ފީފާ ވޯލްޑްކަޕް މުބާރާތުގެ ގްރޫޕް ބީގައި މިރޭ އެމެރިކާއާއި ވޭލްސް ކުޅުނު މެޗު 1-1 އަކުން އެއްވަރު ވެއްޖެއެވެ.
64 ވަނަ އަހަރަށް ފަހު ވޭލްސް އިން ފުރަތަމަ ފަހަރަަށް ވޯލްޑްކަޕް މެޗެއް މިރޭ ކުޅުނު އިރު މިމެޗުގެ ފުރަތަމަ ހާފްގައި މުޅިންހެން ކުޅުނީ އެމެރިކާއެވެ. މިގޮތުން އެމެރިކާއިން ނުރައްކާތެރި ހަމަލާތަކެއް އުފެއްދުނުު އިރު ވޭލްސް ގިނަ ވަގުތު ހޭދަކުރީ އަމިއްލަ ހާފްގައެވެ.
އެމެރިކާގެ ނުރައްކާތެރި ހަމަލާތަކުގެ ނަތީޖާއަކަށް ވީ މެޗުގެ 36 ވަަނަ މިނެޓްގައި ކްރިސްޓިއަން ޕުލިސިކް އުފެއްދި ހަމަލާއަކުން އެމެރިކާގެ ފޯވަޑް ޓިމް ވޭޔާ އެޓީމަށް ލީޑު ނަގައިދިނުމެވެ. މިއީ ވޭޔާ އެމެރިކާއަށް ޖަހާ ދިން 4 ވަނަ ލަނޑަށްވާ އިރު ވޭޔާ އަކީ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެެރިޔާ އަދި މިހާރު ލައިބީރިއާގެ ރައީސް ޖޯޖް ވޭޔާގެ ދަރިފުޅެވެ.
މެޗުގެ ދެވަނަ ހާފްގައި ކުޅުމުގެ އޮއިވަރު ބަދަލުވެގެން ދިޔައެވެ. މިގޮތުން، ވޭލްސްއިން ޓީމުގެ ކުރިއަށް ގެނައި ބަދަލާއެކު ގިނަ ހަމަލާތައް އުފައްދަން ފެށިއެވެ. ވޭލްސްއަށް ނަތީޖާ އެއްވަރު ނުކުރެވުނީ އެމެރިކާގެ ކީޕަރު މެޓް ޓާނާގެ ހުށިޔާރުކަމުންނެވެ.
އެހެން ނަމަވެސް މެޗުގެ 82 ވަނަ މިނެޓްގައި ވޭލްސްއަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށްގެން އެޓީމުން ވަނީ މެޗުގެ ނަތީޖާ ހަމަ ހަމަކޮށްފައެވެ. މި ލަނޑު އެޓީމަށް ޖަހާ ދިނީ ކެޕްޓަން އަދި ތަޖުރިބާކާރު ކުޅުންތެރިޔާ ގެރެތް ބޭލްއެވެ.
މެޗުގެ ނިމުނީ 1-1 ގެ ސްކޯލައިނަކާއެކު ދެ ޓީމަށް ވެސް އެއް ޕޮއިންޓް ލިބިގެންނެވެ. ގްރޫޕް ބީގައި މިރޭ އިންގްލޭންޑާއި އީރާނު ވާދަކުރި މެޗު 6-1 އަކުން އިންގްލޭންޑް ކާމިޔާބުކުރި އެޓީމު އޮތީ 3 ޕޮއިންޓާއި އެކު ތާވަލުގެ އެންމެ ކުރީގައެވެ. އިންގްލޭންޑުން ދެން ކުޅޭނީ އެމެރިކާއާއެވެ. އަދި ވޭލްސް ކުޅެން ޖެހޭނީ އީރާނާއެވެ.