ފީފާ ވޯލްޑްކަޕް 2022 ގައި މިރޭ ވެސް ހައިރާން ކުރުވަނިވި ނަތީޖާއެއް ފެނިގެން ގޮއްސިއެވެ. މިގޮތުން މުބާރާތުގެ އެންމެ ވަރުގަދަ ގްރޫޕްގައި ޖާމަނީ އާއި ޖަޕާން ކުޅުނު މެޗު ފަހަތުން އަރާ 2-1 އަކުން ޖަޕާން ވަނީ ކާމިޔާބުކޮށްފައެވެ.
މެޗުގެ ފުރަތަމަ ހާފްގައި ލިބުނު ޕެނަލްޓީއަކުން ޖަމާނީ ލީޑު ނެގި އިރު މި ލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ އިލްކޭ ގުންޑުއާންއެވެ.
ފުރަތަމަ ހާފްގައި ޖަޕާނަށް ވެސް ދެތިން ފުރުސަތު ލިބުނު ނަމަވެސް ހާފް ހާފް ނިމިގެން ދިޔައީ ޖާމަނީ ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފްގައި ޖަޕާނުން ކުޅުން ރަނގަޅުކުރި އިރު އެގައުމުން ވަނީ މެޗުގެ 75 ވަނަ މިނެޓްގައި ލަނޑެއް ޖަހާ ސްކޯ އެއްވަރުކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ރިޓްސޫ ޑޯއާންއެވެ.
މިއަށް ފަހު ދެން ފެނިގެން ދިޔައީ މުބާރާތް ހަތަރު ފަހަރު ހޯދާފައިވާ ޖާމަނީ ސިއްސުވާލި ވަގުތުކޮޅެވެ. ހަނި ދޭތެރެއަކުން ޖަޕާނުގެ ފޯވަޑް ޓަކޫމާ އަސާނޯ ފޮނުވާލި ޝޮޓް ގޯލުގެ ތެރެއަށް ވަތް އިރު ސްކޯ 2-1 އަކަށް ވިއެވެ.
އެއަށް ފަހު ޖާމަނީ ލަނޑު ޖަހަން މަސައްކަތް ކުރި ނަމަވެސް މެޗު ނިމުނީ މިނަތީޖާގައި އޮވެގެންނެވެ. މިއީ އިއްޔެ ސައުދީން އާޖެންޓީނާގެ މައްޗަށް ހޯދި ކާމިޔާބީއާ ހަމަ ނަކަލް ކާމިޔާބީއެކެވެ. މިގޮތުން އާޖެންޓީނާ ވެސް ލީޑު ނެގީ ޕެނަލްޓީއަކުން ކަމަށް ވީ އިރު ސައުދީން ފަހަތުން އަރާ ދެލަނޑު ޖެހީ ވެސް ފަހު ހާފްގެ މަދު މިނެޓް ކޮޅެއްގެ ތެރޭގައެވެ.
މިއާއެކު ޖަޕާނު މިވަނީ ގްރޫޕް އީގެ އެއްވަނަ އަށް ޖެހިލާފައެވެ. އަދި މި ނަތީޖާއާއެކު ޖާމަނީ ވަނީ ގްރޫޕް އީގެ ފުލަށް ވެއްޓިފައެވެ. 2018 ވަނަ އަހަރު ގެ ވޯލްޑްކަޕްގެ ފުރަތަމަ ބުރުން ޖާމަނީ ކެޓި އިރު އެފަހަރު ވެސް އެޓީމުން ފުރަތަމަ ކުޅުނު މެޗުން ވަނީ ބަލިވެފައެވެ.
މި ގްރޫޕްގައި މިރޭ 9 ޖަހާ އިރު ސްޕެއިން އަދި ކޮސްޓާރީކާ ބައްދަލުކުރާނެއެވެ.