކުނި އުކުމަށް ކުރާ ހޭދަ މަހެއްގެ މައްޗަށް 330ރ އަށް އަރާނެއެވެ. ދުވާލެއްގެ މައްޗަށް 3 ކޮތަޅު (މެދު ސައިޒް) ގެ ރޭޓުން ބެލި ނަމަވެސް ކޮންމެ މަހަކު ކޮތަޅަށާއި ވެމްކޯއަށް ދައްކަން ޖެހޭ ޖުމްލަ ބޮޑެވެ. ކުންޏަށް ގެނައި ބަދަލާއެކު ވެސް، ގޭބިސީއަކުން މަދުވެގެން 3 ކޮތަޅު ކޮންމެ ދުވަހަކު ނުނެރުނަސް، ބައެއް ގޭބިސީތަކުގައި އުފެދޭ ކުނި ގިނަ ވުމާއެކު 3 ކޮތަޅަށް ވުރެ ގިނައިން ނެރެން ޖެހޭނެއެވެ.
ކުނި އުކަން ވެމްކޯއިންވެސް ކޮތަޅެއް ތައާރަފް ކުރާ ވާހަކަ ދައްކާފައި ވާ މިދަނޑިވަޅުގައި އެ ކޮތަޅު އާންމުކޮށް ގަންނަން ލިބެންދެންވެސް އާންމުން ބޭނުން ކުރަން ޖެހޭނީ ބާޒާރުގައި ވިއްކާ ޕްލާސްޓިކް ކޮތަޅެވެ.
ރާއްޖެއަށް ކޮތަޅު އެތެރެ ކުރާ ގޮތުގެ ތަފާސް ހިސާބަށް ބަލާއިރު، ވޭތުގެ ދިޔަ 3 އަހަރު ޖުމްލަ 310 މިލިއަން ކޮތަޅު ވަނީ އެތެރެ ކޮށްފައެވެ. އެއީ 90 މިލިއަން ރުފިޔާގެ ކޮތަޅެވެ.
ބާޒާރު ކޮތަޅުގެ އިތުރުން ޖީއެސްޓީއަށް ގެނައި ބަދަލާއެކު އާންމު މީހަކު މަހަކު ކުރަން ޖެހޭ އެވްރެޖް ހަދަރު ޑަބަލްވެގެން ދާނެއެވެ.
މި ކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒު ވެފައި ވީ ނަމަވެސް ޖީއެސްޓީ ބޮޑު ނުކޮށް ސަރުކާރުގެ ހަރަދުތައް ފޫބެއްދެން ނެތް ކަމަށް ސަރުކާރުގެ އޮފިޝަލުން ވަނީ ވިދާޅުވެފައެވެ.
މިއަދުގެ ބިލް މަޖިލީހުން ފާސް ކުރީ 54 މެންބަރުން ވޯޓު ދެއްވައިގެންނެވެ.