ގަތަރުގައި ކުރިއަށްދާ ވޯލްޑްކަޕް މުބާރާތުގެ މިރޭ ގްރޫޕް ޑީގައި ޓިއުނީޝިއާއާއި ޑެންމާކް ކުޅުނު މެޗު 0-0 އަކުން އެއްވަރުވެއްޖެއެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މިމެޗުގައި ދެޓީމުގެ ފަރާތުން ވެސް ނުރައްކާތެރި ހަމަލާތައް ފެނިގެން ދިޔަ އިރު ޓިއުނީޝިއާގެ ފަރާތުން ގޯލާ އަމާޒުކޮށް 13 ޝޮޓު ޖެހިއެވެ. މީގެ ތެރެއިން ގޯލަށް ނުރައްކާ ކުރީ އެންމެ ޝޮޓެކެވެ. ޑެންމާކްގެ ފަރާތުން ޖުމްލަ 10 ޝޮޓް ފެނިގެން ދިޔަ އިރު މީގެ ތެރެއިން 4 ޝޮޓް ގޯލަށް ނުރައްކާ ކުރިއެވެ.

އަދި މެޗުގެ ދެވަނަ ހާފްގައި ޑެންމާކުން ފޮނުވާލި ހަމަލާއެއް ވަނީ ދަނޑީގައި ވެސް ޖެހިފައެވެ. ދެވަނަ ހާފްގައި ޓިއުނީޝިއާގެ ފަރާތުން މާ ގިނަ ހަމަލާތަކެއް ނުފެންނަ އިރު މެޗު ނިމިގެން ދިޔައީ 0-0 އަކުންނެވެ. މިއީ، މި މުބާރާތުގައި އެއްވެސް ލަނޑެއް ނުޖެހި ނިމުނު ފުރަތަމަ މެޗެވެ.

މި ނަތީޖާއާއެކު ދެ ޓީމަށް ވެސް ޕޮއިންޓެއް ލިބިފައިވާ އިރު ގްރޫޕް ޑީގައި މިރޭ ފްރާންސްއާއި އޮސްޓްރޭލިޔާ ވާދަކުރާނެއެވެ. މިރޭ 9 ޖަހާ އިރު އޮންނާނީ ގްރޫޕް ސީގެ ދެވަނަ މެޗު ޕޮލެންޑް އަދި މެކްސިކޯ ވާދަކުރާ މެޗެވެ.