ގަތަރުގައި ހިނގަމުންދާ ފީފާ ވޯލްޑްކަޕް މުބާރާތުގައި ބައިވެރިވާ 32 ޓީމުން މިހާރު އެއް މެޗު ކުޅެފައިވާ އިރު މިއަދު އޭގެ ތެރެއިން ބައެއް ޓީމުތައް ދެވަނަ މެޗަށް ނިކުންނާނެއެވެ. މިގޮތުން މިއަދަށް 4 މެޗު ޝެޑިއުލްކޮށްފައިވާ އިރު މިއަދު ފެނިގެންދާނީ ގްރޫޕް އޭ އަދި ގްރޫޕް ބީގެ މެޗުތަކެވެ.
މެންދުރު 3 ޖަހާ އިރު: ވޭލްސް-އީރާނު
މުބާރާތުގައި ވޭލްސް ކުޅުނު ފުރަތަމަ މެޗުގައި އެޓީމުން ވަނީ އެމެރިކާއާ ވާދަކޮށް 1-1 ގެ ނަތީޖާއެއް ނެރެފައެވެ. އެމެޗުގެ ދެވަނަ ހާފްގައި ވޭލްސްއިން ރަނގަޅު ކުޅުމެއް ދެއްކި އިރު އީރާނާ ދެކޮޅަށް ކުޅޭ މެޗުން މޮޅެއް ލިބިއްޖެނަމަ ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު ބޮޑުވާނެއެވެ.
އީރާނުން މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި 6-2 އަކުން އިންގްލޭންޑް އަތުން ބަލިވި އިރު ވޭލްސްއާ ދެކޮޅަށް ކުޅޭ މެޗުން ދަށްވެއްޖެނަމަ ބާކީ އެއް މެޗު އޮއްވާ އީރާނަށް ކުރިއަށް ދިއުމުގެ ފުރުސަތު ގެއްލޭނެއެވެ. ބައި ކޮޅަށް 6 ލަނޑު ވަތް ނަމަވެސް އީރާނުން ހިތްވަރު ހޯދާނީ އިންގްލޭންޑްގެ ކޮޅަށް ޖެހުނު 2 ލަނޑުންނެވެ.
ހަވީރު 6 ޖަހާ އިރު: ގަތަރު-ސެނެގާލް
ގްރޫޕް އޭގައި މި ދެ ޓީމުން ވެސް ކުޅުނު ފުރަތަމަ މެޗު 2-0 ގެ ސްކޯ ލައިނަނުން ބަލިވި އިރު މުބާރާތް ބާއްވާ ގައުމު ގަތަރުން ނިކުންނާނީ މޮޅެއް ހޯދުމަށެވެ. އެހެން ނަމަވެސް ފުރަތަމަ މެޗުގައި އެކުއަޑޯއާ ދެކޮޅަށް ދެއްކި ކުޅުމަށް ވުރެ އުފެއްދުންތެރި ކުޅުމެއް އެޓީމުން ދައްކަން ޖެހެއެވެ. އަދި ހަމަލާތައް އުފައްދާ ގޯލަށް ނުރައްކާ ކުރަން ޖެހޭނެއެވެ.
ސެނެގާލްއަށް ބަލާ އިރު ފުރަތަމަ މެޗުގައި އެޓީމުން ނެދަލޭންޑްސް އަތުން ބަލިވީ މެޗު ނިމެން ދަނިކޮށް ވަތް ދެ ލަނޑުގެ ސަބަބުންނެވެ. އެމެޗުގައި ސެނެގާލްއަށް ވެސް ރަނގަޅު ފުރުސަތުތައް ލިބުނު ނަމަވެސް ފުރުސަތުތައް ނިންމާލާން ނޭނގޭނުނީއެވެ. ފުރަތަމަ މެޗުން ބަލިވި ނަމަވެސް ދެން ބާކީ އޮތް ދެ މެޗުން މޮޅުވެގެން އަނެއް ބުރަށް ދިއުމުގެ ފުރުސަތު ދެ ޓީމަށް ވެސް އެބައޮތެވެ.
