އަހަރަކަށް ވުރެ އަހަރެއް ސަރުކާރުގެ ބަޖެޓު ބޮޑުވަމުން ގޮސް، ހަރަދުތައް ބޮޑުކޮށް، ރައްޔިތުންގެ އަތުން ނަގާ ޓެކްސް އެންމެ ފަހުން "ރަންބިސް އަޅާ ކުކުޅަކަށް" ސަރުކާރުން ހަދައިފި ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހަޅާފައިވާ ބަޖެޓު ކޮމިޓީން ދިރާސާކޮށް އެކުލަވާލި ރިޕޯޓަށް ބަހުސްކުރައްވަމުން އީވާ ވަނީ، ދައުލަތުން ހުށަހަޅާފައިވާ ބަޖެޓަކީ ދަރަނި ބޮޑު، އަދި އެހާމެ ހަރަދު ބޮޑު ބަޖެޓެއްގެ ގޮތުގައި އަންނަ އަހަރަށް ލަފާކޮށްފައިވާ ބަޖެޓު ސިފަކުރައްވައި، އެ ބަޖެޓަކީ "އުންމީދީ" ބަޖެޓެއް ކަމަށް ވިދާޅުވި މެންބަރުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

"ރަނގަޅަށް ގަނޑުތައް އުކާނުލާ ވިދާޅުވެއްޖެ މީ އުންމީދީ ބަޖެޓެކޭ. 42 ބިލިއަންގެ ބޮޑު ބަޖެޓެކޭ ވިދާޅުވީމަ ބުނީ މީ އުންމީދީ ބަޖެޓެކޭ. ދަރަނި އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނި މިހާރު 110 ޕަސެންޓަށް އަރައިފިޔޭ ބުނީމަ ބުނީ މީ އުންމީދީ ބަޖެޓެކޭ. ޑެފިސިޓް 11 ބިލިއަނަށް އަރައިފިޔޭ ބުނީ އިއްޒަތްތެރި ރައީސް، މިއީ އުންމީދީ ބަޖެޓެކޭ." އީވާ ވިދާޅުވިއެވެ.

"[ބަޖެޓުގެ] ހަރަދު ބޮޑުވާއިރު ހަރަދު ކުރަނީ ވެސް އިގްތިސޯދު ޖެނެރޭޓް ކުރެވޭނެ ކަހަލަ ކަންކަމަށް ނޫން، އަދި ސަރުކާރުގެ ހަރަދު ބޮޑުކޮށްފައި ރައްޔިތުންގެ އަތުން ނަގާ ޓެކްސް މިހާރު މި ހަދަނީ ރަންބިސް އަޅާ ކުކުޅަށް."
އީވާ އަބްދުالله | މަޖިލިހުގެ ނައިބު ރައީސް

އަމިއްލަ ވިޔަފާރިތަކަށް އޮންނަ ފުރުސަތުތައް ހަނިވަނީ، އަމިއްލަ ވިޔަފާރިތަކަށް ސަރުކާރުން ވަދެއްޖެ!

އީވާ ވިދާޅުވި ގޮތުގައި އޭނާގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ އަމިއްލަ ވިޔަފާރިތަކަށް އޮންނަ ފުރުސަތުތައް ހަނިވަމުންދާ މަންޒަރު ފެންނާތީއެވެ. އޭނާ ވިދާޅުވި ގޮތުގައި، ބޭރު ގައުމުތަކުން އެހީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކުރި ވަރަށް އެހީ ނުލިބުނީމާ ސަރުކާރުން މަޝްރޫއުތައް ހިންގަން ޖެހުނީ އެތެރެއިން ލޯނު ނަގައިގެންނެވެ.

"އެތެރޭގެ ބޭންކުތަކުން ސަރުކާރު ހިންގަން ވެގެން ފައިސާ ނެގީމާ އޭގެ މާނައަކީ އަމިއްލަ ވިޔަފާރިތަކުން ބޭންކުން ދޭން ހުންނަ ލޯނާއި ފައިސާ އާއި ނުހުންނަނީއޭ. އަމިއްލަ ވިޔަފާރިތަކަށް ފުރުސަތު ހަނިވަނީއޭ،" އީވާ ވިދާޅުވިއެވެ.

"އިއްޒަތްތެރި ރައީސް، ދެން އޮތީ ސަރުކާރު ހިންގާ ކުންފުނިތައް. ބޮޑުވަމުން ބޮޑުވަމުން ގޮސް މިހާރު ކިއްލި ތެޅުމާއި ހެދިކާ ހެދުމާއި ބިއުޓީ ޕާލާ ހިންގުން ނޫން ހުރިހާ އަމިއްލަ ވިޔަފާރިއެއްގެ ތެރެއަށް ސަރުކާރު ހިންގާ ކުންފުނިތައް ވަދެއްޖެ."
އީވާ އަބްދުالله | މަޖިލިހުގެ ނައިބު ރައީސް

މިއީ އެމްޑީޕީގެ އަސާސީ ވިސްނުމާ ވެސް ހިލާފުކަމެއް ކަމަށް ވިދާޅުވެ، އީވާ ވިދާޅުވީ:

  • އަމިއްލަ ކުންފުނިތަކުން އެ މީހުންގެ މުވައްޒަފުންނަށް މުސާރަ ދޭން ބޭނުންވާ ކަމަށް
  • އެ މީހުން ވެސް އާމްދަނީ އާއި މަސައްކަތް ބޭނުންވާނެ ކަމަށް
  • އަމިއްލަ ކުންފުނިތަކުން ފައިދާ ވެސް ބޭނުންވާނެ ކަމަށް

ބަނދަރުތަކާ އެކު، އެހެން ވައުދުތައް ވެސް ފުއްދެން ވާނެ!

