ގަތަރުގައި މިހާރު ހިނގަމުންދާ ވޯލްޑްކަޕް 2022 ގެ ގްރޫޕް ސްޓޭޖްގެ ދެވަނަ ރައުންޑްގެ މެޗުތައް މިހާރު ކުޅެމުންދާ އިރު މިހާތަނަށް ދެވަނަ ބުރު ކަށަވަރު ކުރީ ފްރާންސް އެކަންޏެވެ. އަދި މުބާރާތުން ކެޓީ ހޯސްޓްއ ގަތަރު އެކަންޏެވެ. މިއަދު ވެސް ދެ ގްރޫޕެއްގެ ޓީމުތައް މުބާރާތުގެ ދެވަނަ ބުރަށް ނިކުންނާނެ އިރު ގްރޫޕް ސްޓޭޖްގެ އެންމެ ވަރުގަދަ އެއް މެޗު މިރޭ އެބަ އޮތެވެ.

މެންދުރު 3 ޖަހާ އިރު: ޖަޕާން - ކޮސްޓާރީކާ

މުބާރާތުގެ ފުރަތަމަ މެޗުގައި ޖާމަނީ ސިއްސުވާލި ޖަޕާނަށް މި މެޗު ކާމިޔާބުކޮށްގެން ދެވަނަ ބުރަށް ދިއުމުގެ މަގު ފަހި ކުރެވޭނެއެވެ. ޖާމަނީއާ ދެކޮޅަށް ވެސް މޮޅު ކުޅުމެއް ދެއްކި ޖަޕާނުން ބޭނުންވާނީ ބައިކޮޅަށް ގޯލެއް ވަނަ ނުދީ މެޗުން ރަނގަޅު ނަތީޖާއެއް ނެރެންށެވެ.

ޖަޕާންގެ ކުޅުންތެރިން ލަނޑު ޖަހާ އުފާ ފާޅުކުރަނީ/ފޮޓޯ: ޓުވިޠާ

ކޮސްޓާރީކާއަކީ މިމުބާރާތުގައި އެއް މެޗެއްގައި ބައިކޮޅަށް އެންމެ ގިނަ ގޯލު ވަނެދިން ޓީމެވެ. ފުރަތަމަ މެޗުގައި ސްޕެއިންގެ އަތުން 7-0 އަކުން އެޓީމު ބަލިވި އިރު މިރޭގެ މެޗުން ވެސް ބަލިވެއްޖެނަމަ މުބާރާތުގެ ކެޓުމުގެ ބިރު ވަރަށް ބޮޑެވެ.

ހަވީރު 6 ޖަހާ އިރު: ބެލްޖިއަމް - މޮރޮކޯ

ބެލްޖިއަމް މިމެޗަށް އަންނާނީ ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އެހެން ނަމަވެސް މުބާރާތުގެ ފުރަތަމަ މެޗުގައި އެޓީމުން ކެނެޑާ އަތުން މޮޅުވީ އެންމެ ގޯލެއްގެ ތަފާތަކުންނެވެ. އަދި އެމެޗުގައި ބެލްޖިއަމްއަށް މާ ރަނގަޅު ކުޅުމެއް ދެއްކިފައެއް ނުވެއެވެ. މޮރޮކޯއާ ކުޅޭ މެޗުން މޮޅުވެގެން ދެވަނަ ބުރުން ޖާގައެއް ބެލްޖިއަމް އަށް ގާތް ގަނޑަކަށް ޔަގީންވާނެއެވެ.

ބެލްޖިއަމްގެ ފޯވަޑް މިޝީ ބަޓްޝުއާއީ ލަނޑު ޖަހާ އުފާ ފާޅުކުރަނީ/ފޮޓޯ: ޓުވިޓާ

މޮރޮކޯއަށް ބަލާ އިރު ފުރަތަމަ މެޗުގައި ކްރޮއޭޝިޔާ 0-0 ގެ ސްކޯލައިނެއްގައި ހިފެހެއްޓީ ވަރުގަދަ ދިފާއި ކުޅުމެއް ދައްކައިގެންނެވެ. ލަނޑު ޖަހާނެ މާ ރަނގަޅު ފުރުސަތުތައް ފަހި ނުކުރިއަސް އެފަދަ ފެންވަރުގެ ކުޅުންތެރިން މޮރޮކޯގައި އެބަ ތިއްބެވެ. މިމެޗުން ރަނގަޅު ނަތީޖާއެއް ނެރެން މޮރޮކޯއަށް ވެސް މުހިންމެވެ.

ރޭގަނޑު 9 ޖަހާ އިރު: ކްރޮއޭޝިޔާ - ކެނެޑާ

މޮރޮކޯއާ ދެކޮޅަށް ކުޅުނު މެޗުގައި ކްރޮއޭޝިޔާއަށް ލަނޑު ޖަހާނެ ފުރުސަތުތައް ލިބުނު ނަމަވެސް މިދިޔަ ވޯލްޑްކަޕްގެ ރަނާރަޕަށް އެންމެ މޮޅު ކުޅުމެއް ނުދެއްކެއެވެ. އެހެން ކަމުން މިކަން ބަދަލުކޮށް ކެނެޑާއަށް އެޓީމުގެ އަސްލު ފެންވަރު ދައްކާލަން ކްރޮއޭޝިޔާގެ ކުޅުންތެރިން ތިބޭނީ ކެތްމަދުވެފައެވެ.

