ގްރޭޑް 10 ނިންމާ ދަރިވަރުންގެ ސާނަވީ އިމްތިހާނުގައި ބައިވެރިވުމަށް ހުޅުވާލައިފިއެވެ.

ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންސް (ޑީޕީއޭ) އިން ބުނީ، އަންނަ އަހަރުގެ މޭ ޖޫންގައި ބާއްވާ ސާނަވީ އިމްތިހާނުތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އެ އިދާރާ އިން ހުޅުވާލާފައި ވަނީ އެސްއެސްސީ ދިވެހި އިސްލާމް، އަދި ކޭމްބްރިޖް އޯލެވެލްގެ މާއްދާތަކަށް ރަޖިސްޓްރީވުމުގެ ފުރުސަތެވެ.

ސްކޫލްތަކާއި މަރުކަޒުތަކުގައި ތައުލީމް ހާސިލްކުރަމުންދާ ދަރިވަރުންގެ އިތުރުން، އިމްތިހާނުތަކުގައި އަމިއްލަގޮތުން ބައިވެރިވުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފައެވެ. އަމިއްލަގޮތުން ބައިވެރިވާ ފަރާތްތަކުން ފޯމް ހުށަހަލާއިރު އައިޑީކާޑުގެ އަސްލާއި ފޮޓޯކޮޕީ ގެނައުމަށް ޑީޕީއީން އެދެއެވެ.

އޮންލައިން ކޮށް ހުށަހަޅާނަމަ، މެއިލް ކުރުމަށް އެ އިދާރާ އިން އެދެއެވެ. އަދި ފައިސާ ބަލައިގަތުމަށް ހަމަޖެހިފައި ވަނީ ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ކަމަށް ވެސް ބުންޏެވެ.

އިމްތިހާނުތަކުގައި ބައިވެރިވުމަށް މި މަހުގެ 21 އިން ފެށިގެން ފުރުސަތު ހުޅުވާލާފައިވާާއިރު، އިމްތިހާނުތަކުގައި ބައިވެރިވުމަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 18 ވަނަ ދުވަހުގެ މެންދުރު 12 ގެ ކުރިންނެވެ.

މި އަހަރުގެ އޯލެވެލް އިމްތިހާނު ކުރިއަށް ގެންގޮސްފައި ވަނީ މިދިޔަ މޭ މަހުގެ 4 އިން ޖޫން މަހުގެ 10 ގެ ނިޔަލަށެވެ.

ނިމިދިޔަ އިމްތިހާނުގައި ރާއްޖޭގެ 239 މަރުކަޒަކާއި ޑީޕީއީގެ ބެލުމުގެ ދަށުން ސްރީލަންކާގައި ހުންނަ މޯލްޑިވްސް ކަލްޗަރަލް ސެންޓަރުގަ އާއި، އަދި މެލޭޝިޔާގައި ހުންނަ މޯލްޑިވްސް ސެންޓަރުގައި އޯލެވެލް ހެދިއެވެ. އެ އިމްތިހާނުގައި ޖުމްލަ 5939 ދަރިވަރުން ބައިވެރިވިއެވެ.