މިދިޔަ އާދިއްތަ ދުވަހު ގަތަރުގައި ފެށި ފީފާ ވޯލްޑްކަޕް މުބާރާތުގެ ގްރޫޕް ސްޓޭޖްގެ މެޗުތައް ކުރިއަށްދާ އިރު މިއަދު ހަތަރު މެޗު ކުޅޭނެއެވެ. މީގެ ތެރޭގައި ގްރޫޕް ސީ ގެ ދެ މެޗާއި ގްރޫޕް ޑީގެ ދެ މެޗު ހިމެނެއެވެ.
މެންދުރު 3 ޖަހާ އިރު: އާޖެންޓީނާ- ސައުދީ އަރަބިއްޔާ
ގްރޫޕް ސީގެ އެވަނަ ނަގާނެ ކަމަށް ބެލެވޭ އާޖެންޓީނާ މުބާރާތަށް ނިކުންނަނީ ދެވަނަ ފޭވަރިޓުންގެ ގޮތުގައެވެ. މިމެޗުގެ ކުރިން ކުޅުނު 36 މެޗުގެ ތެރެއިން އެއްވެސް މެޗަކުން އާޖެންޓީނާ ބަލިވެފައި ނުވާ އިރު ކޯޕާ އެމެރިކާ ޗެމްޕިއަނުން ބޭނުންވާނީ މުބާރާތުގެ ފެށުން ރަނގަޅުކުރުމަށެވެ.
2018 ވަނަ އަހަރު ރަޝިޔާގައި ބޭއްވި ވޯލްޑްކަޕްގެ ފުރަތަމަ މެޗުގައި ރަޝިޔާއިން ވަނީ 5-0 ގެ ނަތީޖާއަކުން ސައުދީ ލަދުގަންނަވާލާފައެވެ. ސައުދީގެ މިފަހަރުގެ އަމާޒަކަށްވާނީ މިއަށް ވުރެ ރަނގަޅު ނަތީޖާއެއް ނެރުމެވެ. މުބާރާތުގައި ކުޅޭ އަރަބި އެހެން ގައުމުތަކުގެ ފެށުން މާ ރަނގަޅު ނޫން އިރު ސައުދީން ބަލާނީ ޑިފެންސިވް ކުޅުމެއް ކުޅެ ގޯލް ހިމާޔަތް ކުރެވޭތޯއެވެ.
މި ދެ ޓީމު މީގެ ކުރިން ބައްދަލުކޮށްފައިވަނީ އެންމެ ފަހަރަކުއެވެ. 2012 ގައި ކުޅުނު ރަހްމަތްތެރިކަމުގެ މިމެޗު ވީ 0-0 އަކުން އެއްވަރެވެ.
ހަވީރު 6 ޖަހާ އިރު: ޑެންމާކް-ޓިއުނީޝިއާ
މިއީ މުބާރާތުގައި ކުޅޭ ގްރޫޕް ޑީގެ ފުރަތަމަ މެޗެވެ. މިމެޗުގެ ކުރިން ޑެންމާކުން ކުޅުނު 5 މެޗުގެ ތެރެއިން ތިން މެޗުން އެގައުމު މޮޅުވި އިރު ދެ މެޗުން ވަނީ ބަލިވެފައެވެ. 2018 ގެ ވޯލްޑްކަޕްގައި އަދި 2020 ގެ ޔޫރޯގައި ވެސް ޑެންމާކްގެ ފަރާތުން ހައިރާން ކުރުވަނިވި މޮޅު ކުުޅުމެއް ފެނިގެން ދިޔަ އިރު ޑެންމާކްއަކީ މިފަހަރު ރަނގަޅު ނަތީޖާތަކެއް ދައްކާނެ ޓީމެއް ކަމަށް ޕަންޑިޓުން ބުނެއެވެ.
މުބާރާތުގެ ކުރިން ޓިއުނީޝިއާ އެންމެ ފަހުން ކުޅުނު 5 މެޗުގެ ތެރެއިން 4 މެޗުން އެގައުމު ވަނީ މޮޅުވެފައެވެ. އެގައުމު ބަލިވީ ބްރެޒިލްއާ ދެކޮޅަށް ކުޅުނު ރަހްމަތްތެރިކަމުގެ މެޗަކުންނެވެ.
މީގެ ކުރިން ޑެންމާކްއާއި ޓިއުނީޝައާ ވާދަކޮށްފައިވަނީ އެންމެ ފަހަރަކުއެވެ. 2002 ވަނަ އަހަރު ކުޅުނު މިމެޗު ޑެންމާކް ކާމިޔާބުކުރީ 2-1 އަކުންނެވެ.
ރޭގަނޑު 9 ޖަހާ އިރު: މެކްސިކޯ-ޕޯލެންޑް
މިއީ މިއަދު ކުޅޭ އެންމެ ފޯރިގަދަ އެއް މެޗަށްވާނެއެވެ. ގްރޫޕް ސީގެ މިމެޗުން ދެ ޓީމުން ވެސް މޮޅެއް ބޭނުންވާނެ އިރު ގްރޫޕްގައި ނަގާނެ ކަމަށް ބެލެވޭ އާޖެންޓީގެ ފަހަތުން ދެވަނަ ބުރަށް ދެވެން އޮތީ ފެށުން ރަނގަޅުކޮށްނެވެ.
