ވޯލްޑްކަޕް 2022 ގެ ގްރޫޕް އެފްގައި މިރޭ ބެލްޖިއަމްއާ ކެނެޑާ ކުޅުނު މެޗުގައި މޮޅަށް ކުޅެ ކެނެޑާ ބަލިވެއްޖެއެވެ. ކެނެޑާގެ މައްޗަށް ބެލްޖިއަމްއިން ކުރި ހޯދީ 1-0 ގެ ސްކޯލައިނަކުންނެވެ.
މެޗުގެ ފުރަތަމަ މިނެޓުން ފެށިގެން ގިނަ އިރު ބޯޅަ ހިފަހައްޓައިގެން ކުޅެމުން ދިޔައީ ކެނެޑާއިންނެވެ. އަދި މެޗުގެ 9 ވަނަ މިނެޓްގައި ކެނެޑާއަށް ވަނީ ޕެނަލަޓީއެއް ވެސް ލިބިފައެވެ. އެހެން ނަމަވެސް ކެނެޑާގެ އަލްފަންސޯ ޑޭވީސް ފޮނުވާލި މި ޕެނަލްޓީ ބެލްޖިއަމްގެ ތަޖުރިބާކާރު ކީޕަރު ކޯޓުއާ ވަނީ ސަލާމަތްކޮށްފައެވެ.
މިއަށް ފަހު ވެސް ކެނެޑާއިން ނުރައްކާތެރި އެތަށް ހަމަލާއެއް އުފެއްދި ނަމަވެސް ގޯލަށް އަމާޒުވެފައިވަނީ މީގެ ތެރެއިން މަދު ޗާންސެކެވެ. އަދި ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހުމުގެ ނަތީޖާއަކަށް ވީ ފުރަތަމަ ހާފްގައި ބެލްޖިއަމް ލިބުނު އެންމެ ރަނގަޅު ފުރުސަތުގައި އެޓީމުން ވަނީ ލަނޑު ޖަހާ މެޗުގެ ލީޑު ނަގާފައެވެ.
ބެލްޖިއަމްގެ ޑިފެންސްއިން ކުރިއަށް ފޮނުވާލި ބޯޅައެއް ގޯލުގެ ތެރެއަށް ވައްދާލައިގެން މި ލަނޑު ބެލްޖިއަމްއަށް ކާމިޔާބުކޮށް ދިނީ މިޝީ ބަޓްޝުއާއީއެވެ. މިއީ އޭނާ ބެލްޖިއަމްއަށް ޖަހާ ދިން 27 ވަނަ ލަނޑެވެ.
0-1 ގެ ސްކޯލައިނަކުން ފުރަތަމަ ހާފް ނިމުނު އިރު ދެވަނަ ހާފްގައި ވެސް މޮޅަށް ކުޅެ ގިނަ ހަމަލާތައް އުފެއްދީ ކެނެޑާއިންނެވެ. މެޗުގެ ސްޓެޓިސްޓިކްސް ދައްކާ ގޮތުން މިމެޗުގއި ކެނެޑާއިން ޖުމްލަ 22 ޝޮޓުން ފޮނުވާލި އިރު މީގެ ތެރެއިން ގޯލަށް ނުރައްކާވީ އެންމެ 3 ޝޮޓެވެ.
މެޗު ނިމުނީ އިތުރު ލަނޑެއް ނުޖެހި މި ސްކޯލައިނާއެކުއެވެ. މިނަތީޖާއާއެކު ބެލްޖިއަމް އަށް ތިން ޕޮއިންޓް ލިބުނު އިރު އެޓީމު މިވަނީ ގްރޫޕް އެފްގެ ތާވާލުގެ އެއްވަނައަށް އަރާފައެވެ. މި ގްރޫޕްގައި ފުރަތަމަ ކުޅުނު މެޗުގައި ކްރޮއޭޝިއާއާއި މޮރޮކޯއިން 0-0 އަކުން އެއްވަރުވީ އިރު ދެން ބެލްޖިއަމްއިން ކުޅޭ މެޗުން މޮޅުވެގެން އެޓީމަށް ގްރޫޕްގައި އިތުރު މެޗެއް އޮއްވާ ދެވަނަ ބުރަށް ދެވޭނެއެވެ. ދެން ބެލްޖިއަމް ކުޅެން ޖެހޭނީ މޮރޮކޯއާއެވެ.