ޗައިނާގައި ހުންނަ އައިފޯން އެސެންބަލް ކުރާ ދުނިޔޭގެ އެންމެ ބޮޑު ފެކްޓަރީގައި އިހުތިޖާޖު ކުރުމަށް ފަހު 20،000 މުވައްޒަފުން ވަޒީފާ ދޫކޮށްލާފައި ގޮސްފިއެވެ.
ރޮއިޓާސް އާއި ޗައިނާގެ އޮންލައިން ބައެއް މީޑިއާތަކުން ބުނި ގޮތުގައި، ފެކްޓަރީ ދޫކޮށް ދިޔަ ގިނަ މީހުންނަނީ، ދާދި ފަހުން އެ ފްކެޓަރީން ކޮވިޑް ފެނި ލޮކްޑައުން ކުރުމަށް ފަހު، މި ހަފްތާގައި މަސައްކަތް އަލުން ފަށާ ވަޒީފާއަށް ނެގި އާ މުވައްޒަފުންނެވެ.
އެމީހުން ވަޒިފާ ދޫކޮށްލީ، މުސާރަ ދިނުމުގައި ޓެކްނިކަލް މައްސަލައެއް ދިމާވި ކަމަށް ބުނެ މެނޭޖުމަންޓަށް މައްސަލަތައް ހައްލު ނުކުރެވުމާއި، ކޮވިޑަށް ޕޮޒިޓިވް ކަމަށް ފާހަގަ ވި ބައެއް މީހުންނާ އެކު މަސައްކަތް ކުރަން ޖެހުމުން ހަޅުތާލު ކުރާތާ ހަފްތާއެއްގެ ފަހުންނެވެ.
އަދި ވަޒީފާ ދޫކޮށްލީ، އެއިން ކޮންމެ މީހަކަށް މުސާރައިގެ ގޮތުގައި 1400 ޑޮލަރު ދިނުމަށް މެނޭޖްމަންޓުން އެއްބަސްވުމުން ކަމަށާއި މެނޭޖްމަންޓުން އެ ނިންމުން ނިންމީ، ހަތުތާލު ހުއްޓުވާލުމުގެ ބޭނުމުގައި ކަމަށްވެސް ހަބަރުތައް ބުނެއެވެ.
ފެކްޓަރީ ކައިރީގައި ހަޅުތާލު ކުރާ މީހުން ފުލުހުންނާއި އަދި ހެޒްމަޓް ސޫޓުގައި ތިބި މީހުންނާ ކުރިމަތިލާފައި ވާ އިރު ޗައިނާގެ ބައެއް ސޯޝަލްމީޑިއާ ޕްލެޓްފޯމް ތަކުގައި އާންމު ވި ވީޑިއޯތަކުން، އެތައްހާސް ބަޔަކު ބަސްތަކަށް އަރަން ފޮށިތަންމަތި ހިފައިގެން ސަފުހަދާފައި ވާ މަންޒަރުތައް ފެނެއެވެ. އަދި ހަޅުތާލު ކުރާ މީހުން މައިތިރި ކުރަން ފުލުހުންނާއި ހެޒްމަޓް ސޫޓުގައި އޮފިޝަލުން ހަރަކާތްތެރި ވާތަން ވެސް ފެނެއެވެ.
އިއްޔެވެސް ޗައިނާގައި 32،943 މީހަކަށް ކޮވިޑް ޖެހިގެން ރިޕޯޓް ކުރިއެވެ. މިއީ ފާއިތު ވި 6 މަސް ދުވަހުގެ ތެރޭގައި ކޭސްތައް މައްޗަށް އަރަމުން ގޮސް އެންމެ ގިނަ ބަޔަކު ޕޮޒިޓިވް ވި ދުވަހެވެ.
އައިފޯން އެސެމްބަލް ކުރާ ދުނިޔޭގެ އެންމެ ބޮޑު ފެކްޓަރީ ފޮކްސްކޮން އަކީ ޓައިވާނަށް ނިސްބަތްވާ ފެކްޓަރީއެކެވެ. އެ ފެކްޓަރީން ކޮވީޑް ފެނި ލޮކްޑައުންގައި އޮތުމުން، އެންމެ ފަހުގެ އައިފޯނަށް އޯޑަރު ކޮށްގެން ތިބި ފަރާތްތަކަށް ފޯނު ލިބުން ލަސްވާނެ ކަމަށް އެޕަލް އިން ވަނީ އިއުލާން ކޮށްފައެވެ.
ފެކްޓަރީގެ ބައެއް ލޮކްޑައުން ކޮށް މަދު އަދަދެއްގެ މުވައްޒަފުން މަސައްކަތް ކުރަން ޖެހިފައިވާ މި ވަގުތުވެސް އައިޕޯން 14 ޕްރޯ އާއި 14 ޕްރޯ މެކްސް އަށް އޮތް ޑިމާންޑް ދަށް ނުވާ ކަމަށް ބުނަމުން އެޕަލް އިން ބުނީ މި ދިމާވި ހާލަތާ ގުޅިގެން ކަސްޓަމަރުންނަށް މަޑުކުރަން ޖެހޭ ވަގުތު އިތުރު ވުމުން، އެންމެ ފަހުގެ 2 ފޯންގެ ޝިޕްމަންޓްތައް މަދުވާނެ ކަމަށް ބެލެވޭ ކަމަށެވެ.