ގަތަރުގައި ހިނގަމުންދާ ފީފާ ވޯލްޑް ކަޕް މުބާރާތުގެ މިހާތަނަށް ފެނުނު އެންމެ ހައިރާން ކުރުވަނިވި މެޗުގައި ސައުދީ އަރަބިއްޔާއިން ގަދަފަދަ އާޖެންޓީނާގެ މައްޗަށް ހޯދި ކާމިޔާބީ ފާހަގަކުރުމަށް މާދަމާއަކީ ގައުމީ ބަންދު ދުވަހެއް ކަމަށް ކަނޑައަޅައިފިއެވެ.
ގްރޫޕް ސީގެ ފުރަތަމަ މެޗުގައި ސައުދީއާއި އާޖެންޓީނާއިން މިއަދު ހަވީރު ކުޅުމު މެޗު ސައުދީން ކާމިޔާބުކުރީ ފަހަތުން އަރާ ދެ ލަނޑު ޖަހާ 2-1 ގެ ސްކޯލައިނަކުންނެވެ.
ސައުދީގެ މިކާމިޔާބީގެ ސަބަބުން އާޖެންޓީނާގެ އިތުރުން މުޅި ދުނިޔެ ވެސް ސިހިގެން ގޮސްފައިވާ އިރު މިއީ ވޯލްޑްކަޕްގެ ތާރީހުގެ ވެސް އެންމެ ހައިރާން ކުރުވަނިވި އެއް ނަތީޖާއެވެ. މީގެ ކުރިން ދުވަހަކުވެސް ސައުދީ އަށް އާޖެންޓީނާ ބަލި ކުރެވިފައި ނުވާ އިރު، މިއީ ސައުދީ ވޯލްޑްކަޕް ކުޅޭ 6 ވަނަ ފަހަރުކަންވެސް ފާހަގަ ކޮށްލަން ޖެހެއެވެ.
ސައުދީގެ މޮޅު ފާހަގަކުރުމަށް މާދަމާއަކީ އެގައުމަށް ބަންދު ދުވަހެއް ކަމަށް ސައުދީގެ ރަސްގެފާނު ކިންގް ސަލްމާން ވަނީ މިހާރު ކަނޑައަޅުއްވާފައެވެ. މިގޮތުން، ސަރުކާރާއި އަމިއްލަ ކުންފުނިތަކުގައި ވަޒީފާ އަދާ ކުރާ މުވައްޒަފުންނާއި ސައުދީގައި ކިޔަވާ ހުރިހާ ކުދިންނަށް މާދަމާ ބަންދުވާނެ ކަމަށް ރަސްގެފާނު ވަނީ ކަނޑައަޅުއްވާފައެވެ. މިކަން އެގައުމުގެ ސަރުކާރުން މިހާރު ވަނީ ކަށަވަރުކޮށްފައެވެ.
ސައުދީ މިއަދު ހޯދި ކާމިޔާބީގައި ޓީމުގެ ޑިފެންސް ލައިނުން މޮޅު ކުޅުމެއް ދައްކާފައިވާ އިރު އެގައުމުން ޖެހި ދެލަނޑަކީ ވެސް ހިތްގައިމު ދެލަނޑެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ސައުދީގެ ކީޕަރު މުހައްމަދު އަލޮވައިސްވަނީ މުހިންމު ހަތަރު ސޭވެއްވެސް ކޮށްފައެވެ.