ގަތަރުގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑްކަޕް މުބާރާތުގެ ގްރޫޕް ޑީގައި މިއަދު އޮސްޓްރޭލިޔާއާ ޓިއުނީޝިއާ ބައްދަލުކުރި މެޗު 1-0 އަކުން އޮސްޓްރޭލިޔާ ކާމިޔާބުކޮށްިފއެވެ.
މިއީ 2010 ވަނަ އަހަރުގެ ފަހުން ވޯލްޑްކަޕް މެޗަކުން އޮސްޓްރޭލިޔާ މޮޅުވި ފުރަތަމަ ފަހަރަށް ވީ އިރު މިއީ 1974ގެ ފަހުން ބައިކޮޅަށް ގޯލެއް ނުވައްދާ އޮސްޓްރޭލިޔާއިން ވޯލްޑްކަޕް މެޗެއް ނިންމާލީ ފުރަތަމަ ފަހަރެވެ.
މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް މާ ރަނގަޅު ކުޅުމެއް ފެނިފައި ނުވާ އިރު މެޗުގެ ހަމައެކަނި ލަނޑު އޮސްޓްރޭލިޔާއަށް ކާމިޔާބުކޮށް ދިނީ މިޗެލް ޑޫކްއެވެ. މެޗުގެ 23 ވަނަ މިނެޓްގައި އޭނާ މި ލަނޑު ޖެހީ އަރިމަތިން އައި ހުރަހެއް ބޮލުން ޖަހާ ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ.
މިމެޗު ބަލަން ޓޫނިޝިއާގެ ގިނަ ސަޕޯޓަރުން ދަނޑަށް ވަދެ ފޯރި ނަގަމުން ދިޔަ ނަމަވެސް އޮސްޓްރޭލިޔާގެ ޑިފެންސް ފޫއަޅުވާލާ ޓިއުނީޝާ އަށް ގޯލެއް ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ.
މި ނަތީޖާއާއެކު ގްރޫޕް ޑީގައި ކުޅުނު ފުރަތަމަ މެޗުން ފްރާންސް އަތުން ބަލިވި އޮސްޓްރޭލިޔާ މިވަނީ ތިން ޕޮއިންޓާއެކު ތާވަލުގެ ދެވަނައަށް ޖެހިލާފައެވެ.
ޓިއުނީޝިއާއިން ކުޅުނު ފުރަތަމަ މެޗުން އެއްވަރުވީ އިރު ދެވަނަ ބުރަށް ދެން އޮންނާނީ ގްރޫޕް ސްޓޭޖްގެ އެންމެ ފަހު މެޗުގައި ފްރާންސް ބަލިކޮށްގެންނެވެ.