ފީފާ ވޯލްޑްކަޕް 2022 ގައި ވާދަ ކުރާ 32 ޓީމުގެ ތެރެއިން 24 ޓީމުގެ ކުޅުން މިހާތަނަށް ފެނިފައިވާ އިރު ބާކީ އޮތް 8 ޓީމު މިއަދު މެޗުތައް ކުޅޭނެއެވެ. މިގޮތުން މިއަދު ކުޅޭނީ ގްރޫޕް ޖީ އަދި އެޗްގެ މެޗުތަކެވެ.
މެންދުރު 3 ޖަހާ އިރު: ސުވިޓްޒަލޭންޑް - ކެމަރޫން
މުބާރާތުގައި މިހާތަނަށް ފެނުނު އެފްރިކާގެ ގައުމުތަކުގެ ފަރާތުން މާ ރަނގަޅު ކުޅުމެއް ފެނިފައި ނުވާ އިރު އެފްރިކާގެ ގަދަ ބާރެއް ކަމަށްވާ ކެމަރޫންއިން ބޭނުންވާނީ މުބާރާތުގެ ފެށުން ރަނގަޅުކުރަންށެވެ. ހާއްސަކޮށް ގްރޫޕްގައި ބާކީ އޮތް މެޗުތަކަށް ބަލާ އިރު ސުވިޓްޒަލޭންޑާއި ދެކޮޅަށް ކުޅޭ މެޗަކީ ކެމަރޫންއަށް ނަތީޖާއެއް ނެރެވޭނެ މެޗެއް ކަމަށް އެޓީމުން ދެކެއެވެ. އަދި 2018 ވަނަ އަހަރުގެ މުބާރާތަށް އެޓީމު ކޮލިފައިވެސް ނުވާ އިރު މިއަދުގެ މެޗުން ހައިރާންކުރުވަނި ނަތީޖާއެއް ނެރެވޭތޯ ކެމަރޫންއިން އުއްމީދުކުރާނެއެވެ.
ފީފާ ވޯލްޑްކަޕްގައި ޔޫރަޕްގެ ގައުމުތަކުން ވެސް މާމޮޅު ކުޅުމެއް ނުދައްކައެވެ. މިގޮތުން، ޕޮލެންޑް، ޑެންމާކް، ކްރޮއޭޝިޔާ ފަދަ ޓީމުތަކަށް ލަނޑެއް ޖެހިފައި ނުވާ އިރު ގަދަ ޖާމަނީ އިއްޔެވީ ބައްޔެވެ. އެހެން ކަމުން ސުވިޓްޒަލޭންޑްއިން މަސައްކަތް ކުރާނީ މުބާރާތުގައި ނަތީޖާ ނެރުނު ޓީމުތައް ނަކަލު ކުރެވޭތޯއެވެ. ޔޫރޯ 2020 އަދި ވޯލްޑްކަޕް ކޮލިފައިންގައި ވެސް ސުވިޓްޒަލޭންޑުން ރަނގަޅު ކުޅުމެއް ދެއްކި އިރު މިގްރޫޕްގައި ދެން އޮތް ބްރެޒިލް އަދި ސާބިއާއާއި ކުޅުމުގެ ކުރިން 3 ޕޮއިންޓް ހޯދުން ސުވިޓްޒަލޭންޑަށް މުހިންމެވެ.
ހަވީރު 6 ޖަހާ އިރު: އުރުގުއޭ - ސައުތް ކޮރެއާ
މިއީ މިމުބާރާތުގައި ގްރޫޕް އެޗްއިން ފެނިގެންދާ ފުރަތަމަ މެޗަށްވާ އިރު މުބާރާތަށް އުރުގުއޭއިން އަންނަނީ ރަނގަޅު ފޯމެއްގައި ގިނަ އުއްމީދުތަކާއެކުއެވެ. ޔޫރަޕްގެ ބޮޑެތި ޓީމުތަކަށް ގުޅޭ ކުޅުންތެރިން އުރުގުއޭގެ ގައުމީ ޓީމުގައި ހިމެނޭ އިރު މީގެ ތެރޭގައިި ރިއާލް ވަލްވާޑް، ޓޮޓެންހަމްގެ ބެންޓަކޫ އަދި ލިވަޕޫލްގެ ޑާވިން ނިއުނޭޒް ހިމެނެއެވެ.
ދެކުނު ކޮރެއާއަށް ބަލާ އިރު އެގައުމުގެ އެންމެ ހުނަރުވެރި ކުޅުންތެރިޔާ ސޮން ހިއުމިންގް އަށް މިމެޗުގައި ކުޅެވޭނެ ކަމަށް ބެލެވެއެވެ. މުބާރާތުގެ ކުރިން އޭނާގެ ކްލަބަށް ކުޅުނު މެޗެއްގައި ލޮލުގެ ކަށިގަނޑު ފްރެކްޗާ ވެ އޮޕަރޭޝަނެއް ކުރަން ޖެހުނު ނަމަވެސް މިމުބާރާތުގެ ފުރަތަމަ މެޗުން އޭނާ ފެނިގެންދާނެ ކަމަށް ސައުތް ކޮރެއާއިން ކުރިން ވަނީ ބުނެފައެވެ.
