ގަތަރުގައި މިހާރު ކުރިއަށްދާ ވޯލްޑްކަަޕް މުބާރާތުގެ ގްރޫޕް އޭގައި މިރޭ ނެދަލޭންޑްސްއާއި ސެނެގާލް ކުޅުނު މެޗު 2-0 އަކުން ނެދެލާންޑްސް ކާމިޔާބުކޮށްފިއެވެ.
ޔޫރަޕްގެ ބޮޑު ބާރެއް ކަމަށްވާ ނެދެލޭންޑްސްއާއި އެފްރިކާގެ އެންމެ ފަހުގެ ޗެމްޕިއަން ސެނެގާލް ވާދަކުރި މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ފެނިގެން ދިޔައީ ޑިފެންސިވް ކުޅުމެކެވެ. އަދި ދެ ގައުމުން ވެސް މެޗުގެ ދެ ހާފްގައި މާ ގިނަ ހަމަލާތަކެއް އުފައްދާފައި ނުވާ އިރު ދެޓީމުގެ ތެރެއިން ގިނަ ހަމަލާތައް އުފެއްދީ ސެނެގާލްއިންނެވެ.
0-0ގެ ސްކޯ އަކުން މެޗު ނިމެން ދަނިކޮށް މެޗުގެ 85 ވަނަ މިނެޓްގައި ނެދެލޭންޑްސްއިން ވަނީ ލަނޑެއް ޖަހާ މެޗުގައި ކުރި ހޯދާފައެވެ. އެގައުމުގެ ޒުވާން ފޯވަޑް ގެކްޕޯ ޖަހާ ދިން މި ލަނޑަކީ ބާސާގެ މިޑްފީލްޑަރު ފްރޭންކީ ޑި ޔޯންގްގެ ހުރަހަކުން އޭނާ ޖެހި ލަނޑެކެވެ. މިއީ މެޗުގައި ނެދެލޭންޑްސްގެ ފަރާތުން ފެނުނު ހަމަލާތަކުގެ ތެރެއިން ގޯލަށް އަމާޒުވި ފުރަތަމަ ހަމަލާ ވެސް މެއެވެ.
މިލަނޑަށް ފަހު ސެނެގާލްއިން ހަމަލާތައް އުފެއްދުމަށް މަސައްކަތް ކުރި ނަމަވެސް މެޗު ނިމި ނިމި އޮއްވާ ފަހު ހަފްގައި ކުޅެން އެރި ކްލެންސަން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 2-0 ހަދާފައެވެ.
މި މޮޅާއެކު ނެދެލޭންޑްސް ވަނީ އެކުއަޑޯއާއެކު ގްރޫޕް އޭ ގެ އެއްވަނަ އަށް އަރާފައެވެ. ނެދަލޭންޑްސް ދެން ކުޅެން ޖެހޭނީ މުބާރާތް ބާއްވާ ގަތަރާއެވެ. މިމަހުގެ 29 ވަނަ ދުވަހު އެމެޗު އޮންނަ އިރު ގަތަރުން މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ރޭ ވަނީ އެކުއަޑޯ އަތުން ބަލިވެފައެވެ. ސެނެގާލް ދެން ނުކުންނާނީ 2-0 އަކުން ގަތަރު ބަލިކުރި އެކުއަޑޯއާ ދެކޮޅަށެވެ.