އއ. "ރަންފަރު" ފަޅަކީ އެ އަތޮޅުގެ މާޅޮސްގެ ބައެއްކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ކަނޑައަޅުއްވައިފިއެވެ.
ރައީސް މިގޮތަށް ކަނޑައެޅުއްވީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުން ރައީސަށް ލިބިދޭ ބާރުގެ ދަށުން އެކަށައެޅުއްވި ގަރާރު ނަންބަރު 20/2025 ގައެވެ.
ރައީސްގެ ގަރާރުގައި ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓަށް، އަރިއަތޮޅު އުތުރުބުރީ "ރަންފަރު" ފަޅަކީ އެ އަތޮޅުގެ "މާޅޮސް" ގެ ބައެއްގެ ގޮތުގައި އިތުރުކުރައްވާފައި ވާއިރު، "ރަންފަރު"ގެ ނަން ދިވެހިބަހުންނާއި އިނގިރޭސިބަހުން ލިޔަންވީ ގޮތް ވެސް ވަނީ ކަނޑައަޅުއްވާފައެވެ. އަދި ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުމުގެ ޖަދުވަލުގައި ހިމަނައިފައިވާ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓު ވަނީ އަދާހަމަކޮށްފައެވެ.
މާޅޮހުގެ ބައެއްގެ ގޮތުގައި ރަންފަރު ކަނޑައަޅައިދެއްވުމަކީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ރައީސް މާޅޮހު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވެވަޑައިގަންނެވި ވައުދުފުޅެކެވެ.