ގަތަރު 2022 ގެ ގްރޫޕް ސީގައި މިރޭ ސައުދީ އަރަބިއްޔާއާއި ޕޮލެންޑް ކުޅުނު ފޯރިގަދަ މެޗު 2-0 އަކުން ޕޮލެންޑް ކާމިޔާބުކޮށްފިއެވެ.
ފުރަތަމަ މެޗުގައި އާޖެންޓީނާ ބަލިކުރި ސައުދީން މިމެޗުގައި ވެސް މޮޅު ކުޅުމެއް ދެއްކި ނަމަވެސް ގޯލަށް އަމާޒުކޮށް އެޓީމުން ފޮނުވާލި ގިނަ ޝޮޓް ދިޔައީ ބޭރަށެވެ. އެހެން ނަމަވެސް މެޗުގައި ޕޮލެންޑްގެ ކީޕަރު ޝެޒްނީ ވަނީ މުހިންމު ސޭވްތަކަށް ވެސް ކޮށްފައެވެ.
މެޗުގެ ފުރަތަމަ ހާފް ނިމެންދަނިކޮށް ފުރަތަމަ ލަނޑެއް ޖަހާ ލީޑު ނެގީ ޕޯލެންޑުންނެވެ. މިގޮތުން، ޕޮލެންޑްގެ ފޯވަޑް ލެވަންޑޯސްކީގެ ޕާހަކުން މި ލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ޕީރާ ޒެލްނިސްކީއެވެ. މިއީ މިމުބާރާތުގައި ޕޮލެންޑުން ޖެހި ފުރަތަމަ ލަނޑެވެ.
މިލަނޑަށް ފަހު ދެން ފެނުނީ ސައުދީއަށް ޕެނަލްޓީއެއް ލިބުނު ތަނެވެ. އެޓީމުގެ ކެޕްޓަން ނެގި މި ޕެނަލްޓީ ޕޮލެންޑްގެ ކީޕަރު ޝެޒްނީ ސަލާމަތްކުރި އިރު ދެން ގޯލަށް ފޮނުވާލި ޝޮޓުވެސް ޝެޒްނީ ސަލާމަތްކުރިއެވެ.
ދެވަނަ ހާފްގައި ވެސް ސައުދީން ގިނަ ހަމަލާތައް އުފެއްދި ނަމަވެސް މެޗުގައި ދެން ވެސް ލަނޑު ޖެހީ ޕޮލެންޑުންނެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ރޮބާޓް ލެވެންޑޯސްކީއެވެ. މިއީ ޔޫރަޕްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު މީގެ ކުރިން ހޯދާފައިވާ ލެވަންޑޯސްކީ ވޯލްޑްކަޕް މުބާރާތެއްގައި ޖެހި ފުރަތަމަ ލަނޑެވެ.
2-0 ގެ ނަތީޖާއަކުން ޕޮލެންޑް މެޗު ކާމިޔާބުކުރި އިރު އެޓީމު މިވަނީ 4 ޕޮއިންޓް ހޯދައިގެން ގްރޫޕްގެ ދެވަނައަށް އަރާފައެވެ. މިމެޗުން ބަލިވި ނަމަވެސް ސައުދީއަށް ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު އަދި އެބަ އޮތެވެ. ގްރޫޕްގައި އެންމެ ފަހުން ކުޅޭ މެޗުގައި މެކްސިކޯ އަތުން މޮޅުވެގެން ސައުދީއަށް ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު ބޮޑު ކުރެވޭނެއެވެ.