އއ. މާޅޮހުގައި އެ ރަށު އޯކިޑްމާގެ އަބްދުއްރަހްމާން އާދަމްއަށް ހަމަލާދީ މަރާލި މައްސަލައިގައި 3 މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.

އަބްދުއްރަހްމާންއަށް ހަމަލާދީފައިވަނީ އޭނާ ނިދާފައި އޮއްވާ މިދިޔަ ޖުލައި މަހުގެ 13 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައެވެ. އޭނާ މަރުވެފައިވަނީ ލިބުނު އަނިޔާތަކަށް ސިއްހީ މަރުކަޒުގައި ފަރުވާދެމުން ދަނިކޮނެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ އއ. މާޅޮސް، މާހިޔާގޭގެ ކޮޓަރިއެއްގައި އަބްދުއްރަހްމާން ނިދާފައި އޮއްވައި، ފުރާނައަށް ގެއްލުން ލިބޭފަދަ ބޮޑެތި ޒަހަމްތަކެއްދީ މަރާލާފައިވާ މައްސަލާގައި 3 މީހެއްގެ މައްޗަށް ދައުވާ ކުރުމަށް އެދި ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ދައުވާކުރަނީ:

  • އަހްމަދު އާޝިދު - (27 އަހަރު) ފިޔަ، އއ. މާޅޮސް
  • މުހައްމަދު ވިސާމް - (22 އަހަރު) ލިލީފެހި، އއ. މާޅޮސް
  • އަހްމަދު ފާރިސް - (27 އަހަރު) ފިނިވާގެ، އއ. މާޅޮސް

އަހްމަދު އާޝިދުގެ މައްޗަށް ކުރަނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ 5 ވަނަ މާއްދާގެ ދަށުން ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ކަަމަށް ޕީޖީ އޮފީހުން ވަނީ މައުލޫމާތު ދީފައެވެ.

ޕީޖީ އޮފީހުން ބުނީ މުހައްމަދު ވިސާމް އަދި އަހްމަދު ފާރިސްގެ މައްޗަށް ކުރަނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ 5 ވަނަ މާއްދާގެ ދަށުން، ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ ކަަށެވެ.

ގިނަ އަދި ބޮޑެތި އަނިޔާތަކެއްދީ އަބްދުއްރަހްމާން ޒަހަމްކޮށްލާފައި އޮއްވާ ފުރަތަމަ ފެނުނީ އޭނާގެ އަންހެނުން ނާޒިމާއަށެވެ. ދެމަފިރިން އެ ރޭ ނިދީ ދެ ކޮޓަރީގައި ކަމަށް ވާއިރު، ފިރިމީހާ އަށް ހަމަލަދީފައިވާކަން ނާޒިމާ އަށް އެނގުނީ އޭނާ ފާހާނާއަށް ވަނުމަށް އަބްދުއްރަހްމާން ނިދާފައި އޮތް ކޮޓަރިއަށް ވަނުމުން ކަމަށް ވެއެވެ.