ބެލްޖިއަމް ކޮޅަށް ޕެނަލްޓީއެއް ޖަހަން ވެސް ކެނެޑާއަށް ފުރުސަތު ލިބުނު/ފޮޓޯ: ޓުވިޓާ

ކެނެޑާއަށް ބަލާ އިރު ފުރަތަމަ މެޗުގައި ބެލްޖިއަމްގެ އަތުން އެޓީމު ބަލިވީ ހިތްދަތި ގޮތަކަށެވެ. އެމެޗުގައި މޮޅަށް ކުޅެ ގިނަ ފުރުސަތުތައް އުފެއްދީ ވެސް ކެނެޑާއިން ކަމަށްވީ އިރު ކެނެޑާގައި ތިބީ ގޯލާ އެހާ ރައްޓެހި ކުޅުންތެރިންނެއް ނޫނެވެ. ދެވަނަ މެޗުގައި މިކަން ބަދަލުކޮށް މުބާރާތުގައި އިތުރަށް ކުރިއަށް ދެވޭނެ މަގު ފަހިކުރަން ކެނެޑާއިން ބޭނުންވާނެއެވެ.

ދަންވަރު 12 ޖަހާ އިރު: ޖާމަނީ - ސްޕެއިން

މުބާރާތުގެ ކުރިން ވެސް މިމެޗު ވާނީ ގްރޫޕް ސްޓޭޖްގެ އެންމެ ފޯރިގަދަ މެޗަށް ކަމަށް ގިނަ ބަޔަކު ބުންޏެވެ. ފުރަތަމަ މެޗުތައް ނިމުނު އިރު މިމެޗު މިވަނީ ޖާމަނީއަށް ކޮންމެހެން ވެސް މޮޅުވާން ޖެހޭ މެޗަކަށް ވެފައެވެ. ފުރަތަމަ މެޗުގައި ޖާމަނީ ވަނީ ޖަޕާނު އަތުން 1-2 އަކުން ބަލިވެފައެވެ. އަދި މިއަދު ގްރޫޕްގައި ކުޅޭ އަނެއް މެޗުގައި ޖަޕާނުން ކޮސްޓާ ރީކާ ބަލިކޮށްފިނަމަ ސްޕެއިން އަތުން ދަށްވެގެން ޖާމަނީ ކަޓާނެއެވެ.

މިރޭގެ މެޗުން މުސިއާލާގެ ފަރާތުން ރަނގަޅު ކުޅުމެއް ފެންނާނެ ކަމަށް އުއްމީދުކުރެވޭ/ފޮޓޯ: ފީފާ

7-0 އަކުން ކޮސްޓާރީކާ ބަލިކުރި ސްޕެއިން އޮތީ ގްރޫޕްގެ އެއްވަނައިގައެވެ. މިއީ މި ގްރޫޕްގައި ސްޕެއިން ކުޅޭނެ އެންމެ އުނދަގޫ މެޗަށްވާނެއެވެ. ޖަމާނީ އަށް މޮޅުވުން މުހިންމުވާ އިރު ސްޕެއިންއަށް ވެސް ހަމަޖެހިލައިގެން ދެވަނަ ބުރަށް ދެވޭނީ މިމެޗުން ވެސް މޮޅުވެގެންނެވެ.

އިއްޔެގެ ނަތީޖާތައް

އިއްޔެ ފްރާންސް ވަނީ މިމުބާރާތުގައި ދެވަނަ ބުރަށް ދިޔަ ފުރަތަމަ ޓީމަށް ވެފައެވެ. މިގޮތުން ގްރޫޕްގައި އެޓީމުން ކުޅުނު ދެވަނަ މެޗުގައި 2-1 އަކުން ޑެންމާކް ބަލިކޮށް އެޓީމުން ދެވަނަ ބުރަށް މިދިޔައީ އަދި ބާކީ މެޗެއް ކުޅެން އޮއްވާއެވެ. މި ގްރޫޕްގެ އަނެއް މެޗުގައި އޮސްޓްރޭލިޔާއިން ވަނީ 1-0 އަކުން ޓިއުނީޝިއާ ބަލިކޮށް ދެވަނަ ބުރުގެ އުއްމީދު އާކޮށްފައެވެ.

އެމްބާޕޭ ވަނީ މިމުބާރާތުގައި ވެސް ތިން ލަނޑު ޖަހާފައި/ފޮޓޯ: ފީފާ

އިއްޔެގެ މެޗުތައް ނިމުނު އިރު އެއް ކަމެއް ޔަގީނެވެ. އެއީ ގްރޫޕް ސީގެ ފަހު ދެ މެޗު ވެސް ވަރަށް ފޯރިގަދަވާނެއެވެ. މިގޮތުން ރޭ ޕޮލެންޑް އަތުން 2-0 އަކުން ސައުދީ ބަލިވީ އިރު މެކްސިކޯއާ ދެކޮޅަށް ކުޅޭ އެންމެ ފަހު މެޗުން މޮޅުވެގެން އަނެއް ބުރަށް ސައުދީއަށް ދެވޭނެއެވެ.

އާޖެންޓީނާގެ ފޭނުން ރޭ ހިތް ހަމަޖެހުމުގެ ނޭވާއެއް ލީ ނަމަވެސް ޓީމަށް ދެވަނަ ބުރަށް ދެވެން އޮތީ ފަހު މެޗުގައި ޕޮލެންޑް ބަލިކޮށްގެންނެވެ.