ޕޯލެންޑް ޓީމަށް ބަލާ އިރު އެގައުމުގެ ފޯވަޑް ރޮބާޓް ލެވެންޑޯސްކީގެ ފަރާތުން މޮޅު ކުޅުމެއް ފެންނާނެ ކަމަށް ބެލެވެއެވެ. މިސީޒަންގައި ބާސާއާ ގުޅުނު ލެވެންޑޯސްކީ ވަނީ އެޓީމަށް މިހާތަނަށް 19 މެޗު ކުޅެ 18 ގޯލު ޖަހާފައެވެ.
މެކްސިކޯއަށް ބަލާ އިރު ފޯވަޑް ލައިނުގައި އިންޖަރީތައް ހުރި އިރު އެންމެ ކުރިއަށް ކުޅޭނީ ހާވިންގް ލޮޒާނޯ، ހެންރީ މާޓިން އަދި އެލެކްސިސް ވެގާ ކަމަށް ބެލެވެއެވެ.
މިދެ ޓީމު މީގެ ކުރިން ތިން ފަހަރެއްގެ މަތިން ވާދަކުރި އިރު މީގެ ތެރެއިން ދެ ފަހަރު ކުޅުނު މެޗުވީ އެއްވަރެވެ. އަދި އަނެއް ފަހަރު މެކްސިކޯއިން ވަނީ ޕޮލެންޑްގެ މައްޗަށް ކުރި ހޯދާފައެވެ.
ދަންވަރު 12 ޖަހާ އިރު: ފްރާންސް-އޮސްޓްރޭލިޔާ
އެންމެ ފަހުގެ ޗެމްޕިއަންސް ފްރާންސް ތަށި ދިފާއުކުރަން މިރޭ ނިކުންނަ އިރު ޓީމުގެ ފޯވަޑް ލައިން ފެންނަނީ ބަލިކަށިކޮޅެވެ. ހާއްސަކޮށް ރިއާލްގެ ކަރީމް ބެންޒީމާއަށް އަނިޔާވެ ސްކޮޑުން ވަކިވެފައިވާ އިރު ބެންޒީމާގެ ބަދަލުގައި އިތުރު ކުޅުންތެރިއަކު ނުނަގާނެ ކަމަށް ކޯޗު ޑިޑިއޭ ޑިޝޯމްޕް އިއުލާނުކުރުމާއެކު މިކަން މީޑިއާއިން ދަނީ ފާހަގަކުރަމުންނެވެ. އެހެން ނަމަވެސް ފްރާންސް ޓީމުގައި އަދި ވެސް ނަތީޖާ ނެރެވޭނެ ފަދަ ގިނަ ކުޅުންތެރިން ތިބި އިރު 2018 ވަނަ މުބާރާތުން ވިދާލި ކިލިއަން އެމްބާޕޭ ގެ އިތުރުން މިސީޒަންގައި ބާސާއިން ވިދަމުން އަންނަ ޑެމްބެލޭ އަކީ ފާހަގަކޮށްލެވޭ ނަންތަކެވެ.
އޮސްޓްރޭލިޔާ މި މުބާރާތަށް އައި އޭޝިޔާ ސަރަހައްދުގެ ކޮލިފައިންގެ ތިން ވަނަ ހޯދައިގެންނެވެ. އަދި ޓީމުގައި މިވަގުތު އިންޖަރީގެ ގިނަ މައްސަލަތައް ހުރި އިރު ގަތަރު 2022 އިން ރަނގަޅު ނަތީޖާއެއް ނެރެވޭނެ ކަމުގެ އުއްމީދު އެޓީމަށް ކުޑައެވެ.
ގްރޫޕްގެ ޑީގެ މި ދެބައިވެރިން މީގެ ކުރިން 4 ފަހަރެއްގެ މަތިން ބައްދަލުކޮށްފައިވެއެވެ. މީގެ ތެރެއިން ދެ މެޗު ފްރާންސްއިން ކާމިޔާބު ކުރި އިރު އޮސްޓްރޭލިޔާ ވެސް އެއް މެޗު ކާމިޔާބުކުރިއެވެ. ބާކީ އޮތް މެޗު ވީ އެއްވަރެވެ.
އިއްޔެގެ ނަތީޖާތައް
ގަތަރު 2022 ގައި އިއްޔެ ތިން މެޗު ކުޅުނު އިރު ޖުމްލަ 12 ގޯލް ފެނިގެން ދިޔައެވެ. މީގެ ތެރެއިން 8 ލަނޑު ފެނުނީ 6-2 އަކުން އިންގްލެންޑުން އީރާނުގެ މައްޗަށް ކުރި ހޯދި މެޗުގައެވެ.
ފަހު ވަގުތު ޖެހި ދެލަނޑާއެކު ނެދެލޭންޑްސްއިން 2-0 ސެނެގާލް ބަލިކުރި އިރު ފަހަތުން އަރާ ޖެހި ލަނޑާއެކު ވޭލްސްއިން ވަނީ 1-1 އަކުން އެމެރިކާ ހިފަހައްޓާފައެވެ.