ފީފާ ވޯލްޑްކަޕް 2022 ގައި މިއަދު ވެސް ހަތަރު މެޗު ކުޅޭ އިރު މިއީ ގްރޫޕް ސްޓޭޖްގެ ދެވަނަ ރައުންޑްގެ ފަހު މެޗުތަކެވެ. މިގޮތުން މިއަދު ވެސް ހަތަރު މެޗު ކުޅޭނެ އިރު މިއީ މެންދުރު ތިނެއް ޖަހާ އިރާއި ހަވީރު 6 ޖަހާ އިރު މެޗުތައް ކުޅޭނެ އެންމެ ފަހު ދުވަސްވެސްމެއެވެ.
މެންދުރު 3 ޖަހާ އިރު: ކެމަރޫން ސާބިއާ
ގްރޫޕް އެފްގެ ތިން ވަނަ މެޗުގައި މިރޭ ސާބިއާ އަދި ކެމެރޫން ނިކުންނާނީ މުބާރާތުގެ ފުރަތަމަ ޕޮއިންޓް ހޯދާށެވެ. ފުރަތަމަ މެޗުން ދެޓީމު ވެސް ބަލިވެފައިވާ އިރު މި ދެޓީމަށް ވެސް އަދި މިމުބާރާތުގައި ލަނޑެއް ނުޖެހެއެވެ.
ކެމަރޫން އަށް ބަލާ އިރު އެޓީމުން ކުޅުނު ފުރަތަމަ މެޗުން ސުވިޓްޒަލޭންޑުން އަތުން ބަލިވީ 1-0 ގެ ހަނި ނަތީޖާއަކުންނެވެ. މި ގްރޫޕްގައި ބްރެޒިލްއިން އެންމެ ފަހުން ކުޅެން ޖެހޭނީ ބްރެޒިލްއާ ކަމަށްވާ އިރު މިއަދުގެ މެޗުން ރަނގަޅު ނަތީޖާއެއް ނެރުން މުހިންމެވެ.
މުބާރާތުގައި ސާބިއާއިން ކުޅުނު ފުރަތަމަ މެޗުގައި ބްރެޒިލް އަތުން 2-0 އަކުން ބަލިވި އިރު މިމެޗުގައި ސާބިއާއަށް މާގިނަ ހަމަލާތަކެއް ނުއުފެއްދެއެވެ. އެހެން ކަމުން މިއަދުގެ މެޗުން ޕޮއިންޓެއް ނަމަވެސް ހޯދައިގެން ނޫން ގޮތަކަށް ސާބިއާއަށް މުބާރާތުގައި ކުރިއަށް ދާން އުނދަގޫވާނެއެވެ.
ހަވީރު 6 ޖަހާ އިރު: ސައުތް ކޮރެއާ-ގާނާ
ގާނާއިން މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ޕޯޗުގަލް އަތުން 3-2 އަކުން ބަލިވި ނަމަވެސް އެމެޗުގެ ސްކޯ ހަމަހަމަ ކުރަން އެޓީމަށް ފުރުސަތު ލިބުނެވެ. އެހެން ކަމުން ސައުތްކޮރެއާ ދެކޮޅަށް ކުޅޭ މެޗުގައި ވެސް ގާނާގެ ފޯވަޑުންގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދާނެ ކަމަށް ބެލެވެއެވެ.
ދެކުނު ކޮރެއާއިން އުރުގުއާއީ އާ ދެކޮޅަށް ގްރޫޕްގައި ކުޅުނު މެޗަކީ ފަހުގެ ތާރީހެއްގައި ގޯލަށް އެއްވެސް ޝޮޓެއް އަމާޒު ނުވެ ނިމުނު ފުރަތަމަ ވޯލްޑްކަޕް މެޗެވެ. މިއަދު ކެމަރޫންއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވާން ސައުތްކޮރެއާއިން ބޭނުންވާނެ އިރު ތިން ޕޮއިންޓާއެކު ގްރޫޕްގެ ފަހު މެޗުގައި ޕޯޗުގަލްއާ ދެކޮޅަށް ނިކުންނަން ފަސޭހަވާނެއެވެ.