ރޭގަނޑު 9 ޖަހާ އިރު: ޕޯޗުގަލް - ގާނާ
މުބާރާތުގެ ކުރިން ވެސް ޕޯޗުގަލްއާ ގުޅޭ ގޮތުން މީޑިއާގެ ފޯކަސް ކެޕްޓަން ރޮނާލްޑޯއަށް ހުއްޓިފައިވާ އިރު މިހަފްތާގައި ކުރީކޮޅު އޭނާ ކުޅެމުންދިޔަ މެންޗެސްޓާ ޔުނައިޓެޑްއިން ވަކިވުން ވާނީ ރޮނާލްޑޯއަށް އިތުރު ސަމާލުކަން ލިބޭނެ ކަމަކަށެވެ. މިމެޗުގައި ރޮނޯލްޑޯއަށް ވޯލްޑްކަޕްގެ ރިކޯޑެއް ހެދުމުގެ ފުރުސަތު ވެސް އެބައޮތެވެ. މިގޮތުން، މިއަދުގެ މެޗުގައި އޭނާއަށް ލަނޑެއް ޖެހިއްޖެނަމަ ރޮނާލްޑޯ ވަނީ ފަސް ވޯލްޑްކަޕް މުބާރާތުގައި ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާއަށެވެ.
ގާނާގެ އަމާޒަށް ވަނީ މެޗުން ބަލި ނުވެ މުބާރާތުގެ ފެށުން ރަނގަޅު ކުރުމެވެ. މިއީ މިގްރޫޕްގައި ގާނާ ކުޅޭނެ އެންމެ އުނދަގޫ މެޗަށްވާނެ އިރު ވޭތުވެދިޔަ ދެ ދުވަހު މުބާރާތުން ފެނުނު ހައިރާން ކުރުވަނިވި ނަތީޖާތަކުން ގާނާއަށް ވެސް ހިތްވަރު ލިބޭނެ ކަން ޔަގީނެވެ.
ދަންވަރު 12 ޖަހާ އިރު: ބްރެޒިލް - ސާބިއާ
މިއީ ގިނަ ދިވެހިން ކެތް މަދުވެފައި ތިބި މެޗެކެވެ. މުބާރާތުގެ ބޮޑެތި ބައެއް ނަންތަކުން ކަމުދާ ކަހަލަ ކުޅުމެއް ދައްކާފައި ނުވާ އިރު އިންގްލޭންޑް، ފްރާންސް އަދި ސްޕެއިން ވަނީ ފެންވަރު ދައްކާލާފައެވެ.
ދެން އޮތީ ބްރެޒިލްގެ ފުރުސަތެވެ. އެންމެ ހުނަރުވެރި ސްކޮޑް ގޮވައިގެން މުބާރާތަށް އައި ބްރެޒިލްގެ ކޮންމެ ޕޮޒިޝަނަކަށް ކުޅޭނެ ދުނިޔޭގެ ފެންވަރުގެ ދެތިން ކުޅުންތެރިން އެބަތިއްބެވެ. ބްރެޒިލްގެ ފުރަތަމަ 11 ނަގަން އުނދަގޫވާނެ އިރު ކޯޗު ޓީޓޭގެ އަމާޒަކަށްވާނީ އާޖެންޓީނާ އަދި ޖާމަނީއަށް ވީ ގޮތަށް ބްރެޒިލްއަށް ނުވެ މެޗުގެ ކުރީކޮޅު ނަތީޖާ ކަށަވަރުކުރުމެވެ.
ސާބިއާއަށް ބަލާ އިރު އެގައުމަކީ ވޯލްޑްކަޕްއަށް މުޅިން އާ ގައުމެއް ނޫން އިރު ޔޫރަޕްގެ ލީގުތަކުގައި ކުޅޭ ކުޅުންތެރިން އެގައުމުގައި އެބަތިއްބެވެ. ފުލަމްގެ މިޓްރޮވިޗް އަދި ޔުވެންޓަސްގެ ޑުސާން ވްލޮހޮވިޗް ފާހަގަކޮށްލެވޭ އިރު ސާބިއާއިން ވެސް ބޭނުންވާނީ ފުރަތަމަ މެޗުން ބަލި ނުވެ މުބާރާތުގައި ކުރިއަށް ދިއުމުގެ ފުރުސަތުތައް ފަހިކުރުމަށެވެ.
އިއްޔެގެ ނަތީޖާތައް
ގަތަރު ވޯލްޑްކަޕްގައި އިއްޔެ ވެސް ހައިރާންކުރުވަނިވި ނަތީޖާއެއް ފެނިގެން ދިޔަ އިރު ގްރޫޕް އީގައި ޖަޕާނުން ވަނީ ފަހަތުން އަރާ ޖާމަނީ ބަލިކޮށްފައެވެ.
ސްޕެއިންއިން ކޮސްޓާ ރީކާ ކޮޅަށް 7 ލަނޑު ޖެހި އިރު ބެލްޖިއަމްއަށް ކެނެޑާގެ ކޮޅަށް ޖެހުނީ އެންމެ ލަނޑެކެވެ. އަދި ކްރޮއޭޝިޔާއަށް މޮރޮކޯ ކޮޅަށް އެންމެ ލަނޑެއް ވެސް ޖެހިފައި ނުވާ އިރު އެމެޗު އެއްވަރުވީ 0-0 އަކުންނެވެ.