ރޭގަނޑު 9 ޖަހާ އިރު: ނެދެލޭންޑްސް-އެކުއަޑޯ
މުބާރާތް ހުޅުވި މެޗުގައި އެކުއަޑޯއިން ވަނީ ތައުރީފް ހައްގު ކުޅުމެއް ދައްކާލާފައެވެ. މިގޮތުން 2-0 އަކުން އެޓީމުން ގަތަރު ބަލި ކުރި ނަމަވެސް ސްކޯލައިން އިތުރަށް ފުޅާ ކުރާނެ ފުރުސަތުތައް ލިބުނެވެ. އެހެން ނަމަވެސް ނެދަލޭންޑްސްއާ ދެކޮޅަށް ކުޅޭ މެޗު އުނދަގޫވާނެ އިރު މިއީ ގްރޫޕް އޭގެ އެންމެ ފޯރިގަދަ އެއް މެޗަށްވާނެއެވެ.
ނެދެލޭންޑްސްއިން ފުރަތަމަ މެޗުގައި ސެނެގާލްގެ މައްޗަށް ކުރި ހޯދި ނަމަވެސް އެމެޗުގައި ނެދެލޭންޑްސްގެ ޓީމަށް މާ މޮޅު ކުޅުމެއް ދެއްކިފައެއް ނުވެއެވެ. އެހެން ނަމަވެސް މިރޭ މެޗުން މޮޅުވެގެން ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު ފަހި ކުރެވޭނެއެވެ.
ދަންވަރު 12 ޖަހާ އިރު: އެމެރިކާ-އިންގްލޭންޑް
މުބާރާތުގައި އިންގްލޭންޑުން ކުޅުނު ފުރަތަމަ މެޗުގައި ފަސޭހަ ކަމާއެކު އީރާނު ބަލި ކުރި އެމެރިކާއާ ދެކޮޅަަށް ކުޅޭ މެޗުގައި އެއަށް ވުރެ އުނދަގޫ ޓީމަކާ ކުރިމަތިވާނެ ކަމަށް ބެލެވެއެވެ. އީރާނާ ދެކޮޅަށް ކުޅުނު މެޗުގައި ކެޕްޓަން އަދި ފޯވަޑް ހެރީ ކޭންއަށް އިންޖަރީ އެއް ލިބުނު ނަމަވެސް މިއަދުގެ މެޗުގައި އޭނާ ކުޅޭނެ ކަމަށް ބެލެވެއެވެ.
އެމެރިކާއަށް ބަލާ އިރު ވޭލްސްއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފްގައި އެޓީމުން ވަނީ އާދިޔާ ހިލާފު މޮޅު ކުޅުމެއް ދައްކާފައެވެ. އެހެން ނަމަވެސް ދެވަނަ ހާފްގައި ކުޅުންތެރިންގެ ބުންވަރު ހުސްވި ވަރުބަލިކަން ފެނިފައިވާ އިރު މިރޭގެ މެޗުން މޮޅެއް ނުހޯދިއްޖެނަމަ ދެވަނަ ބުރަށް ދާން އެމެރިކާއަށް އުނދަގޫވާނެއެވެ.
އިއްޔެގެ ނަތީޖާތައް
އިއްޔެ ކުޅުނު މެޗުތަކަށް ބަލާ އިރު ބްރެޒިލް ވަނީ ސާބީއާ ކޮޅަށް ދެ ލަނޑު ޖަހާ މޮޅެއް ހޯދާފައެވެ. އަދި ޕޯޗުގަލްއަށް ގާނާ ބަލިކުރެވުނީ 3-2 ގެ ހަނި ސްކޯއަކުންނެވެ. ސުވިޓްޒަލޭންޑްއާ ކެމަރޫން ކުޅުނު މެޗުގެ ވެސް ނިމުނީ 1-0 ގެ ހަނި ސްކޯއަކުން ސުވިޓްޒަލޭންޑް ކުރީގައި އޮވެގެންނެވެ.
ސައުތް ކޮރެއާއި އުރުގުއާއި ކުޅުނު މެޗު އެއްވަރުވީ 0-0 އަކުންނެވެ.