އާންމުންގެ ސިއްހީ ހާލަތު ދެނެގަތުމަށްޓަކައި އަންނަ އަހަރުގެ ކުރީކޮޅު ހާއްސަ ޕްރޮގްރާމެއް ހިންގަވާނެ ކަމަށް، ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ޕްރޮގްރާމަކަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ:

  • ގައިން ގަޔަށް ނާރާ ބަލިތަކުގެ ހާލަތު ރާއްޖޭގައި އޮތް މިންވަރު ދެނެގަނެވިފައި ނުވާ ކަމަށް
  • ކެންސަރު ފަދަ އެތައް ބައްޔަކަށް ހުށަހެޅިފައިވީ ނަމަވެސް، ކުރީކޮޅު ސިއްހީ ފަރުވާ ހޯދަމުން ނުދާ ކަމަށް
"މިހާރު މިވާ ގޮތަކީ ޑައިބަޓީސް ފަދަ ބަލިތައް ހުންނަ މީހުންނަށް ނޭނގޭ އެމީހުން އެބަލި ހުރިކަމެއް. އެމީހުން ޓެސްޓަކަށް ދަނީއެއް ނޫން. ނަމަވެސް މި ޕްރޮގްރާމުން އެކަހަލަ މީހުން އައިޑެންޓިފައި ކުރެވޭނެ. 50 ޕަސެންޓު ޑައިބަޓީސް މީހުންނަށް އެއްވެސް ކަހަލަ ފަރުވާ އެއް ނުލިބޭ. އެއީ އެމީހުންނަކަށް ނޭނގޭ އެމީހުން ޑައިބަޓީސްކަމެއް."
އަހްމަދު ނަސީމް | ހެލްތު މިނިސްޓަރު

އެހެންކަމުން، އަންނަ އަހަރުގެ ޖެނުއަރީ ނުވަތަ ފެބްރުއަރީގައި އާންމުންގެ ސިއްހަތު ދެނެގަތުމަށްޓަކައި ހާއްސަ ޕްރޮގްރާމެއް ހިންގަވާނެ ކަމަށް ވިދާޅުވެ، މިނިސްޓަރު ވިދާޅުވީ، އޭރުން ގައިން ގަޔަށް ނާރާ ބަލިތައް ދެނެގަނެވި، ބަލިތަކުގެ ކުރީކޮޅު ފަރުވާ ހޯދަން ފަސޭހަވެ، ބަލިތަކުގެ ނިސްބަތް މަދުކުރެވޭނެ ކަމަށެވެ.

އޭގެ އިތުރުން، ސިއްހީ ރެކޯޑު ބެލެހެއްޓޭނެ ޑިޖިޓަލް ނިޒާމެއް ގާއިކްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި ރާއްޖޭގެ ސިއްހީ ކަންކަމުގެ ރެކޯޑުތައް އެންމެ އެކަށީގެންވާ ގޮތުގައި ބެލެހެއްޓެމުން ނުދެއެވެ.

"ޑިޖިޓަލް ރެކޯޑު ބަލަހައްޓާއިރު ސެކިއުރިޓީ ކަންކަން ވެސް އެބަ ހުރޭ. އެއީ މީހުންގެ ޕާސަނަލް އިންފޮމޭޝަން އޭގަ ހުންނާނީ. އެހެންވީމަ ވަރަށް ފުރިހަމައަށް އިންތިޒާމްކުރަންޖެހޭ ކަމެއް މިއީ. އެއްވެސް މީހެއްގެ ސިއްޙީ ކަންކަން އެހެން މީހަކަށް އެނގިގެން ނުވާނެ ނޫންތޯ؟
އަހްމަދު ނަސީމް | ހެލްތު މިނިސްޓަރު

މިފަހުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އާއި ދުނިޔޭގެ ސިއްހަތާ ބެހޭ ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ އެހީތެރިކަމާ އެކު ގައުމީ ޔުނިވާސިޓީން ސާވޭ އެއް ހަދައި ވަނީ އާންމުކޮށްގައެވެ. އެ ސާވޭ އިން ދައްކާ ގޮތުން، ދިވެހިންގެ ސިއްހަތު ހުރީ ކަންބޮޑުވާން ޖެހޭ މިންވަރެއްގައެވެ. އެގޮތުން ދުންފަތުގެ އިސްތިއުމާލުކުރުން އޮތް މިންވަރާއި ޑްރަގް ބޭނުންކުރުން، އަދި ކަސްރަތުނުކުރުން ފަދަ ބައިވަރު ކަންކަމަށް އެ ސާވޭގައި އަލިއަޅުވާލާފައިވެއެވެ.