އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓް 36 ބިލިއަނަށް ކުޑަކުރަން އިދިކޮޅު ފަރާތްތަކުން ބަޖެޓަށް އިސްލާހު ހުށަހަޅައިފިއެވެ.

އިދިކޮޅުން ނެރުނު ބަޔާނެއްގައި ބުނީ، 2023 ވަނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓަކީ ދިވެހި އިގްތިސާދަށް ވަރަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކުރުވާނެ ބަޖެޓެއް ކަމަށް ގަބޫލުކުރާ ކަމަށެވެ.

އެއީ ބަޖެޓުގެ އަސާސްތައް ބިނާކޮށްފައިވަނީ ދިވެހި ރައްޔިތުންގެ އަތުން ފައިސާ ހޯދައިގެން ސަރުކާރުގެ ސިޔާސީ ބޭނުންތަކަށް ހަރަދުކުރަން ކަމަށްވާތީ ކަމަށް ބަޔާނުގައި ބުނެއެވެ.

އެހެންކަމުން މި ބަޖެޓް 36 ބިލިއަން ރުފިޔާއަށް ކުޑަކޮށް ދިވެހި އިގްތިސާދުގެ މުހިއްމު ބައެއް ހިއްސާކުރާ ދިވެހި އާއްމުންގެ ބޮޑު އާބާދީއެއް ކަމަށްވާ މަސްވެރިންނަށް ސީދާ މަންފާކުރާނެ ގޮތަށް 297،474،863ރ. މަސްވެރިންގެ ސަބްސިޑީއަށް އިތުރު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 214 މާއްދާގެ (ހ)ގެ ދަށުން ބަޖެޓް ދިރާސާ ކުރާ ކޮމިޓީގެ ރިޕޯޓަށް އިސްލާހު ހުށައަޅާފައިވާ ކަމަށް ބަޔާނުގައި ބުނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހގީގީ ޒިއްމާތައް އިސްކޮށް، ސިޔާސީ ތައައްސުބުން އެއްކިބާވެ، ދިވެހި ގައުމާއި ރައްޔިތުންގެ ހައްގުގައި ކޯލިޝަނުން ހުށައަޅާފައިވާ އިސްލާހުތަކަށް ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެންބަރުން ތާއީދު ކުރާނެ ކަމަށް އުންމީދުކުރާނެ ކަމަށް އެބަޔާނުގައި ވަނީ ބުނެފައެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 42.68 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މިމަހު 18 ވަނަ ދުވަހު ކުރިއަށް ދިޔަ މަޖިލީހުގެ ބެޖެޓް ކޮމިޓީން ވަނީ އިތުރު އިސްލާހުތަކާ އެކު ބަޖެޓަށް 160 މިލިއަން ރުފިޔާ އިތުރުކޮށްފައެވެ. ބަޖެޓަށް މި އަދަދު އިތުރުކުރުމަށްފަހު ބަޖެޓް ކޮމިޓީން އަންނަ އަހަރަށް 42.8 ބިލިއަން ރުފިޔާގެ ބަޖެޓެއް ވަނީ ފާސްކޮށްފައެވެ.