ގަތަރުގައި ކުރިއަށްދާ ވޯލްޑްކަޕްގައި މިއަދު ކުޅުނު ތިން ވަނަ މެޗުގައި ގްރޫޕް ސީގައި ޕޮލެންޑާއި މެކްސިކޯ ވާދަކުރި މެޗު 0-0 އަކުން އެއްވަރުވެއްޖެއެވެ.

ދެ ޓީމުގެ ފަރާތުން ވެސް ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ އިރު ގިނަ ހަމަލާތައް އުފައްދާފައިވަނީ މެކްސިކޯއިންނެވެ. މިގޮތުން އެޓީމުން ޕޮލެންޑްގެ ގޯލަށް އަމާޒުކޮށް 14 ޝޮޓް ފޮނުވާލީ އިރު މީގެ ތެރެއިން 4 ޝޮޓް ގޯލަށް ނުރައްކާ ކުރިއެވެ.

ބާސާގެ ފޯވަޑް ރޮބާޓް ލެވަންޑޯސްކީއާއެކު ކުޅެން ނިކުތް ޕޮލެންޑަށް ފޮނުވާލެވުނީ 6 ޝޮޓެވެ. އަދި މީގެ ތެރެއިން ގޯލަށް އަމާޒުވީ އެންމެ ދެ ޝޮޓެވެ. އެހެން ނަމަވެސް މެޗުގެ 2 ވަނަ ހާފްގެ 55 ވަނަ މިނެޓްގައި ޕޮލެންޑަށް ލީޑު ނަގާނެ ރަނގަޅު ފުރުސަތެއް ލިބުނެވެ. މިގޮތުން މެކްސިކޯގެ އޭރިއާ ތެރެއިން ލެވަންޑޯސްކީއަށް ކުރި ފައުލަކަށް މެޗުގެ ވީޑިއޯ އެސިސްޓަންޓް ރެފްރީ ވަނީ ޕޮލެންޑަށް ޕެނަލްޓީއެއް ދީފައެވެ.

ލެވެންޑޯސްކީ ފޮނުވާލި މި ޕެނަލްޓީ މެކްސިކޯގެ ތަޖުރިބާކާރު ކީޕަރު އޮޗާއާ ވަނީ ކުޅަދާނަ ކަމާއެކު ސޭވްކޮށްފައެވެ. 0-0 އަކުން މިމެޗު ނިމުނު އިރު މިރޭ ޑެންމާކާއި ޓިއުނީޝިއާ ކުޅުނު މެޗު ވެސް ނިމުނީ ދެ ޓީމު ކުރެ އެއް ޓީމަށް ވެސް ގޯލެއް ނުޖެހިއެވެ.

މެކްސިކޯގެ ކީޕަރު ވަނީ ޕޮލެންޑްގެ ޕެނަލްޓީ ހިފަހައްޓާފައި/ފޮޓޯ: ފީފާ ޓުވިޓާ

މިމެޗުގެ ނަތީޖާއާއެކު މެކްސިކޯ އަދި ޕޮލެންޑަށް ވެސް ޕޮއިންޓެއް ލިބިފައިވާ އިރު ގްރޫޕް ސީގެ އެއްވަނައިގައި އޮތީ ދުނިޔެ ސިއްސުވާލާ އާޖެންޓީނާ ބަލި ކުރި ސައުދީ އަރަބިއްޔާއެވެ.

މިރޭ އަދި އެއް މެޗު ކުޅޭ އިރު ރާއްޖޭ ގަޑިން ދަންވަރު 12 ޖަހާ އިރު އެންމެ ފަހުގެ ޗެމްޕިއަން ފްރާންސް ނިކުންނާނީ އޮސްޓްރޭލިޔާއާއި ދެކޮޅަށެވެ.