މިހާރު ގަތަރުގައި ހިނގަމުންދާ ފީފާ ވޯލްޑްކަޕްގައި އެއް ޖިންސުން ގުޅުން ހިންގުން ޕްރޮމޯޓްކޮށް ބޭނުން ކުރާ ވިއްސާރަ ދުނީގެ ނިޝާން ޖަހާފައިވާ އެއްވެސް އެއްޗެއް ބޭނުން ނުކުރެވޭނެ ކަމަށް ފީފާއިން ކަނޑައެޅުމާއި ދެކޮޅަށް ޖާމަނީގެ ކުޅުންތެރިން އިހްތިޖާޖް ކޮށްފިއެވެ.

މިގޮތުން، މިރޭ ގްރޫޕް އީގައި ޖަޕާނާއި ދެކޮޅަށް ނިކުތް މެޗުގެ ކުރިން ޖާމަނީން މެޗުގެ ކުރިން ނެގި ފޮޓޯއަށް ކުޅުންތެރިން ހުއްޓިފައިވަނީ އަނގަމަތީގައި އަތް އަޅައިގެންނެވެ. ޖާމަނީގެ ކޯޗު ހަންސް ފިލިކް ބުނީ މިއީ އޭނާގެ ޓީމުން ފީފާއަށް ދިން މެސެޖެއް ކަމަށާއި މިއީ ފީފާއިން ޓީމުތަކުގެ އަޑު ކަނޑާލަން މަސައްކަތް ކުރާތީ ދިން މެސެޖެއް ކަމަށެވެ.

ވިއްސާރަ ދުނި ބޭނުން ނުކުރެވޭނެ ކަމަށް ފީފާއިން އަންގާފައި ވަނިކޮށް ޔޫރަޕްގެ 7 ޓީމެއްގެ ކެޕްޓަނުން ވަނީ އެ ނިޝާން ޖަހާފައިވާ ކެޕްޓަން އާމްބޭންޑް މެޗުގައި ބޭނުން ކުރާނެ ކަމަށް ބުނެފައެވެ. އެހެން ނަމަވެސް، މިގޮތަށް ނިޝާން ބޭނުން ކުރާ ކުޅުންތެރިން ދަނޑަށް އަރާ ވަގުތު ރީނދޫ ކާޑެއް ދައްކާނެ ކަމުގެ އިންޒާރު ފީފާއިން ދިނުމާއެކު ޔޫރަޕްގެ ގައުމުތަކުން މި ނިންމުން ބަދަލުކުރިއެވެ.

ފީފާއިން ވޯލްޑްކަޕްގައި ވިއްސާރަ ދުނި ބޭނުންކޮށް އެއްޖިންސުން ގުޅުން ހިންގުން ޕްރޮމޯޓްނުކުރުމަށް އަންގާފައިވަނީ މިއީ މުސްލިމް ގައުމެއްގައި ބާއްވާ ފުރަތަމަ ވޯލްޑްކަޕްއަށް ވެފައި ގަތަރުގެ ދީނާ ސަގާފަތްތަކަށް އިހްތިރާމްކުރުމުގެ ގޮތުންނެވެ.

ޖަޕާނުގެ ކުޅުންތެރިން އުފާ ފާޅުކުރަނީ/ފޮޓޯ: ފީފާ ޓުވިޓާ

ޖަޕާނާ ދެކޮޅަށް ކުޅުނު މެޗު ފެށުމުގެ ކުރިން ޖާމަނީން 'މެސެޖެއް' ދިން ނަމަވެސް ދަނޑުމަތީގައި ޖަޕާނުން ވަނީ ހަތަރު ފަހަރު ވޯލްޑްކަޕް ހޯދި ޖާމަނީއަށް އެއަށް ވުރެ މާ ވަރުގަދަ މެސެޖެއް ދީފައެވެ. މިގޮތުން ޖާމަނީއިން ލަނޑެއް ޖަހާފައި ވަނިކޮށް ފަހަތުން އަރާ ދެ ލަނޑު ޖަހައިގެން ޖަޕާނުން މިވަނީ ވަރުގަދަ ޖާމަނީ ސިއްސުވާލާފައެވެ.