ކެމިސްޓްރީ އާއި ބައޮލޮޖީ ޓީޗަރުގެ މައްސަލައިގައި އއ. މާޅޮހު ސްކޫލްގެ ދަރިވަރުން ސްކޫލަށް ނުފޮނުވަން ބެލެނިވެރިން ނިންމައިފިއެވެ.
މާޅޮހު ސްކޫލްގެ ގްރޭޑް 9 ގެ ބެލެނިވެރިޔަކު "ދަ ޕްރެސް" އަށް ބުނީ، މި އޮގަސްޓް މަހުގައި ދިރާސީ އާ އަހަރުގެ ކިޔެވުން ފެށިގެން އައި އިރު، ކެމިސްޓްރީ އާއި ބައޮލޮޖީ ކިޔަވައިދޭނެ ޓީޗަރެއް ނެތް ކަމަށެވެ.
އަންނަ ހަފްތާގައި ޓާމް ޓެސްޓު އޮތް ނަމަވެސް، އެ މައްސަލައަށް ހައްްލެއް ލިބެންދެން ސްކޫލަކަށް ދަރިވަރުން ނުފޮނުވާނެ ކަމަށް، އެ ބެލެނިވެރިޔާ ބުންޏެވެ.
"މިހާރު އަޅުގަނޑުމެން ޕޭރަންޓުން ނިންމީ ވާހަކަ ދައްކައިގެން [ސްކޫލަށް ކުދިން ނުފޮނުވަން]. ދެން ހައްލެއް ލިބެންދެން ސްކޫލަކަށް ނުގެންދާނެ ކުދިންނެއް. ޓާމް ޓެސްޓް އޮންނާނެ މި އަންނަ ހަފްތާގަ. އެހެންވިޔަސް އެކަން ހައްލުނުވެގެން އަސްލު އެކަން އެ ކުރީ." ބެލެނިވެރިޔާ ކިޔައިދިނެވެ.
މި މައްސަލަ އަށް ހައްލެއް ހޯދުމަށްޓަކައި ބެލެނިވެރިން ސްކޫލްގެ އިސްވެރިންނާ އެކު މަޝްވަރާ ކުރި ކަމަށް އެ ބެލެނިވެރިޔާ ބުންޏެވެ. އަދި ބައޮލޮޖީ އާއި ކެމިސްޓްރީ، މި ދެ މާއްދާ ކިޔަވައިދޭނެ ޓީޗަރަކު ހަމަޖެއްސީ އެތަކެއް ފަހަރަކު މިނިސްޓްރީ އާ ގުޅައިގެން ކަމަށް ވެސް، އޭނާ ބުންޏެވެ.
ބެލެނިވެރިޔާ ކިޔައިދިން ގޮތުގައި، އެ ދެ މާއްދާ ކިޔަވައިދިނުމަށް އެޑިއުކޭޝަން މިނިސްޓްރީން އެންމެ ފަހުން ފޮނުވާފައި ވަނީ އެންމެ ޓީޗަރެކެވެ. އެކަމަކު އޭނާ ފިލައިގެން ދިޔައީ ކަމަށް ބެލެނިވެރިޔާ ބުންޏެވެ.
"އަސްލު މިވީ ގޮތަކީ މިނިސްޓްރީން ޓީމެއް އަންނަ ވާހަކަ ބުނި މިކޮޅަށް، އެހެން ބުނެފަ އޮއްވަ ވެސް އެ މީހުން އައިއްސަ މިސާލަކަށް ބަލާނެ ދެއްތޯ ކިޔަވައިދޭ ގޮތަށް ވެސް ހުރިހާ އެއްޗަކަށް ވެސް. ބަލާފަ މިވީ ގޮތަކީ ޕްރިންސިޕަލް ވަރަށް ގިނަ ދުވަހު ބޭރުގަ ހުރެފަ ދުރުވެފަ ބުނީ އޭނާ ކައިރީގަ އޭނާ އޮބްޒާވް ކުރާނަމޭ ކޮށްފަ ޓެސްޓެއް ދޭންވެގެން ޓެސްޓަށް ތައްޔާރުވެގެން އަނެއް ދުވަހު އަންނާށޭ."
"ޕޭރަންޓެއްގެ ހައިސިއްޔަތުން އަސްލު ގިނަދުވަސްވެއްޖެ އެއްޗެއް ނުބުނާން ހުންނަތާ. އެކަމަކު މި މައްސަލަ އެއްވެސް ކޮޅަކު ނުޖެހުނު މި ވާހަކަ ދައްކާ ދައްކާ." ބެލެނިވެރިޔާ ބުންޏެވެ.
މާޅޮހު ކައުންސިލްގެ ރައީސް އިސްމާއީލް ނަސީރު ވިދާޅުވީ، މި މައްސަލައިގައި އެޑިކުކޭޝަން މިނިސްޓްރީ އާ މަޝްވަރާކުރެވެމުންދާ ކަމަށާއި، ނަމަވެސް އަދިވެސް ދާއިމީ ހައްލަކާ ހިސާބަށް އާދެވިފައި ނުވާ ކަމަށެވެ.