އަފްގާނިސްތާނުގެ ވެރިކަން ތޯލިބަނުންނަށް ލިބުމާއެކު، އެމެރިކާ ސިފައިން ފޭބިތާ ގިނަ ދުވަހެއް ނުވެ ޗައިނާގެ ވިޔަފާރެރިންގެ އާ މަންޒިލަކަށް އަފްގާނިސްތާން ހަދައިފިއެވެ.

މައުދަން ހޯދުމާއި، ގެސްޓްހައުސްގެ ވިޔަފާރިއާއި، މޭވާގެ ބާވަތްތައް ކަމަށްވާ މޭބިސްކަދުރާއި އަދި އެނޫންވެސް ތަފާތު އެކި ވިޔަފާރިއަށް އިސްވެސްޓް ކުރާ ވިޔަފާރިވެރިން ދަނީ އިތުރު ވަމުންނެވެ. ތޯލިބާނުންނަށް ވެރިކަން ލިބުމާއެކު ތޯލިބާނުގެ އިސްވެރިން ޗައިނާއަށް ދަތުރެއްވެސް ކުރިއެވެ. އެ ދަތުރަށް ފަހު ޗައިނާގެ ވިޔަފާރިވެރިން ބޮޑެތި އަދަދުތަކުން އަފްގާނިސްތާނުގައި ދަނީ އިސްވެސްޓް ކުރަމުންނެވެ.

ހަބަރުތައް ބުނާ ގޮތުން، މިހާތަނަށް 600 މިލިއަން ޑޮލަރާ ގާތަށް ވަނީ އިންވެސްޓް ކޮށްފައެވެ. ގިނަ ވިޔަފާރިތައް ހުރީ ކާބުލްގެ ރަށްބޭރުގައި ކަމަށާއި ޗައިނާފެ ވިޔަފާރިތަކަށް ހާއްސަ އިމްތިޔާޒުތަކެއް ދީފައި ވާ ކަމަށްވެސް ބުނެއެވެ.

ޗައިނާގެ ވިޔަފަރިވެރިއަކު އަފްގާނިސްތާނުގައި ހުރި އޭނާގެ ގެސްޓްހައުސް ދައްކާލަނީ---

އަފްގާނިސްތާނުގައި އިންވެސްޓް ކޮށްގެން ތިބި ޗައިނާގެ ބައެއް ވިޔަފާރިވެރިން އަލްޖަޒީރާއަށް ދީފައިވާ އިންޓަވިއު ތަކެއްގައި އެމީހުން ބުނެފައި ވަނީ އަފްގާނިސްތާނަކީ ވިޔަފާރިތަކަށް ފަހި ތަނެއް ކަމަށާއި ދިގުމުއްދަތުގެ އިންވެސްޓްމަންޓުތައް ކުރަމުން ދާ ކަމަށެވެ. އަދި އިތުރު ވިޔަފާރިވެރިއަކު ވަނީ އޭނާ ހުޅުވި ގެސްޓްހައުސްއެއް ވެސް އަލްޖަޒީރާގެ ނޫސްވެރިންނަށް ދައްކާލާފައެވެ.

ޗައިނާގެ އިންވެސްޓަރުން އަފްގާނިސްތާނުގައި ފުޅާ ދާއިރާއެއްގައި އިންވެސްޓް ކުރަމުން ދާއިރު ޖެހިގެން އޮތް އިންޑިއާއިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ޗައިނާގެ އިންވެސްޓްމަންޓް ތައް އަފްގާނިސްތާނުގެ އިތުރުން ޕާކިސްތާނުގައިވެސް އެބަހުއްޓެވެ. ޗައިނާއިން 62 ބިލިއަން ޑޮލަރު ހަރަދު ކޮށްގެން ހަދާ ސިލްކް ރޫޓް ނުވަތަ ވިފަފާރީގެ ގުޅުމަކީ ޕާކިސްތާންވެސް ހިމެނޭހެން ދުނިޔޭގެ ވިޔަފާރީގެ ބައްރުތައް ގުޅާލާ ބޮޑު މަޝްރޫއެކެވެ.

މި ސަރަހައްދުގެ ގައުމުތަކުގައި ޗައިނާގެ ބާރުގަދަވެ ޗައިނާގެ މީހުން ތިބުމަކީ އިންޑިއާއާއި އެމެރިކާއިން ރުހޭ ކަމެއް ނޫނެވެ.