ވިލިމާލޭގައި ހުންނަ ސިނަމާލެ ފްލެޓް އަމިއްލަ ކުރަން ހުށައަޅާ ފަރާތްތަކުން ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހޭ ބައި މިލިއަނެއްހާ ރުފިޔާ މާފުކޮށް ދިނުމަށް ފިނޭންސް މިނިސްޓްރީން ނިންމައިފިއެވެ.

ފިނޭންސް މިނިސްޓްރީން މި ނިންމުން ނިންމާފައި ވަނީ މާލެ ސިޓީ ކައުންސިލުން އެ ޖޫރިމަނާ މައާފުކޮށް ދިނުމަށް ފިނޭންސް މިނިސްޓްރީގައި އެދުމާ ގުޅިގެންނެވެ. ފިނޭންސް މިނިސްޓްރީން މި ނިންމުމާ ގުޅިގެން މާލެ ސިޓީގެ މޭޔަރު ޑރ، މުހައްމަދު މުއިއްޒު ވަނީ ފިނޭންސް މިނިސްޓްރީއަށް ޝުކުރު އަދާ ކުރައްވާފައެވެ.

"އަޅުގަނޑުމެން ރައްޔިތުންނާ ބައްދަލުކުރީމަ ރައްޔިތުން އެދުނީ މިކަން ކޮށްދޭން. އެހެންވީމަ އަޅުގަނޑުމެން ސަރުކާރުގައި އެދުނީ މިކަން ކޮށްދޭން. އަޅުގަނޑުމެންގެ އެދުމުގެ މަތިން މިކަން ސަރުކާރުން ކޮށްދިނީމަ ވަރަށް ބޮޑަށް ސަރުކާރަށް ޝުކުރު އަދާކުރަން"
މޭޔަރ މުއިއްޒު

މާލެ ސިޓީ ކައުންސިލުން ބުނީ މާލޭގައި ހުރި އެހެން ފްލެޓުތަކެކޭ ވެސް އެއް ފަދައިން ވިލިމާލޭގައި ހުރި ފްލެޓުތައް އަމިއްލަ ކުރުމަށް އެދޭ ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށްދީ، ވިލިމާލެއާއި މާލޭގައި ހުރި 6 ސޯޝަލް ހައުސިން ފްލެޓުތަކުގެ ޖޫރިމަނާ މައާފްކޮށް ދިނުމަށް އެ ކައުންސިލުން ސަރުކާރުގައި އެދިފައިވާނެ ކަމަށެވެ. އެގޮތުން ސިނަމާލެ 4 އަމިއްލަ ކުރަން ހުށައަޅާ ފަރާތްތަކުން ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ 540945 ރުފިޔާ މާފުކޮށް ދިނުމަށް ފިނޭންސް މިނިސްޓްރީން ނިންމާފައިވާ ކަމަށް އެ ކައުންސިލުން ބުނެއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ދައުލަތަށް ލިބެންޖެހޭ ފައިސާ އާއި މުދާ އަނބުރާ ނުލިބޭނެ ކަމަށް ކަނޑައަޅައި ދޫކޮށްލުމުގެ އަމަލު ކުރާނެ އުސޫލުގައި ވާ ގޮތުގެ މަތިން ދައުލަތަށް ނުލިބޭނެ ފައިސާއެއް ކަމުގައި އެފައިސާ ކަނޑައަޅާފައިވާ ކަަމަށެވެ.

ވިލިމާލެ ފްލެޓްތައް އަމިއްލަ ކުރުމަށް ފުރުސަތު ދިނުމަށް ކައުންސިލުން ނިންމީ މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 40 ވަނަ ޖަލްސާގައެވެ. އެ ޖަލްސާގައި ނިންމީ މާލޭގައި ހުރި އެހެން ފްލެޓްތަކެކޭ އެއްފަދައިން ވިލިމާލޭގައި ހުރި ފްލެޓްތައް އަމިއްލަ ކުރުމުގެ ފުރުސަތު އެ ފްލެޓްތަކުގެ ވެރިންނަށް ދިނުމަށާއި ވިލިމާލެ އާއި މާލޭގައި ހުރި 6 ސޯޝަލް ހައުސިން ފްލެޓްތަކުގެ ޖޫރިމަނާ ފައިސާ މާފްކޮށް ދިނުމަށް ރައީސް އޮފީހުގައި އެދުމަށެވެ.