ގަތަރުގައި ހިނގަމުންދާ ފީފާ ވޯލްޑްކަޕް މުބާރާތުގެ ގްރޫޕް ސީގައި މިއަދު ކުޅުނު މެޗުގައި މުބާރާތުގެ ފޭވްރިޓް އެއް ޓީމު ކަމަށްވާ އާޖެންޓީނާ ފަހަތުން އަރާ ބަލިކޮށް ސައުދީ އަރަބިއްޔާއިން ތާރީހެއް މޮޅެއް ހޯދައިފިއެވެ.

ގަތަރުގެ ލުސައިލް ސްޓޭޑިއަމްގައި ކުޅުނު މިމެޗު ސައުދީން ކާމިޔާބުކުރީ 2-1 އަކުންނެވެ. މެޗުގެ ފުރަތަމަ ހާފްގައި މުޅިންހެން އާޖެންޓީނާއިން ކުޅުނު އިރު 10 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން އެޓީމަށް ލީޑު ނަގާ ދިނީ ކެޕްޓަން ލައިނަލް މެސީއެވެ. މިލަނޑާއެކު މެސީ ވެގެން ދިޔައީ ވޯލްޑްކަޕްގެ ހަތަރު މުބާރާތުގައި ލަނޑު ޖެހި އާޖެންޓީނާގެ ފުރަތަމަ ކުޅުންތެރިޔާއަށެވެ.

މެސީގެ ޕެނަލްޓީއާއެކު އޭނާ ވީ ހަތަރު ވޯލްޑްކަޕްގައި ލަނޑު ޖެހި ފުރަތަމަ އާޖެންޓީނާގެ ކުޅުންތެެރިޔާއަށް/ފޮޓޯ: ޓުވިޓާ

މެޗުގެ ފުރަތަމަ ހާފްގައި އާޖެންޓީނާއިން އިތުރު ލަނޑެއް ޖެހި އިރު މެޗުގެ 28 ވަނަ މިނެޓްގައި ލަޓޫރޯ މާޓިނޭޒް ޖެހި މިލަނޑު މެޗުގެ ވީޑިއޯ އެސިސްޓަންޓް ރެފްރީން ވަނީ އޮފްސައިޑް ކަމަށް ނިންމާފައެވެ.

ލަނޑު ޖަހާނެ އިތުރު ފުރުސަތުތައް ވެސް އާޖެންޓީނާއަށް ލިބުނު އިރު ފުރަތަމަ ހާފް ނިމިގެން ދިޔައީ 1-0 ގެ ހަނި ސްކޯލައިނަކުން އާޖެންޓީނާ ކުރީގައި އޮވެގެންނެވެ.

ނަމަވެސް ދެވަނަ ހާފްގައި މެޗުގެ އޮއިވަރު ބަދަލުވެގެން ދިޔަ އިރު ދެވަނަ ހާފް ފެށިތާ ތިން މިނެޓްގެ ތެރޭގައި ސައުދީން ވަނީ ލަނޑެއް ޖަހާ ނަތީޖާ ހަމަހަމަކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ސަލާހް އަލް ޝެހްރީއެވެ.

ސައުދީގެ ފުރަތަމަ ލަނޑު ކާމިޔާބުކުރީ ސަލާހް އަލްޝެހްރީ/ފޮޓޯ: ޓުވިޓާ

މެޗުގައި ދެން ވެސް ލަނޑު ޖެހީ ސައުދީންނެވެ. ސަލާމް އަލްދައުސަރީ މެޗުގެ 53 ވަނަ މިނެޓްގައި ޖެހި ލަނޑަކީ މުބާރާތުގައި މިހާތަނަށް ފެނުނު އެންމެ ރީތި އެއް ލަނޑެވެ.

އެއަށް ފަހު މެޗުގައި މުޅިހެން އާޖެންޓީނާ ކުޅުނު ނަމަވެސް ސައުދީން ވަނީ ހިތްވަރުގަދަ ކުޅުމެއް ދައްކާ މިނަތީޖާގައި މެޗު ނިންމާލާފައެވެ. މިއީ ވޯލްޑްކަޕްގެ ތާރީހުގައި ވެސް ފެނުނު އެންމެ ހާއިރާން ކުރުވަނިވި އެއް ނަތީޖާއަށް ވީ އިރު މި މޮޅާއެކު ސައުދީ މިވަނީ ގްރޫޕް ސީގެ އެއްވަނައަށް ޖެހިލާފައެވެ. އަދި އާޖެންޓީނާ އޮތީ ގްރޫޕް ސީގެ ދެވަނައިގައެވެ.