ދިވެހި ފައިސާގެ ނިޝާނަކަށް ތާނައިގެ "ރ" ގައި އިތުރު ރޮނގުބުރިއެއް ހިމެނޭހެން ތައާރަފް ކުރި 50 ރުފިޔާގެ އާ ނޫޓު ދައުރުވާ ފައިސާގެ ތެރޭގައި އަންނަ މަހުން ފެށިގެން ބޭނުން ކުރަން ހަމަޖެހިފައިވާ ކަމަށް އެމްއެމްއޭއިން ބުނެފިއެވެ.

އެމްއެމްއޭއިން ނެރުނު އިއުލާނެއްގައި ބުނީ، އަލަށް ޗާޕުކޮށްގެން ނެރުނު 50 ރުފިޔާގެ ނޫޓުގެ ދެފުށުގައި ދިވެހި ރުފިޔާގެ އާ ނިޝާން ހިމަނާފައިވާ ކަމަށެވެ.

ދިވެހި ރުފިޔާގެ އާ ނިޝާން ހިމަނާފައި ވާނީ ނޫޓުގެ މޫނުމަތީގެ ވައާތް ފަރާތުން މަތީގައިވާ، މޫނުމަތީ އަގާއެކު އަދި ނޫޓުގެ ފަހަތުގެ ކަނާއަތް ފަރާތުން މަތީގައިވާ މޫނު މަތީ އަގާއެކު ކަމަށް އެމްއެމްއޭ އިން ވަނީ ބުނެފައެވެ.

މި ނޫޓުގައި ސޮއި ކުރައްވާފައި ވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަލީ ހާޝިމް ކަމަށް އެމްއެމްއޭއިން ބުނެއެވެ.

މި ނޫޓް ޗާޕްކޮށްފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 8 ވަނަ ދުވަހުއެވެ. އަދި އެ ތާރީހް ނޫޓުގެ ތިރީ ކައިރި ފަށުގައި ޖަހާފައިވާނެ ކަމަށާއި މިލާދީ އަދި ހިޖުރީ ތާރީހު ވެސް އެ ނޫޓުން ފެންނާނެ ކަމަށް އެމްއެމްއޭއިން ބުނެއެވެ.

މިހާރު ރާއްޖޭގައި ބޭނުން ކުރާ ކަރުދާސް ނޫޓަކީ ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުމާ ދިމާކޮށް، 2016 ވަނަ އަހަރު ނެރުނު ރަން ދިހަ ފަހެއްގެ ނޫޓެވެ.

އެ ކަރުދާހުގެ ގޮތުގައި 5، 10، 20، 50، 100، 500 އަދި 1،000 ރުފިޔާގެ ނޫޓު ވަނީ ނެރެފައެވެ.

ރަންދިހަ ފަހެއް ނޫޓް ސީރީޒް ބޭނުންކުރަން ފަށާފައި ވަނީ ޖެނުއަރީ، 26، 2016 ގައެވެ.