ޔަހޫދީ އިޒްރޭލުން ވެރިވެގަނެގެން އުޅޭ ފަލަސްތީނުގެ ޖަރޫސަލަމްގެ 2 ބަސް ސްޓޮޕެއްގައި ދެ ބޮމެއް ގޮއްވާލައިފިއެވެ.

ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓު ކުރާ ގޮތުގައި، ވަކިވަކިން ދިން މި ދެހަމަލާގައި އެކަކު މަރުވެ 14 މީހަކު ޒަހަމްވެފައި ވެއެވެ. މަރުވި މީހާ މަރުވީ ޒަހަމްވެގެން ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދިޔަ ފަހުންނެވެ.

ފުރަތަމަ ހަމަލާގައި 11 މީހަކު ޒަހަމްވި އިރު ދެވަނަ ހަމަލާގައި 3 މީހަކު ޒަހަމްވި ކަމަށާއި، މި ދެ ހަމަލާ ދީފައި ވަނީ ދެ ސަރަހައްދެއްގައި ހުންނަ ބަސް ސްޓޮޕްތަކެއްގައި ކަމަށް ހަބަރުތައް ބުނެއެވެ.

މި ހަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން އުފުލާފައި ނުވަ އިރު އިޒްރޭލުން ތުހުމަތު ކުރަނީ މިއީ ފަލަސްތީނުން ދިން ހަމަލާއެއް ކަމަށެވެ.

މިހަމަލާ ދީފައި މިވަނީ، ޔަހޫދީ ސިފައިން ފަލަސްތީނުގެ 16 އަހަރުގެ ކުއްޖަކު ޝަހީދު ކޮށްލިތާ ގިނަ އިރުތަކެއް ނުވަނީހެވެ.

މިހަމަލާ އާ ގުޅިގެން ޔަހޫދީ ސިފައިން މިހާރު ވަނީ ޖަރޫސަލަމްގެ އެކި ސަރަހައްދުތަކުގައި ޗެކްޕޮއިންޓް ގާއިމުކޮށް ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކޮށްފައެވެ. އަދި ޖެނިން އާއި ސާލިމްގެ ޗެކްޕޮއިންޓް ތައްވެސް މިހާރު ވަނީ ބަންދުކޮށް ބޮޑު ސާޗް އޮޕަރޭޝަނެއް (ބަލާ ފާސްކުރުމުގެ އޮޕަރޭޝަނެއް) ފަށާފައެވެ.

ފަަލަސްތީނުގެ ބިންތައް ހިފައި ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް މީހުން އާބާދު ކުރަމުން ދާ މައްސަލައާއި ފަލަސްތީނުގެ ރައްޔިތުންނަށް ކުރަމުންދާ ދުއްތުރާ ތަކާ ހުރެ، ފަލަސްތީނުގެ ހަމާސް ޖަމާއަތާއި އިޒްރޭލު ސިފައިންނާ ދެމެދު ދާއިމީ ކުރިމަތިލުންތަކެއް ހިނގަމުން ދާ އިރު، ހަމާސްއިން ވަކިވެ ވަކިން ޖަމާއަތެއް ހަދައިގެން އުޅޭ "ލަޔަންސް ޑެން" އިން ދާދިފަހުން ވަނީ އިޒްރޭލުގެ ބަޔަކު ތިބި ބަހަކަށް ހަމަލާ ދީ ބައެއް މީހުން މަރާލާފައެވެ. އެ ހާދިސާއާ ގުޅިގެން، އެ ޖަމާއަތުގެ މީހުން ހޯދުމަށް އިޒްރޭލް ސިފައިން އަތްފުނާ އަޅަމުން ދާ މި ދަނޑިވަޅުގައި ދިން ބޮމުގެ މިހަމަލާ އާ އެކު އިޒްރޭލުން ރައްދު ދޭނެ ކަމަށް މުރާސިލުން ބުނެއެވެ.