އިންޑޮނީޝިއާގެ ޖާވާއަށް ބިންހެލުމެއް އައިސް 56 މީހަކު މަރުވެއްޖެއެވެ. ހުޅަނގު ޖާވާގެ ސިއާންޖިރޫ އަވަށަށް އައި ބިންހެލުމުގައި މަރުވި މީހުންގެ އިތުރުން އެތައް ސަތޭކަ ބަޔަކު ޒަހަމްވި ކަމަށްވެސް ހަބަރުތައް ބުނެއެވެ.

ޔޫއެސް ޖިއޮލޮޖިކަލް ސާވޭން ބުނާ ގޮތުގައި ބިންހެލުން އައީ 5.6 މެގްނިޓިއުޑުގެ ބާރު މިނުގައި ބިމު އަޑިން 10 ކިލޯމީޓަރުގެ ފުން މިނަށެވެ.

މިހާދިސާގައި ޒަހަމް ވި މީހުން ފަރުވާ ހޯދުމަށް ހޮސްޕިޓަލްތަކަށް ގޮސްފައި ވާއިރު، ހޮސްޕިޓަލްތައް ފުރި ގިނަ ބަޔަކަށް ފަރުވާ ދިނީ ބޭރު މަގުމަތީގައި ކަމަށްވެސް ހަބަރުތައް ބުނެއެވެ.

ބިންހެލުން އައި ސަރަހައްދަކީ ބައިބޯ ސަރަހައްދެއް ކަމަށާއި ދޭތެރެ ދޭތެރެއިން ފަރުބަދަ ކަނޑައިގެން ގޮސް ކިސަޑު ފޭބުމުގެ ހާދިސާތައް ހިނގުމުގެ އިތުރުން ވަރަށް ދެރަ ފެންވަރުގައި ގެދޮރު އިމާރާތް ކޮށްފައި ހުންނަ ސަރަހައްދެކެވެ.

ހުޅަނގު ޖާވާގެ ގަވަރުނަރާ ހަވަލާދީ ހަބަރުތައް ބުނާ ގޮތުން، މަދުވެގެން 700 މީހަކު ވަނީ ޒަހަމްވެފައެވެ. އަދި ވެއްޓިފައިވާ ގެތަކުގެ ދަށުވެފައި ގިނަ ބަޔަކު ތިބެދާނެ ކަމަށާއި، އެހެން ކަމާއެކު މަރުވި އަދަދުވެސް އަދި ޒަހަމްވި އަދަދުވެސް މަތިވުން އެކަށީގެންވާ ކަމަށް ގަވަރުނަރު ވަނީ ވިދާޅުވެފައެވެ.

ބިންހެލުމުގެ އަސަރު 100 ކިލޯމީޓަރުގައި އޮތް ވެރިރަށް ޖަކާޓާއަށްވެސް ކުރި ކަމަށް ހަބަރުތައް ބުނެއެވެ.

އިންޑޮނީޝިއާ އަކީ އާންމުކޮށްވެސް ބިންހެލުން އަންނަ ގައުމަކަށް ވާއިރު، 2018 ގައި އެގައުމަށް އައި ބިންހެލުމެއްގައިވެސް 2000 މީހަކު މަރުވިއެވެ.