ނަޝީދުގެ އެންމެ އަރިސް އެއް މެންބަރު އީވާ ވިދާޅުވީ، ފެނާއި ނަރުދަމާ އަދި ބަނދަރަކީ އަސާސީ ހައްގުތަކެއް ކަމަށެވެ. ކޮންމެ ބަނދަރަކާ ގުޅިގެން އެމްޑީޕީން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދެން ޖެހޭނެ ކަމަށް އީވާ ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި، ކޮންމެ ބަނދަރަކާ ގުޅިގެން ކޮރަޕްޝަންގެ މައްސަލަތައް ބެލި، ބޯހިޔާވަހިކަން ފޯރުކޮށްދެވި، މަރުތައް ތަހްގީގު ކުރެވެން ވާނެއެވެ.

"ކޮންމެ ބަނދަރަކާ ގުޅިގެން އެމްއެމްޕީއާރުސީ ހިޔާނާތުގެ ވައްކަން ހޯދާތަން ފެންނަން ޖެހޭނެ. ކޮންމެ ބަނދަރަކާ ގުޅިގެން މި ސަރުކާރުގެ ވެންޓިލޭޓަރު ވައްކަން ހޯދަން އުޅޭތަން ފެންނަން ޖެހޭނެ. ކޮންމެ ބަނދަރަކާ ގުޅިގެން ގަލޮޅު އުތުރު މާލެ އަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން ޖެހޭނެ." އީވާ ވިދާޅުވިއެވެ.

"ކޮންމެ ބަނދަރަކާ ގުޅިގެން ގެއްލިފައިވާ ރިލްވާނާއި މަރާލާފައިވާ ޔާމީނަށް އިންސާފު ހޯދާތަން ފެންނަން ޖެހޭނެ. ކޮންމެ ބަނދަރަކާ ގުޅިގެން އެމްޑީޕީން މަސްވެރިންނަށް ވީ ވައުދުތައް ފުއްދާތަން ފެންނަން ޖެހޭނެ."
އީވާ އަބްދުالله | މަޖިލިހުގެ ނައިބު ރައީސް

ސަރުކާރު ހިންގަނީ އެމްޓީސީސީ އާއި އާދަމް އާޒިމް!

އެއަށްފަހު، އީވާ ނެންގެވީ އެމްޓީސީސީން ހިންގާ ބަނދަރުތަކުގެ މަޝްރޫއުތަކާ ބެހޭ ނުކުތާއެވެ. އީވާ ވިދާޅުވީ، ބަނދަރު ހަދައި ނިންމާލާފައި އެ ހިސާބުން ރައްޔިތުންގެ އުންމީދުތައް ނިންމައެއް ނުލެވޭނެ ކަމަށެވެ.

ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން އީވާ ވަނީ، ސަރުކާރު ހިންގަނީ އެމްޓީސީސީންކަން ދޭހަވާ މޭރުމަކުން ވާހަކަ ދައްކަވައިފައެވެ

"ހީވާ ކަހަލަ އެމްޓީސީސީގެ އާދަމް އާޒިމް ޗުއްޓީ ނަގައިފިއްޔާ ސަރުކާރު ބަންދު ބޯޑު އަޅުވަނީއޭ. އިއްޒަތްތެރި ރައީސް، ހީވާކަހަލަ މަހާ ޖައްރާފަށާއި، ބޮޑު ޖައްރާފަށާއި، އެމްޓީސީސީއަށާއި، އާދަމް އާޒިމަށާއި، ރަނުން ރަނަށް ވެރިކަންކުރަން ދީފަ، ރަނުން ރަނަށް ވައުދު ފުއްދަން ދީފަ، ދެން ތިބި އެންމެން ކޮންމެވެސް ހަފްލާއެއްގަ ރިބަން ކަނޑަން ތިބެންވީއޭ."
އީވާ އަބްދުالله | މަޖިލިހުގެ ނައިބު ރައީސް

"އިއްޒަތްތެރި ރައީސް، އުންމީދު ނިމޭ ހިސާބަކީ ބަނދަރެއް އެކަންޏެއް ނޫން." އީވާ ވިދާޅުވިއެވެ.

