ގަތަރުގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑްކަޕް މުބާރާތުގައި ގްރޫޕް އީގައި ސްޕެއިންއާއި ކޮސްޓާ ރީކާ ވާދަކުރި މެޗު ތަފާތު ބޮޑު ނަތީޖާއަކުން ސްޕެއިން ކާމިޔާބުކޮށްފިއެވެ. ޒުވާން ޓީމާއެކު ނިކުތް ސްޕެއިނުން މިމެޗުން މޮޅުވީ 7-0 ގެ ސްކޯ ލައިނަކުންނެވެ.
ސްޕެއިންގެ ގިނަ ކުޅުންތެރިންގެ ފަރާތުން ފާހަގަކޮށްލެވޭ މޮޅު ކުޅުމެއް ފެނިގެން ދިޔަ އިރު 18 އަހަރުގެ ޒުވާން މިޑްފީލްޑަރު ގާވީގެ ފަރާތުން ވަނީ ވަކިން ހާއްސަ ކުޅުމެއް ފެނިފައެވެ. އަދި މެޗުގެ ފުރަތަމަ ލަނޑު ޖެހީ ގާވީގެ މޮޅު ޕާހަކުން ޑޭނީ އަލްމޯއެވެ. މިލަނޑު އެލްމޯ ޖެހީ މެޗުގެ 11 ވަނަ މިނެޓްގައެވެ.
ފުރަތަމަ ހާފްގައި ސްޕެއިންއިން އިތުރު ދެ ލަނޑު ޖެހި އިރު 21 ވަނަ މިނެޓްގައި އެޓީމުގެ ދެވަނަ ލަނޑު ޖަހާ ދިނީ މާކޯ އެންސިއޯއެވެ. އަދި އޭނގެ 10 މިނެޓް ފަހުން ލިބުނު ޕެނަލްޓީއަކުން ސްޕެއިންގެ ތިން ވަނަ ލަނޑު ޖެހީ ފެރާން ޓޮރޯސްއެވެ.
ޓޮރޭސް ވަނީ ދެވަނަ ހާފްގައި ވެސް އިތުރު ލަނޑެއް ޖަހާ ސްކޯ 4-0 އަކަށް ހަދާފައެވެ. ސްޕެއިންގެ ފަސް ވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ 18 އަހަރުގެ ގާވީއެވެ. ގާވީގެ ލަނޑަށް ފަހު މެޗުގެ 90 މިނެޓްގައި ކާލޯސް ސޮލޭ ވެސް ވަނީ ލަނޑެއް ޖަހާފައެވެ.
ސްކޯ 7-0 އަކަށް ހެދީ އަލްވާރޯ މޮރާޓާއެވެ. މިއީ ވޯލްޑްކަޕް މެޗެއްގައި ސްޕެއިން އެންމެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވި ފުރަތަމަ ފަހަރެވެ. އަދި 2010 ވަނަ އަހަރު ސްޕެއިންއިން ވޯލްޑްކަޕް ހޯދި އިރު އެފަހަރު މުޅި މުބާރާތުގައި އެޓީމުން ޖެހީ 8 ލަނޑެވެ.
މިރޭގެ މެޗުގައި ކޮސްޓާރީކާއަށް ގޯލަށް އަމާޒުކޮށް އެންމެ ޝޮޓެއް ވެސް ހެދިފައެއް ނުވެއެވެ.
މިމެޗުން މޮޅުވެ ސްޕެއިން ވަނީ ގްރޫޕް އީގެ އެއްވަނައަށް އަރާފައެވެ. މިގްރޫޕްގެ އަނެއް މެޗުގައި ޖަޕާނުން ޖާމަނީ ބަލިކުރި އިރު ސްޕެއިން އެއްވަނައިގެ އޮތީ ޖެހި ގޯލުގެ ތަފާތުންނެވެ. ގްރޫޕްގެ އެންމެ ފުލުގައި އޮތީ ކޮސްޓާ ރީކާއެވެ.