ރޭގަނޑު 9 ޖަހާ އިރު: ބްރެޒިލް-ސުވިޓްޒަލޭންޑް
ބްރެޒިލްގެ ފޯވަޑް ނޭމާ ނުލާ ކުޅޭ ފުރަތަމަ މެޗަށް ބްރެޒިލްއިން ނިކުންނާނީ މޮޅެއް ހޯދައިގެން ދެވަނަ ބުރަށްދާ ދަތުރުކުރާ ދެވަނަ ޓީމަށް ވުމުގެ މަގްސަދުގައެވެ. ސާބިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ނޭމާއަށް އަނިޔާވީ އިރު އޭނާ އަށް ދެން ކުޅެވޭނީ ދެވަނަ ބުރުގައި ކަމަށް ޓީމުގެ ޑޮކްޓަރުން އަންގައެވެ. ނޭމާއާ ނުލާ ޓީމުގެ ކުޅުން މާ ރަނގަޅު ކަމަށް ބައެއް ފަރާތްތަކުން ބުނި ނަމަވެސް ނޭމާގެ މުހިންމުކަން ވިސްނޭ ކަމަށް އޭނާގެ ޓީމުގެ އެހެން ކުޅުންތެރިން ވަނީ ބުނެފައެވެ.
މިމުބާރާތުގެ ފުރަތަމަ މެޗުގައި ސުވިޓްޒަލޭންޑުން 1-0 އަކުުން ކެމަރޫން ބަލިކުރި އިރު މިރޭ ބްރެޒިލްއާ ދެކޮޅަށް ކުޅޭނެ މެޗަކީ ގްރޫޕް ސްޓޭޖްގައި ސުވިޓްޒަލޭންޑަށް ކުރިމަތިވާނެ އެންމެ އުނދަގޫ މެޗަށްވާނެއެވެ. މި މެޗުން ބަލިނުވެ ގްރޫޕް ސްޓޭޖްގެ ފަހު މެޗަށް ދެވިއްޖެނަމަ ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު ސުވިޓްޒަލޭންޑަށް ބޮޑުވާނެއެވެ.
ދަންވަރު 12 ޖަހާ އިރު:އުރުގުއާއީ-ޕޯޗުގަލް
ގާނާއާ ދެކޮޅަށް ކުޅުނު މެޗުގައި ޕޯޗުގަލްއަށް މޮޅު ކުޅުމެއް ދެއްކުނީ އެމެޗުގެ ފަހު ހާފްގައެވެ. މީގެ ބަދަލުގައި އުރުގުއާއީއާ ދެކޮޅަށް ކުޅޭ މެޗުގައި ފުރަތަމަ ހާފްގައި ވެސް ގިނަ ހަމަލާތައް އުފައްދާ ނަތީޖާ ކަށަވަރުކުރުމެވެ.
އުރުގުއާއީއިން ފުރަތަމަ މެޗުގައި ގޯލަށް ނުރައްކާވާ ކަހަލަ ހަމަލާތައް އުފައްދާފައި ނުވާ އިރު މިރޭގެ މެޗުން ނަތީޖާ ނެރުން މުހިންމުވާނެއެވެ. އެހެން ނޫން ނަމަވެސް ފުރަތަމަ ބުރުން ކެޓުމުގެ ބިރު އެބައޮތެވެ.
އިއްޔެ ނަތީޖާ
ގަތަރު 2022 ގައި އިއްޔެ ވެސް ވަނީ ހައިރާން ކުރުވަނިވި ނަތީޖާތަކެއް ފެނިގެން ގޮސްފައެވެ. މިގޮތުން މޮރޮކޯއިން 2-0 އަކުން ބެލްޖިއަމް ބަލިކުރި ކޮސްޓާރީކާއިން ވަނީ 1-0 އަކުން ޖަޕާނު ބަލިކޮށްފައެވެ.
ކްރޮއޭޝިޔާ އިން 4-1 އަކުން ކެނެޑާ ބަލި ކުރި އިރު ފުރަތަމަ މެޗުން ވެސް ބަލިވި ކެނެޑާ ވަނީ މުބާރާތުން ކަޓާފައެވެ. އެޓީމަކީ ގަތަރު 2022 އިން ކެޓި ދެވަނަ ޓީމެވެ.
އިއްޔެގެ އެންމެ ފަހު މެޗުގައި ސްޕެއިންއާއި ޖާމަނީން 0-0 އިން އެއްވަރުވި އިރު މިއާއެކު ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު ޖާމަނީއަށް އޮތީ ފަހިވެފައެވެ.