ސަރުކާރަށް ފާޑުކިއުން ސަރުކާރުން ސިފަކުރަނީ ހަސަދައިގެ ގޮތުގަ

އީވާ ވިދާޅުވީ، ސަރުކާރަށް ފާޑުކިޔާ ކޮންމެ މީހަކު ސަރުކާރަށް ހަސަދަވެރިވާ ކަމަށް ސަރުކާރުން ސިފަކުރަމުންދާ ކަމަށެވެ. އޭނާ ފާހަގަކުރެއްވީ ސަރުކާރުގެ އެކި ކޮރަޕްޝަންގެ މައްސަލަތަކާއި، އެމްއެމްއޭ އިން ބަޖެޓަށް ދިން ލަފަ އާއި، ރާއްޖެ ބަނގުރޫޓުވުމުގެ މަގަށްދާ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާއި، ޖީއެސްޓީ ބޮޑުކުރުމާ ގުޅިގެން ސަރުކާރަށް ފާޑުކިޔާ ފަރާތްތަކަށް ސަރުކާރަށް ތާއީދުކުރައްވާ މެންބަރުން ދެއްވާ ރައްދުތަކެވެ.

"އެމްއެމްއޭގެ ގަވަރުނަރު ވިދާޅުވީ ހަރަދު މާ ބޮޑު، އެމްއެމްއޭގެ ގަވަރުނަރު އެ ހަސަދަވީ. އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުނީ ސަރުކާރު ހިންގާ ކުންފުނިތަކުގަ ހެސްކިޔާފަ ކޮރަޕްޝަނޭ، އެންޓި ކޮރަޕްޝަން ކޮމިޝަން އެޔޮއް ހަސަދަވީ. މަނިކުފާނު ވިދާޅުވަނީ ޔޫޒަބަލް ރިޒާވާއި، ދޭތެރޭގައި ކަންބޮޑުވޭ، ރައީސް ނަޝީދު އެޔޮއް ހަސަދަވީ. ރައްޔިތުން ބުނަނީ ޖީއެސްޓީ ބޮޑުކުރީމާ ތިމަންނަމެންގެ ޖީބަށް ބުރަވާނެއޭ. ރައްޔިތުން ސަރުކާރާ އެ ހަސަދަވީއޯ." އީވާ ވިދާޅުވިއެވެ.

ދައުރު ނިމެން ކައިރިވީ، މާލޭ ރައްޔިތުންނަށް ސަރުކާރުން ޖެހީ "ނޯ"

އަންނަ އަހަރަކީ ފަސް އަހަރުގެ ދައުރު ނިންމާލާ ބަޖެޓު ކަމަށް އީވާ ވިދާޅުވިއެވެ. ސަރުކާރަށް ހަތަރު އަހަރު ވެގެން ދިޔައިރު މާލޭގެ ރައްޔިތުންނަށް މި ސަރުކާރުން ފަށައިގެން އެއްވެސް ބޯހިޔާވަހިކަމެއް ފޯރުކޮށްދީފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. އީވާ ސިފަކުރެއްވި ގޮތުގައި، މާލޭގެ އެންމެ އަސާސީ ވައުދު ކަމަށްވާ ބޯހިޔާވަހިކަމުގެ ވައުދު ސަރުކާރުން ސޮއްސާލާފައި ވަނީ "ތަރުތީބުގެ ލިސްޓުގެ އެންމެ ތިރިޔަ"ށެވެ.

"މާލޭގެ އެންމެ ބޮޑު އަސާސީ ވައުދު އެވަނީ އިއްޒަތްތެރި ރައީސް [ތަރުތީބު ލިސްޓުގެ ތިރިއަށް ލާފަ]، މިވަރަށް މާލެ ބާކީކޮށްފަ އެބުނަނީ މާލެއާ ނުލާ ވެރިކަން ކުރަންށޭ އެ އުޅެނީ. އިއްޒަތްތެރި ރައީސް، ކުޑަ ރަށެއް ބޮޑު ރަށެއް ތަފާތެއް ނުކުރާނަމޭ ބުނަންޏާ ހަމަ މާލޭގެ ބޯހިޔާވަހިކަން ހިމަނަން ޖެހޭނެ."
އީވާ އަބްދުالله | މަޖިލިހުގެ ނައިބު ރައީސް

އީވާ ވިދާޅުވީ، މާލެ އަށް ސަރުކާރުން "ނޯ" ޖަހާފައި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދެވަނަ ދައުރަކަށް އެދިވަޑައިގެން ނުކުންނެވުމުން، ރައީސަށް ތާއީދުކުރެވޭނެ އެއްވެސް ގޮތެއް ނެތް ކަމަށެވެ.

"މިވަރަށް ސަރުކާރުން މާލެ އަށް ނޯ ޖަހާފައި ދެން ރައީސުލްޖުމްހޫރިއްޔާ ނިކުމެ ވަޑައިގެން ތިމަންނާ އަށް ދެވަނަ ދައުރޭ ވިދާޅުވީމާ އެއީކީ އަޅުގަނޑަކަށް ޗޮއިސް އެއް ނޫން." އީވާ ވިދާޅުވިއެވެ.